އިއްޔެ މަރުވެފައި އޮއްވާ ފެނުނު މީހާ މޫދަށް ފޭބީ އަމިއްލައަށް

އިއްޔެ މާލޭ ފަޅު ތެރެއިން މަރުވެފައި އޮއްވާ މީހަކު ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ --

އިއްޔެ މާލޭ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު އިނގިރޭސި މީހާ އަމިއްލައަށް މޫދަށް އެރި އުޅޭ މަންޒަރު ސީސީޓީވީ ކެމެރާ ފޫޓޭޖުން ފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިއްޔެ ހެނދުނު 9:43 އެހާކަންހާއިރު، މާލޭ ޖަލާ ދިމާލުން ފަޅުތެރޭ މޫދަށް މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން ހަރަކާތްތެރިވެފައިވެ އެވެ. ފުލުހުން ގޮސް އެ މީހާ ނެގި އިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ އިނގިރޭސި ވިލާތުގެ 58 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޕްރޮޖެކްޓް ކޮންސަލްޓަންޓު ހެޑްގެ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާ ކުރަމުން ދިޔަ މީހެކެވެ.

އޭނާގެ މަރާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހާމަ ކުރަމުން މިއަދު ފުލުހުން ބުނީ، އެ މީހާ އިއްޔެ ހެނދުނު 9:29 އެހާކަންހާއިރު އަމިއްލައަށް މޫދަށް އެރޭ މަންޒަރު ކެމެރާއިން ފެންނަ ކަމަށެވެ. އަދި އިރުކޮޅަކުން އޭނާގެ ހަށިގަނޑު ހަރަކާތެއް ނެތި ފެންމަތީގައި އޮންނަ މަންޒަރު ފެންނަ ކަމަށް ފުލުހުން ބުންޏެވެ.

އެހެންނަމަވެސް، އެ މީހާ އަމިއްލައަށް މޫދަށް އެރުނީ ކީއްވެ ކަމެއް އަދި އެނގިފައި ނުވެ އެވެ. ފުލުހުންވެސް އެކަމާ ގުޅޭ ހޯދުމެއް ހިއްސާކޮށްފައި ނުވެ އެވެ.

comment ކޮމެންޓް