ހާލަންޑު ހުއްޓުމެއް ނެތް، އަނެއްކާވެސް އަނެއް ރެކޯޑް!

ޑޯޓްމަންޑުގެ ޒުވާން ފޯވާޑް އާލިންގް ހާލަންޑް --- ފޮޓޯ//ލައިވްސްކޯ

ނިމިގެން ދިޔަ ސީޒަނުގެ "ގޯލްޑެން ބޯއީ" ގެ އެވޯޑް ހޯދި ބްރޮޝިއާ ޑޯޓްމަންޑްގެ އާލިންގް ހާލަންޑް ރޭ ޗެމްޕިއަންސް ލީގުގައި ކްލަބް ބްރޫޖް ކޮޅަށް ޖެހި ގޯލާ އެކު އަނެއްކާވެސް އިތުރު ރެކޯޑެއް މުގުރާލައިފި އެވެ.

ޑޯޓްމަންޑުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމު ބްރޫޖްގެ މައްޗަށް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ޑޯޓްމަންޑް ވަނީ އެއްވަނައަށް ޖެހިލައިފަ އެވެ. ދެވަނައިގައި އޮތް ލާޒިއޯއިން ރޭ ޒެނިތް އެސްޓީ ޕީޓާސްބާގް އަތުން 1-3 އިން މޮޅުވެ ދެވަނައިގައި އޮތީ އަށް ޕޮއިންޓާ އެކު އެވެ.

ރޭގެ މެޗު ފަށައިގެން ބްރޫޖްއަށް މިވަގުތު ޔޫރޮޕުގެ އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔާ ކަމަށްވާ 20 އަހަރުގެ ހާލަންޑް ހިފަހައްޓާ ލެވުނީ 18 މިނަޓު އެވެ. ހާލަންޑް އޭނަގެ 14 ވަނަ ގޯލާ އެކު ޑޯޓްމަންޑަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ޖޭޑަން ސަންޗޯ އެވެ.

ދެވަނަ ހާފު ފަށައިގެން އަނެއްކާވެސް ހާލަންޑް ވަނީ އިތުރު ގޯލެއް ޖަހައި އޭނަގެ 15 ވަނަ ގޯލު ހަމަކޮށްފަ އެވެ. އެއާ އެކު ބްރެޒިލްގެ ރޮނާލްޑޯ އެ މުބާރާތުގައި ޖެހި ގޯލަށް ވުރެން ގިނަ ގޯލު ހާލަންޑަށް ހަމަވި އިރު، އޭނާ ވަނީ އެ ގޯލާ އެކު ބޮޑު ރެކޯޑެއް މުގުރާލައިފަ އެވެ. އެއީ އެންމެ އަވަހަށް 15 ގޯލު މުބާރާތުގައި ހަމަކުރި ކުޅުންތެރިޔާގެ މަގާމެވެ. އޭނާ މިއަދަދަށް ގޯލު ޖަހާފައިވަނީ މުބާރާތުގައި މިހާތަނަށް ކުޅެން ލިބުނު އެންމެ 12 މެޗުންނެވެ. މީގެ ކުރިން އެ ރެކޯޑް އޮތް ރޫޑް ވެން ނިސްޓެލްރޫއީ އާއި ރޮބާޓޯ ސޮލްޑާޑޯ 15 ގޯލު ހަމަކޮށްފައި ވަނީ 19 މެޗުންނެވެ.

ހާލަންޑް ވަނީ މީގެ ކުރިން އެންމެ އަވަހަށް ފަސް ގޯލު ހަމަކުރި ރެކޯޑާއި، 10 ގޯލު ހަމަކުރި ރެކޯޑް ވެސް މުގުރާލައިފަ އެވެ. ނުރައްކާ ފޯމެއްގައި ހުރި ހާލަންޑް ވަނީ މި ސީޒަނުގައި މިހާތަނަށް ޖުމުލަ 16 ގޯލު ޖަހައިފަ އެވެ.

މީގެ އިތުރުން ރޭގެ މޮޅަކީ ހުރިހާ މުބާރާތެއް އެއްކޮށްލައިގެން ޑޯޓްމަންޑުން ހޯދި 200 ވަނަ މޮޅެވެ. ޔޫރޮޕުގައި އެ އަދަދަށް މޮޅު ހޯދިފައިވަނީ 13 ކުލަބަކަށެވެ.

comment ކޮމެންޓް