ސަރުކާރަށް ތާއީދުކޮށް ވާހަކަދައްކަން މިއަދު ލަދުގަނޭ: މެމްބަރު ޝަހީމް

އޮކްޓޯބަރ 7، 2019: 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 50 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުރެ، ސަރުކާރަށް ތާއީދުކޮށް ވާހަކަދައްކަން މިހާރު ލަދުގަންނަ ކަމަށް، ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވެއްޖެއެވެ.

ޝަހީމް ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަދެއްކެވީ، ވައްކަންކުރުމާއި ފޭރުން އިތުރުވެ، ވައްކަން ކުރުމަށް މީހުން ރަހީނުކުރަމުން ދާތީ، އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރަމުންނެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރަން އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށާއި، އަދި އެކަމަށްޓަކައި ރައްޔިތުންގެ އަޑުވެސް އަހަންޖެހޭ ކަމަށެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، ކަމާބެހޭ ފަރާތްތަކާ ހަމައަށް މައްސަލައެއް ހިފައިގެން ދަނީ އެ މެމްބަރަކު ތަމްސީލުކުރައްވާ ދާއިރާއެއްގެ ރައްޔިތުންގެ ވާހަކަ އަޑުއަހައި، އެ ރައްޔިތުންގެ އިހްސާސްތަކާ އެކުގައި ކަމަށާއި އެހެން ނަމަވެސް މިހާރު ބައެއް މިނިސްޓަރުންގެ ކަންކަން ގޮސްފައިވާ ހިސާބުން، ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަން ހަދާނެ ގޮތް ހުސްވާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މިއީ ހުދު ރައީސުލްޖުމްހޫރިއްޔާ ފުންކޮށް ވިސްނަންޖެހޭ ކަމެއް،" މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ މިނިސްޓަރަކަށް ގުޅަނީ އަމިއްލަ ކަމެއް ކުރަން ނޫންކަމަށާއި އެ ދާއިރާއެއްގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ހުރި މައްސަލަތައް ހިއްސާކޮށް، އެކަން ހައްލުކުރަން މަޝްވަރާކުރަން ކަމަށެވެ.

އެހެން ނަމަވެސް ބައެއް ފަރާތްތަކުންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި، މައްސަލަތައް ހައްލުކުރަން ބޭނުންވާނަމަ މިހާރަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

"ހެނދުނު ބަނޑުކޮޅުގައި ބެގީ ބައްދައިގެން ޓައީ އަޅައިގެން އޮފީހަށް ދިއުމަކީ އެއީ ޒިންމާދާރުވުމެއް ނޫން. ޒިންމާދާރުވުމަކީ އަޑުއެހުމުގެ ގާބިލުކަން ހުރެ، ރައްޔިތުންނާ އެކުގައި މަސައްކަތް ކުރަން ކެރި، ކަމަށް ކަމޭހިތައިގެން މަސައްކަތްކުރާ މީހަކަށް ވުން،" މެމްބަރު ޝަހީމް ވިދާޅުވިއެވެ.

މެމްބަރު ޝަހީމް ވަނީ އޭނާ ތަމްސީލުކުރާ ފަސް ރަށުގެ މައްސަލަތަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަޝްވަރާކުރުމަށް ކުރި މަސައްކަތުން އެއްވެސް ނަތީޖާއެއް ހާސިލުނުވާ ކަމަށާއި، އިމްރާނީ އަޑުއައްސަވާނެ ބޭފުޅެއް ވެސް ނޫންކަމަށް ވިދާޅުވެ މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމަށް ކަނޑައަޅަން އިދިކޮޅު ކޯލިޝަނުން މަޖިލީހަށް ހުށަހެޅި މައްސަލައަށް ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ އޭނާ ތަމްސީލުކުރާ ފަސް ރަށުގެ ތެރެއިން ގިނަ ރައްޔިތުންގެ އިތުބާރު ހޯމް މިނިސްޓަރަށް ނެތް ކަމަށެވެ.

އެކި މައްސަލަތަކުގައި ތަކުރާރުކޮށް ގުޅައި، މެސެޖު ކުރެވިއް ކަމަށާއި، ނަމަވެސް މިނިސްޓަރު ފޯނަށް ޖަވާބުނުދެއްވާ ސަބަބު ނޭނގޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ށ. ފޭދޫގައި ދުވާލު މެންދުރު ވެސް ވަޅި ހިފައިގެން ގޭގެއަށް ވަދެ ބިރުދައްކަމުން އަންނަ ކަމަށާއި އެރަށުގައި ފުލުހުން ތިބޭގޮތް ހަދައިދިނުމަށް އެދި ކުރެވުނު އާދޭހުގެ އަދު މިނިސްޓަރަށް ނީވޭ ކަމަށެވެ.

އެހެންކަމުން ސިޔާސީ ބޭނުމަށްޓަކައި އިމްރާނަށް އިތުބާރު އޮތް ކަމަށް ވިދާޅުނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އިތުބާރު ނެތް ކަމަށް ވިދާޅުވި ނަމަވެސް އެމައްސަލައިގައި ޝަހީމް ވޯޓެއް ނުދެއްވައެވެ.

"މިއަދު އަޅުގަނޑުމެން ލަދުގަނޭ މެމްބަރެއްގެ ގޮތުގައި މިތާ ހުންނަން. މި ސަރުކާރަށް ތާއީދުކޮށްގެން އަޅުގަނޑުމެން ވާހަކަދައްކަން،" މެމްބަރު ވިދާޅުވިއެވެ.

comment ކޮމެންޓް