މަޖިލިސް ރައީސްގެ ކޮޓަރި ބަގް ކުރަން އުޅުނު ކަމުގެ ތުހުމަތު ފުލުހަކަށް ކޮށްފި

ރައީސް ނަޝީދު --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ ކޮޓަރި ބަގު ކުރަން އުޅުނުކަމުގެ ތުހުމަތު ފުލުހަކަށް ކޮށްފި އެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގައި ދައްކާ ވަހަކަތައް ރިކޯޑުކުރަން ވެގެން ކޮޓަރިތައް ބަގް ކުރަން އުޅުނު މަސަލައެއް އެމަނިކުފާނުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. އެކަން ރައީސް ނަޝީދުގެ ސަމާލުކަމަށް ގެންނެވީ މަޖިލީހުގެ ސާޖެންޓް އެޓް އާންމްސް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ.

"މިދާކަށް ދުވަހަކު ސާޖެންޓް އެޓް އާމްސް ރިޕޯޓު ކުރެއްވީ، މި މަޖިލީހުގެ ކޮމިޓީއެއް ބަގު ކުރުމަށް ނުވަތަ އަޑުއަހާ ޒާތުގެ އާލާތް ކޮމިޓީ ކޮޓަރިއެއްގައި އާއި މަޖިލީހުގެ ނައިބު ރައީސް ކޮޓަރީގައި އަދި އަޅުގަނޑުގެ ކޮޓަރީގައިވެސް، އެކަމަކު އަޅުގަނޑަކަށް ނޭނގެ ކޮން ބޭނުމަކު ކަމެއް [ފުލުހަކު މަޝްވަރާ ކުރެއްވި ކަމަށް]،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައިސް ނަޝީދު ވިދާޅުވީ، އެ ކޮޓަރިތައް ބަގް ކުރަން ވެގެން ވާހަކަ ދެއްކެވީ ފުލުހެއް ކަމަށެވެ. އަދި އޭނާ އެވާހަކަ ދެއްކީ މަޖިލީހުގެ ސެކިއުރިޓީ މުވައްޒަފުންނާ ކަމަށާއި، މަޖިލީހުގެ މުވައްޒަފަކު އެކަން ސާޖެންޓް އެޓް އާންމްސްގެ ސަމާލުކަމަށް ގެނައި ކަމަށެވެ.

"ފުލުސް އޮފީސްގެ ކުއްޖާ ގުޅުއްވަމުން ގެންދެވީ މިތަނުގެ އަންހެން މުވައްޒަފަކަށް. ދެން އެބޭފުޅާވެސް ވަރަށް ހަރުދަނާ ކަމާ އެކު މަޖިލީހުގެ މަސައްކަތްކޮށްދެވި. އަޅުގަނޑު އެ ބޭފުޅާއަށް ޝުކުރު ދަންނަވަން،" ރައީސް ނަޝިދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އެކަން ފުލުސް އޮފީހަށް ހުށަހަޅަން ބޭނުންނުވާ ކަމަށެވެ. އޭގެ ބަދަލުގައި އެދެނީ މަޖިލީހުން އެ މައްސަލަ ބެއްލެވުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ވިސްނީ މިކަމުގައި ސާޖެންޓް އެޓް އާންމްސް އަދި އިތުރު ކުޑަ މަސައްކަތެއް ކޮށްލެވުމަކީ ރަނގަޅުކަމަކަށް ވެދާނެއޭ. އެހެން ނަމަވެސް މައްސަލަ ފުލުސް އޮފީހަށް ހުށަހެޅުމަކީ އޮތް ކަމެއް ނޫން. އަދި ކުރިއަށް އޮތްތާގައިވެސް އޮތް ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެ މައްސަލަ ބެއްލެވުމަށް ފޮނުއްވީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ރައީސް ނަޝީދު ނުދެއްވަ އެވެ.

comment ކޮމެންޓް