އިންޑިއާގައި އަލީއެކްސްޕްރެސް އާއި ޗައިނާގެ އިތުރު 42 އެޕެއް ބޭނުން ކުރުން މަނާކޮށްފި

އިންޑިއާއިން ވަނީ އަލީއެކްސްޕްރެސް ހިމެނޭ ގޮތަށް ޗައިނާގެ 43 އެޕެއް އެގައުމުގައި ބޭނުން ކުރުން މަނާކޮށްފަ -- ފޮޓޯ: ގެޓީ

ދިއްލީ (ނޮވެމްބަރު 25): އިންޑިއާއިން އަލީއެކްސްޕްރެސް ހިމެނޭ ގޮތަށް ޗައިނާގެ 43 އެޕެއް އެގައުމުގައި ބޭނުން ކުރުން މަނާކޮށްފި އެވެ.

އިންޑިއާގެ ސަރުކާރުން ބުނި ގޮތުގައި އެގައުމުން އެ ފިޔަވަޅު އެޅީ އެ އެޕްތަކުން އިންޑިއާގެ "ސިޔާދަތާއި އެއްބައިވަންތަކަމާއި ސަލާމަތާއި ހަމަޖެހުމަށް ނުރައްކާވާތީ" އެވެ. އަދި އެ 43 އެޕް މަނާ ކުރީ އެގައުމުގެ ސައިބާ ކްރައިމް ކޯޑިނޭޝަން ސެންޓަރުން އެކުލަވާލާފައިވާ ރިޕޯޓުތަކަށް ބިނާކޮށެވެ.

އިންޑިއާއިން މަނާ ކުރި އެޕްތަކުގެ ތެރޭގައި އަލީއެކްސްޕްރެސް އާއި ލާލާމޫވް ހިމެނެ އެވެ. އަދި މިދިޔަ ޖޫން މަހުގަ އާއި ސެޕްޓެމްބަރު މަހު އެގައުމުން ވަނީ ޗައިނާގެ 177 އެޕް ބޭނުން ކުރުން މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ޓިކްޓޮކްއާއި ބައިޑޫއާއި ވީޗެޓް ހިމެނެ އެވެ.

އިންޑިއާއިން އެފިޔަވަޅުތައް އަޅާފައި ވަނީ އެގައުމާއި ޗައިނާގެ ބޯޑަރުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އިންޑިއާ އާއި ޗައިނާއިން ހިއްސާ ކުރާ ބޯޑަރުގެ އިމާ ބެހޭ ގޮތުން ދެބަސްވުންތައް އުފެދިފައި ވާތީ އެ ސަރަހައްދުގައި ދެ ގައުމުގެ ސިފައިންގެ މެދުގައި ބައެއް ފަހަރު ތަޅާފޮޅުންތައް ހިނގަ އެވެ. ނަމަވެސް މިދިޔަ ޖޫން މަހު ދެ ގައުމުގެ ސިފައިންގެ މެދުގައި ހިނގި ތަޅާފޮޅުމަކަށް ފަހު އެ މައްސަލަ ވަނީ އިތުރަށް ހޫނުވެފަ އެވެ. އެ ތަޅާފޮޅުމުގައި އިންޑިއާގެ 20 ސިފައިން ވަނީ މަރުވެފަ އެވެ. އަދި ޗައިނާގެ ސިފައިންތަކެއް ވެސް މަރުވި ކަމަށް ހަބަރު ފެތުރުނު ނަމަވެސް އެކަމާ ބެހޭ ތަފްސީލެއް އެގައުމުން ނުދެ އެވެ.

އޭގެ ފަހުން ޗައިނާ އާއި އިންޑިއާ އިން ވަނީ ބޯޑަރު ކައިރީގައި ހަރަކާތްތެރިވާ ސިފައިންގެ އަދަދު އިތުރުކޮށްފަ އެވެ. އަދި ދެ ފަރާތުން ގަވާއިދާ ހިލާފަށް ބޯޑަރު ހުރަސްކޮށް، ގައުމުގެ އިމަށް ބަދަލު ގެންނަން މަސައްކަތް ކުރާ ކަމަށް އެއް ގައުމުން އަނެއް ގައުމުގެ މައްޗަށް ވަނީ ތަކުރާރުކޮށް ތުހުމަތުކޮށްފަ އެވެ.

comment ކޮމެންޓް