އަންހެނުންނަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރު ވަނީ ފެއިލްވެފައި: އިދިކޮޅު

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން އަންހެނުންނަށް އިހްތިރާމްނުކުރާކަމާއި، އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.

އަންހެނުންނަށްކުރާ އަނިޔާތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ގައުމު ބިނާކުރުމާއި ގައުމީ އުފެއްދުންތެރިކަމުގައި އަންހެނުންގެ ހިއްސާ ބޮޑުކަން ވަނީ ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް އަންހެނުންނަށް އެކި ގޮތްގޮތުން ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އެފަދަ މައްސަލަތައް މަޑުޖެހިފައިވާ ކަމަށާއި އެކަމާ އެ ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.

ހާއްސަކޮށް، ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވާ އަންހެނުންނަށް އިންސާފު ހޯދައިދިނުމުގައި ސަރުކާރުގެ ހަމަހަމަކަމެއް ނެތްކަމަށާއި، އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ނުކުޅެދިފައިވާ ކަމަށް ބުނެ އެކަން ވަނީ ކުށްވެރިކޮށްފައެވެ.

"އަދި ސަރުކާރުގެ އެންމެ މަތީ ފަންތީގައި ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް ވަރަށް މިނިވަންކަމާއެކު މުޖްތަމައުގައި ހަރަކާތްތެރި ވަމުންދިއުމާއި، ގާނޫނު ނަގަހައްޓާ ތަންފީޒު ކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވަޒީރުން އަންހެނުންގެ ހައްގަށް އުނިކަންލިބޭ އަދި އިންސާފު ގާއިމުކުރުމަށް ނުފޫޒު ފޯރުވާފަދަ މޭރުމުން ވާހަކަދައްކަމުންދާކަމީ މިއަދުގެ ސަރުކާރުން އަންހެނުންނަށް އިހްތިރާމްނުކުރާކަމާއި، އަންހެނުންނަށް ލިބޭ އެކިއެކި އަނިޔާތަކަށް އިންސާފު ހޯދައިދިނުމުގައި ފެއިލްވެފައިވާކަން ހާމަވާކަމެކެވެ." ބަޔާނުގައިވެއެވެ.

އިދިކޮޅުން ބުނީ ސަރުކާރުގެ ދޯހަޅި އަދި ހަމަހަމަ ކަމެއްނެތް ސިޔާސަތުތަކުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ އަނިޔާތަކަށް އިންސާފު ނުލިބި، އަންހެނުންގެ ހައްގުތައް ކަށަވަރު ނުކުރެވުމުގެ ބިރުވެރިކަން އިންތިހާއަށް އޮތްކަމަށާއި އެއީ ބިރުވެރި މެސެޖެއްގެ ގޮތުގައި އެ ކޯލިޝަނުން ދެކޭ ކަމަށެވެ.

އަދި ކޮވިޑް19 އާއި ގުޅިގެން، އަންހެނުންނަށް ކުރާ އަނިޔާތައް ރިޕޯޓްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އުމުރުން ދުވަސްވީ އަންހެނުންނާއި، އެކަނިވެރި މައިންނާއި، ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނާއި، ވަޒީފާއަދާކުރާ އަންހެނުންގެ އިތުރުން އަންހެން ކުދިންގެ ނިސްބަތް އިތުރުވެފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

އިދިކޮޅުން ވަނީ އެފަރާތްތަކަށް ހަމަހަމަކަމާއެކު އިންސާފު ގާއިމުކޮށްދިނުމަށާއި އަންހެނުންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ހަރުދަނާ ނިޒާމެއް ގާއިމުކޮށް، އެފަދަ ކަންކަން އެންމެ ރަނގަޅަށް ބެލެހެއްޓޭނެ އުސޫލުތައް އެކަށައެޅުމަށް ވެސް ސަރުކާރަށް ގޮވާލައިފައެވެ.

އަދި ކޮވިޑް19އާއި ގުޅިގެން މަގުމަތިވެ، ހާލުގައި ޖެހި އަނިޔާއަށް ހުށާއެޅެމުންދާ އަންހެނުންގެ އަދަދު އިތުރުވަމުންދާ ކަމަށައި އެހެންކަމުން އެފަދަ ފަރާތްތަކަށްވެސް ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުން އަވަސްކުރުމަށް ވެސް ގޮވާލާފައިވެއެވެ.

comment ކޮމެންޓް