ފަތުރުވެރިކަމުގެ ފާހަގަކޮށްލެވޭ އެވޯޑުތަކެއް ރާއްޖެއަށް ލިބިއްޖެ

ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތުރުވެރިކަމުގެ ދާއިރާއިން ފާހަގަކޮށްލެވޭ އެވޯޑުތަކެއް ރާއްޖެއަށް ލިބިއްޖެއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނީ ޓްރެވެލް ލެޝަރ އިންޑިއާސް ބެސްޓް އެވޯޑްސް 2020 ގައި ރާއްޖެއަށް "ބެސްޓް ހަނީމޫން ޑެސްޓިނޭޝަން" އެވޯޑު ލިބިފައިވާ ކަމަށެވެ.

ހަމައެއާއެކު، ޗައިނާގެ އެންމެ ކުރިއަރަމުން އަންނަ ޓްރެވަލް އެޖެންސީ އެއްކަމަށްވާ ފްލިގީގެ "ބެސްޓް ޕާޓްނާ އޮފް 2020" ވެސް ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

ޓްރެވެލް ޕްލަސް ލެޝާރ އަކީ ލަގްޒަރީ ޓްރެވަލް އެންޑް ލައިފް ސްޓައިލް މެގަޒިން އެކެވެ. އިންޑިއާގެ އެ ޕަބްލިކޭޝަން ގެ ފަރާތުން ދޭ "ޓްރެވެލް ޕްލަސް ލެޝާރ އިންޑިއާސް ބެސްޓް އެވޯޑްސް 2020" އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމަށް ދެވޭ އެވޯޑެކެވެ.

އެހެން އަހަރުތަކެކޭ އެއްގޮތައް މިއަހަރުވެސް އެވޯޑް ގެ ހައްގުވެރިން ހޮވީ މެގަޒިންގެ ކިޔުންތެރިންގެ މެދުގައި ނެގި އޮންލައިން
ވޯޓަކުންނެވެ.

އޭގެ އިތުރުން މިމަހު ބޭއްވި ފްލިގީގެ އަހަރީ އެވޯޑް ހަފްލާގައި ރާއްޖެއަށް "ބެސްޓް ޕާޓްނާ އޮފް 2020" އާއި "ގޯލްޑަން ފްލިގީ އެވޯޑް" ވަނީ ލިބިފައެވެ.

ފްލިގީ އަކީ ޗައިނާ މާކެޓް ގައި ކުރިއަރަމުން އަންނަ އޮންލައިން ޓްރެވަލް އެޖެންޓެކެވެ. އެގޮތުން ޗައިނާގެ 200 މިލިއަނެންހާ މީހުން ޓްރެވެލް ބުކިން ހެދުމަށް އެ ޕްލެޓްފޯމް ބޭނުންކުރެއެވެ. ޗައިނާގައި ކުލަގަދަކޮށް ފާހަގަކުރާ ޑަބަލް 11 ފެސްޓިވަލް ގައި މިއަހަރު ރާއްޖެ އިން ވަނީ ފްލިގީއާއި ގުޅިގެން ޕްރޮމޯޝަނަލް ކެމްޕޭނެއް ހިންގާފައެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާއެކު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން އިންޑިއާ ވަނީ ރާއްޖެ އަށް ދެވަނަ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ ގައުމުގެ ގޮތުގައި ހިމެނިފަ އެވެ.

ފަތުރުވެރިން އައުން އިތުރުކޮށް މާކެޓް އިތުރަށް ވަރުގަދަކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސް އިން އަންނަނީ ތަފާތު މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ.

އޭގެ ތެރޭގައި، ރޭޑިޔޯ ކެމްޕެއިން، ފެމެލިއަރައިޒޭޝަން ޓްރިޕްސް، އަދި ތަފާތު ވާޗުއަލް އިވެންޓް ތަކުގައި ބައިވެރިވުން ހިމެނެއެވެ.

ޗައިނާ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އެއް މާކެޓެވެ. ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ޗައިނާގެ ފަތުރުވެރިންނަށް ބަންދުކުރުމުގެ ކުރިން މި އަހަރުގެ ޖެނުއަރީ މަހު އެގައުމަށް ރާއްޖެއަށް 31,744 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރި އެރުމެކެވެ. ​ ​

ވިޒިޓް މޯލްޑިވްސް އިން އަންނަނީ ޗައިނާގައި ތަފާތު މާކެޓިންގ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި "ވެއިބޯ" އަދި "ވީޗެޓް" ގައި ކުރިއަށް ގެންދާ ކެމްޕޭނާއި އޮންލައިން ރޯޑް ޝޯ، އަދި އައުޓްޑޯ ކެމްޕޭނުތައް ހިމެނެއެވެ.

އެމްއެމްޕީއާރްސީން ބުނީ މި ދަނޑިވަޅުގައި މިފަދަ އެވޯޑުތައް ރާއްޖެއަށް ލިބުމަކީ ކުރިއެރުމެއް ކަމަށެވެ. އަދި އެފަދަ ކާމިޔާބީތަކުގެ ސަބަބުން ރާއްޖެ އިތުރަށް އިޝްތިހާރުވެ ފަތުރުވެރިންނަށް ރާއްޖެއާމެދު އޮންނަ އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް