ޕެޑާއި ޓެމްޕަން ހިލޭ ލިބޭނެ ގޮތް ހަދަން ސްކޮޓްލޭންޑުން ގާނޫނެއް ފާސްކޮށްފި

ޕެޑާއި ޓެމްޕަން ހިލޭ ލިބޭ ގޮތް ހަދަން ސްކޮޓްލޭންޑުން ވަނީ ގާނުނެއް ފާސްކޮށްފަ -- ފޮޓޯ: ރޮއިޓާސް

އެޑިންބަރާ (ނޮވެމްބަރު 25): މައްސަރު ދުވަސްވަރު ބޭނުން ކުރާ ޕެޑާއި ޓެމްޕަން ފަދަ އުފެއްދުންތައް ހިލޭ ލިބޭނެ ގޮތް ހަދަން ގާނޫނެއް ފާސް ކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް ސްކޮޓްލޭންޑު ވެއްޖެ އެވެ.

ސްކޮޓްލޭންޑުގެ ލޭބާ ޕާޓީގެ ހެލްތު އެންޑް ސްޕޯޓްސް ތަރުޖަމާނު އަދި ޕާލިމެންޓު މެމްބަރު މޮނިކާ ލެނަން ހުށަހެޅުއްވި ޕީރިއަޑް ޕްރޮޑަކްޓްސް އެކްޓް އެގައުމުގެ ޕާލިމެންޓުން އިއްޔެ ފާސް ކުރީ ހާޒިރުވެ ތިއްބެވި 121 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލް ފާސް ކުރުމުން އެގައުމުގެ ސްކޫލްތަކާއި ޔުނިވާސިޓީތަކާއި އެހެނިހެން އާއްމު ތަންތަނުގައި ހިލޭ ޕެޑާއި ޓެމްޕަން ފަދަ ތަކެތި ލިބެން ހުންނާނެ އެވެ.

އެ ގާނޫނުގައިވާ ގޮތުން ޕެޑާއި ޓެމްޕަން ހިލޭ ލިބެން ހުންނަކަން ޔަގީން ކުރަން ޖެހޭނީ އާއްމު ތަންތަނާ ހަވާލުވެފައިވާ ފަރާތްތަކުންނެވެ.

ލެނަން ވިދާޅުވި ގޮތުގައި ޕީރިއަޑް ޕްރޮޑަކްޓްސް ގާނޫނު ފާސްކޮށްފައި ވަނީ ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން އެފަދަ ގާނޫނެއްގެ މުހިއްމުކަން ކުރިއަށް ވުރެ ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

"ބަލިމަޑުކަމުގެ ސަބަބުން ޕީރިއަޑް ނުހުއްޓޭނެ އަދި ޓެމްޕަންސް އާއި ޕެޑުތަކާއި އަލުން ބޭނުން ކުރެވޭ [ޕީރިއަޑް] އުފެއްދުންތައް ލިބޭނެ ގޮތްތައް އިތުރު ކުރުން މިހާރު ވަނީ ކުރިއަށް ވުރެ މުހިއްމުވެފަ،" ލެނަން ވިދާޅުވި އެވެ.

އެ ގާނޫނުގެ ދަށުން ހިލޭ ޕީރިއަޑް އުފެއްދުންތައް ފޯރުކޮށްދިނުމަށް އަހަރަކު 11 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ސްކޮޓްލޭންޑުން ލަފާ ކުރެ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ސްކޮޓްލޭންޑުން ވަނީ ސަރުކާރުގެ 6.9 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓެއްގެ ދަށުން އެގައުމުގެ ސްކޫލުތަކާއި ކޮލެޖުތަކާއި ޔުނިވާސިޓީތަކުން ޕެޑާއި ޓެމްޕަން ހިލޭ ލިބޭނެކަން އިއުލާންކޮށްފަ އެވެ. އަދި އެގައުމުގެ ލައިބްރަރީތަކާއި މުނިފޫހިފިލުވާ މަރުކަޒުތަކުން އެފަދަ އުފެއްދުންތައް ހިލޭ ލިބޭނެ ގޮތް ހަދަންވެސް 5.3 މިލިއަން ޑޮލަރު އިންވެސްޓުކޮށްފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް