ބީއެމްއެލް އިން އިތުރު ބަޔަކަށް މޮޓަރައިޒްޑް ވީލްޗެއާ ދެނީ

ބީއެމްއެލް އިން މޮޓަރައިޒްޓް ވީލްޗެއާ ހަދިޔާ ކުރުން -- ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ، ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމައިފިއެވެ.

ބޭންކުން ބުނީ ވީލް ޗެއާ ހަދިޔާ ކުރުމަށް 2017 ވަނަ އަހަރު ފެށި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ ހިނގާ ބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއާ ބޭނުން ކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުން ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާ ކޮށްފައިވާ ކަމަށް ބޭންކުން ބުންޏެވެ.

ވީލް ޗެއާ ހަދިޔާކުރުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ އެފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށް، އެތައް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ މިފަދަ މީހުންނަށް ވީލްޗެއާ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން." ޓިމް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރުން ކަމަށެވެ.

މި 65 ވީލްޗެއާ އާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

comment ކޮމެންޓް