އުރީދޫގެ ޑިވައިސްތައް އެމްއައިބީ މެދުވެރިކޮށް އިންސްޓޯލްމަންޓަށް ނެގޭ ގޮތް ހަދައިފި

އުރީދޫ އާއި އެމްއައިބީން ޕާޓްނަޝިޕް އެއްބަސްވުމުގައި ސޮއިކުރުން -- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސް އިން ލިބެން ހުންނަ މޯބައިލް ފޯނު އަދި އެކްސެސަރީ، އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފައިނޭންސިންގް ފެސިލިޓީ މެދުވެރިކޮށް އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން އެމްއައިބީ އުޖާލާ ދިރިއުޅުން ފެސިލިޓީ ގެންގުޅޭ ކޮންމެ މީހަކަށް ވެސް އުރީދޫ އިން ލިބެންހުރި ކޮންމެ ޑިވައިސްއެއްވެސް އިންސްޓޯލްމެންޓަށް ނެގޭނެ ކަމަށެވެ.

އީޖާދީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާއިއެކު އެންމެފަހުގެ ޑިޖިޓަލް ޑިވައިސްތަކުގެ ބޭނުން ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި އުރީދޫ މޯލްޑިވްސް ގެ އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރު، ހުސެއިން ނިޔާޒް ވިދާޅުވީ، އެ ޕާޓްނަޝިޕްގެ ދަށުން އުރީދޫން މާކެޓްކުރާ ފޯނުތަކާއި ޑިވައިސްތައް، މާކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި އިންސްޓޯލްމެންޓް ޕްލޭނެއްގެ ދަށުން ހޯދުމުގެ ފުރުސަތު ހުޅުވާލުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން ކަސްޓަމަރުންނަށް އެންމެ ފަހުގެ ލޯ އެންޑް، މިޑް ރޭންޖް އަދި ހައި އެންޑް ފޯނުތައް އަދި އެކްސެސަރީ، އަންނަނީ ފޯރުކޮށްދެމުންނެވެ.

އުރީދޫ އިން ބުނީ ޑިވައިސްތައް ގަތުމުން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކުގެ ދަށުން ލިބޭ ހިލޭ ޑޭޓާ ފަދަ ފައިދާތައް އެމްއައިބީ ޔޫޑީ ފެސިލިޓީގެ ދަށުން ޑިވައިސްތައް ނަގާ ކަސްޓަމަރުންނަށްވެސް ލިބިގެންދާނެ ކަމަށެވެ.

ހަމައެއާއެކު، އެހެނިހެން ނެޓްވޯކްތަކުގެ ކަސްޓަމަރުންނަށްވެސް އެމްއައިބީ ޕޭމަންޓް ޕްލޭންގެ ދަށުން އުރީދޫ މޯލްޑިވްސް މެދުވެރިކޮށް ބޭނުންވާ ޑިވައިސްއެއް ހެޔޮ އަގުގައި ނެގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.

އެމްއައިބީން ބުނީ އިންސްޓޯލްމެންޓް ޕްލޭން ކަނޑައަޅާނީ ކޮންމެ ކަސްޓަމަރެއްގެ އެވޭލަބަލް ލިމިޓަށް އެކަށޭނަ ގޮތަށް އެމްއައިބީ އިން އެޕްރޫވް ކުރެވިގެން ކަމަށެވެ.

މާލެ އަދި ހުޅުމާލެ އުރީދޫ ޝޮޕަށް ޒިޔާރަތްކޮށް ބޭނުންވާ ފޯނު، އެކްސެސަރީ އަދި ޑިވައިސް އެމްއައިބީ ޔޫޑީ ފެސިލިޓީ މެދުވެރިކޮށް މިހާރު ލިބޭނެއެވެ.

comment ކޮމެންޓް