ފްރައިޓް ފޯވާޑަރުން އިތުރު ޗާޖާޒްތައް ނެގުން ހުއްޓުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ގަވައިދު އިސްލާހުކޮށް: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން މަޖިލީހުގެ 22 ވަނަ ގަވައިދު ކޮމެޓީގައި --

ފްރައިޓް ފޯވާޑަރުން މިހާރު ނަގަމުންދާ އިތުރު ޗާޖާޒްތައް ނެގުން ހުއްޓުވޭނީ އިކޮނޮމިކް މިނިސްޓްރީގެ ގަވައިދު އިސްލާހުކޮށްގެން ކަަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޝިޕިން އޭޖޭންސީތައް ރެގިއުލޭޓްކުރުމާ ބެހޭ ގަވައިދު ގެޒެޓްކުރުމަށް ފަހު އެގަވައިދު ދާދި ފަހުން ވަނީ އުވާލައިފައެވެ.

އެ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

މަޖިލީހުގެ 22 ވަނަ ގަވައިދު ކޮމެޓީގައި ވާހަކަ ދައްކަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ޝިޕިން އޭޖެންސީ ގަވައިދު އެނެމް ފުރަތަމަ އުފެދިގެން އައީ އިމްޕޯޓް މުދަލުގެ އިތުރުން ބައެއް ކަހަލަ ޗާޖާސްތައް ނަަގަމުންދާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. އަދި ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ޝިޕިން އޭޖެންސީ ގަވައިދު އެކުލަވާލައިފައިވަނީ ޗިޕިން އޭޖެންސީން ދޭ އެކިއެކި ހިދުމަތް ރެގިއުލޭޓް ކުރުމުގެ ގޮތުން ކަމަށެވެ.

އެހެންނަމަވެސް ފުރަތަމަ އެކުލަވާލި ޝިޕިން އޭޖެންސީ ގަވައިދު ހާއްސަކޮށްފައި އޮތީ ފްރައިޓް ފޯވާޑިންއަަށްކަމަށް ނަހުލާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ޝިޕިން އޭޖެންސީ ތަކުން ދޭ ހިދުމަތްތަކުގެ ތެރެއިން ފްރައިޓް ފޯވާޑަކީ އެންމެ ހިދުމަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ޝިޕިން އޭޖެންޓަކީ ފްރައިޓް ފޯވާޑާއަކަށް ވިޔަސް ފްރައިޓް ފޯވާޑާއަކަށް ނުވެވޭނެކަަމަށް ނަހުލާ ވިދާޅުވިއެވެ. އަދި ފްރައިޓް ފޯވާޑަރުން ނަގަމުން ދިޔަ އިތުރު ޗާޖުތައް ހުއްޓުވަން މީގެ ކުރިން ކުރި މަސައްކަތް ކާމިޔާބެއް ނުވިކަމަށް ނަހުލާ ވިދާޅުވިއެވެ.

" ޝިޕިން އޭޖެންޓުން ދޫކުރާ ޑީއޯއަކަށް 50 ޑޮލަރަކަށް ވުރެ އިތުރަކަށް ނުނެގޭނެ. އެހެން ނަމަވެސް ފްރައިޓް ފޯވާޑާސްގެ ގަވައިދު ހަދަން ޖެހޭނީ އިކޮނޮމިކް މިނިސްޓްރީން. މިހާރު އެ މަސައްކަތް ކުރެވިގެން މިދަނީ. އަޅުގަނޑު ދެކޭގޮތުގައި މި މައްސަލައަށް ފުރިހަމަ ހައްލު އަންނާނީ ފްރައިޓް ފޯވާޑާސްގައި ފާހަގަކުރާ ޗާޖާސް އެހެން އެއްޗެއްވެސް އިކޮނޮމިކް އެކްޓިވިޓީއެއްގެ ކަމުގައި ވާތީ އިކޮނޮމިކް މިނިސްޓްރީގެ ގަވައިދުގައި ތެރެއަށް ލެވި އެބައި ލެވި އެއްކޮށް ފުރިހަމަވެގެން އައިމަ. އަޅުގަނޑު ދެކޭގޮތުގައި މިބައި ވަރަށް އަވަހަށް ހެދިގެން ދާނެކަމަށް ގަބޫލުކުރަން." ނަހުލާ ވިދާޅުވިއެވެ.

އަދި ޓްރާންސްޕޯޓް މިނިސްޓްރީން އެކަމުގައި ކުރަން ޖެހޭ މަސައްކަތް ނިމިއްޖެކަމަށްވެސް ނަހުލާ ވިދާޅުވިއެވެ. އަދި އިކޮނޮމިކް މިނިސްޓްރީއާއެކު ދެއްކި ވާހަކަތަކާއެކު އެ ގަވައިދު ވަރަށް އަވަހަށް ހަދައިދޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ކަަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޝިޕިން އޭޖެންސީގެ އާ ގަވައިދު އެކުލަވާލައި ގެޒެޓުކުރަން މިހާރު ރައީސް އޮފީހަސް ފޮނުވާފައިވާ ކަަމަށެވެ.

ނަހުލާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާކުރުމަށްވެސް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަަމަށެވެ.

އެގޮތުން ކުރިން ގަރާޖް ރަޖިސްޓްރީކޮށްދެމުން އައި އުސޫލުގެ ތެރެއިން ވެހިކަލް ރެޖިސްޓްރީކުރަނީ ސިޓީ ކައުންސިލްއިން ބެލުމަށް ފަހު ދޭ ސިޓީއެއްގެ މައްޗަށް ކަމަށާއި އެގޮތަށް އެ ތަންތަން ރަޖިސްޓްރީކޮށްދިނުމަށްފަހު އެތަންތަން ދުވަސްކޮޅަކުން ކެފޭއަކަށް ބަދަލުވާތަން ފެންނަމުންދިޔަ ކަަމަށެވެެ.

ނަމަަވެސް އެ މައްސަލަ ހައްލުކުރަން ޓްރާންސްޕޯޓް އޮތޯރިޓީއާއި އިކޮނޮމިކް މިނިސްޓްރީއާއި ކަސްޓަމްސްއާއި ސިޓީ ކައުންސިލްއާ އެއްވިއުގައެއްގެ ތެރެއިން ހުރިހާ މައުލޫމާތެއް ފެންނަގޮތަށް އެޕްލިކޭޝަނެއް ތައާރަފްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ނަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއަށް ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ހައްލުކުރަން އިތުރު މުވައްޒަފުން ނަގައި މުވައްޒަފުން ޓްރެއިންކުރުމަށް މަަސައްކަތްކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް