ކުރީގެ އަންދާޒާއަށްވުރެ ބޮޑު ގެއްލުމެއް އޭވިއޭޝަން ދާއިރާއަށް ލިބޭނެ: އަޔާޓާ

ވީއައިއޭގައި އެއާކްރާފްޓުތައް ޕާކުކޮށްފައި -- ފޮޓޯ: ވީއައިއޭ: ޓްވިޓާ

ކޮވިޑް19ގެ ބަލިމަޑުކަމާއެކު ދުނިޔޭގެ ވައިގެ ދަތުރުފަތުތުގެ ސިނާއަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި ވަރަށްވުރެ ބޮޑު ގެއްލުމެއް އެ ސިނާއަތަށް ލިބޭނެ ކަމަށް އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓު އެސޯސިއޭޝަން (އަޔާޓާ)އިން ބުނެފިއެވެ.

ދުނިޔޭގެ އޭވިއޭޝަން ދާއިރާގެ ހާލަތާ ގުޅޭގޮތުން އެ ޖަމްއިއްޔާ އިން އާންމުކުރި ރިޕޯޓުގައި ބުނީ މިއަހަރުގެ ޖޫންމަހުގެ އަންދާޒާ އަކީ މި އަހަރުގެ ތެރޭގައި އޭވިއޭޝަން ދާއިރާއަށް 84.3 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ކަމަށެވެ. ނަމަވެސް މިއަހަރުގެ ނިޔަލަށް އެ ސިނާއަތަށްް 118.5 ބިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް މިހާރު އަންދާޒާ ކުރެވޭ ކަމަށް އަޔާޓާ އިން ބުނެފައިވެއެވެ.

އަންނަ އަަހަރުވެސް އޭވިއޭޝަން ދާއިރާ އަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް އަންދާޒާ ކޮށްފައިވާއިރު 2021 ވަނަ އަހަރު ނިމޭއިރު އެ ސިނާއަތަށް 38.7 ބިލިއަން ޑޮލަރުން ގެއްލުންވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އަޔާޓާ އިން ލަފާކުރާގޮތުނައި އަންނަ އަހަރުގެ ފުރަތަމަ ތިންމަހަކީ ވެސް އޭވިއޭޝަން ދާއިރާ އަށް ދަތި ދުވަސްތަކަކަށް ވާނެއެވެ. ނަމަވެސް ދެވަނަ ކުއާޓަރުގައި އެ ސިނާއަތަށް މަޑުމަޑުން ދިރުން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެގޮތުން ކޮވިޑް19 އަށް ވެކްސިނެއް ލިބިއްޖެނަމަ ނުވަތަ ދުނިޔޭގައި އެ ބައްޔަށް ޓެސްޓު ކުރާ މިންވަރު އިތުރުކޮށް ދަތުުރުފަތުރަށް ލުއި ލިބިއްޖެނަމަ އަންނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ދިރުން އަންްނާނެ ކަމަށާއި އެހެން ވެއްޖެނަމަ އަންނަ އަހަރު ނިމޭއިރު އެ ސިނާއަތަށް ފައިދާން ވާން ފަށާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.

އަޔާޓާގެ ސީއީއޯ އަދި ޑެރެކްޓާ ޖެނެރަލް އެލެކްސެންޑްރާ ޑި ޖުނިއާކް ވިދާޅުވީ ކޮވިޑް19ގެ ބަލިމަޑުކަމާއެކު އެވިއޭޝަން ދާއިރާ އަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެއާލައިންތަކުން އެމީހުންގެ ހަރަދުތައް 45 ޕަސެންޓަށް ކުޑަކުރި ނަމަވެސް އެމީހުންނަށް ލިބޭ އާމްދަނީ 60 ޕަސެންޓަށްވުރެ ބޮޑަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނަތީޖާ އަކީ އެވްރެޖުކޮށް ބަލާނަމަ އެއާލައިންތަކުން އުފުލާ ކޮންމެ ފަސިންޖަރަކަށް 66 ޑޮލަރުގެ ގެއްލުމެއް މިއަހަރުތެރޭ ވާނެ. އެއާއެކު ޖުމްލަ ގެއްލުން 118.5 ބިލިއަނަށް އަރާނެ. އަންނަ އަހަރުވެސް 38 ބިލިއަން ޑޮލަރުގެ ގެއްލުމެއް މި ސިނާއަތަށް އަންނާނެ ކަމަށް ލަފާކުރެވޭ. އެންމެ މުހިއްމު ކަމަކީ ރައްކާތެރިކަމުގެ ފިޔަވާޅުތަކާއެކު ބޯޑަރުތައް ހުޅުވާލުން،" އަޔާޓާގެ ސީއީއޯ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބޯޑަރު ހުޅުވާލިނަމަވެސް ގިނަ ބަޔަކު ދަތުރު ކުރަން ފަށާނީ ކަރަންޓީނަށް ލުއި ލިބެން ފެށުމުން ކަމަށެވެ. އޭނާ ވިދާޅުވީ ތާރީހު ފޮތްތަކުގައި 2020 ވަނަ އަހަރު ލިޔެވިގެންދާނީ އޭވިއޭޝަން ދާއިރާ އަށް އެންމެ ބޮޑު ގެއްލުމެއް ލިބުނު އަހަރުގެ ގޮތުގައި ކަމަށެވެ.

އެއާލައިންތަކަށް ބިލިއަން ޑޮލަރުން ގެއްލުންވަމުންދާ ކަމަށާއި، އެ ގެއްލުންތައް ފޫބެއްދުމަށް ސަރުކާރުތަކުން އެހީވާއިރު ދެކޮޅު ޖެއްސުމަށް އެތައް ބިލިއަން ޑޮލަރެއް ހަރަދުން އުނިކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާ އިން ރިކަވަރީ އަށް ކުރާ ދަތުރަކީ ދިގު އަދި އުނދަގޫ ދަތުރަކަށް ވާނެ ކަމަށް އަޔާޓާ އިން ބުނެފައިވެއެވެ. 2019 ވަނ ައަހަރު ނިމުނު އިރު އެ ސިނާއަތް އޮތް ހާލަތަށް ދެވޭނީ އެންމެ އަވަހަށްވެސް 2024 ވަނަ އަހަރު ކަމަށް ލަފާކޮށްފައިވެއެވެ. އެއާއެކުވެސް އެންމެ އަވަހަށް ރިކަވާވާނީ ޑޮމެސްޓިކް މާކެޓްތައް ކަމަށާއި އިންޓަނޭޝަނަލް މާކެޓްތައް ރިކަވާވާން އިތުރު މުއްދަތު ނަގާނެ ކަމަށް އެ ޖަމްއިއްޔާ އިން ލަފާ ކުރެއެވެ.

comment ކޮމެންޓް