އިދިކޮޅުން އިމްރާން ސިފަކުރީ މުނާފިގެއް ގޮތުގައި

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -- ފޮޓޯ/ މަޖިލިސް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ އިލްމު އުނގެނިގެން ހުންނެވި މުނާފިގެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް އެހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގެ 11 މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައިވާ މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ.

މައްސަލައަށް ޖަވާބުދާރީވެ ވަޑައިގަތުމަށް އިމްރާނުވެސް މިއަދު މަޖިލީހުގެ ތަޅުމުގައި ހާޒިރުވެ ވަޑައިގެން އިންނަވަނިކޮށް ޝިޔާމް ވިދާޅުވީ މިނިސްޓަރު އިމްރާނަކީ މުނާފިގު ކަމުގެ ތާރީހެއް އޮތް ބޭފުޅެއް ކަމަށެވެ.

"ބައެއް އިއްޒަތްތެރި މެމްބަރުން ވާހަކަ ދެއްކެވި އިރުގައި މިއަދުގެ ހޯމް މިނިސްޓަރަކީ އިލްމުވެރިއެއް ކަމަށް ވިދާޅުވެ ވާހަކަފުޅު ދެއްކެވި. އަޅުގަނޑުވެސް ގަބޫލުކުރަނީ އެގޮތަށް. އިލްމު އުނގެނިގެން ހުންނެވި މުނާފިގެއްގެ ގޮތުގައި މިއަދު އަޅުގަނޑަށް އިމްރާން އަބްދުﷲ ސިފަވަނީ." ޝިޔާމް ވިދާޅުވި އެވެ.

އިމްރާނުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ޕީޕީއެމުން ހުށަހެޅީ ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އޭނާ ދެއްކެވި ވާހަކަތަކަކާއި ގުޅިގެންނެވެ. އިމްރާން ވިދާޅުވެފައި ވަނީ ސަފާރީގައި ހިނގީ ރޭޕް ނޫން ނޫން ކަމަށާއި އެއީ ވަރަށް ކުޑަ ކަމެއް ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީއަކީ އަބަދުވެސް އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަދި އަންހެނުންގެ ހައްގުތަކުގެ ދިފާއުގައި ވާހަކަ ދައްކާ ޕާޓީއެއް ކަމަށެވެ. މިއަދު ހުށަހަޅާފައިވާ މައްސަލާގައި އެމްޑީޕީއިން އިމްރާނުގެ އިތުބާރު ނެތް ކަމަށް ތާއީދު ނުކޮށްފި ނަމަ އޭގެ މާނައަކީ އަންހެނުންނަށް ކުރާ ޖިންސީ އަދި އެހެނިހެން އަނިޔާއަށްވެސް އެމްޑީޕީއިން އާއެކޭ ބުނުން ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިއަދު މިއީ ވަރަށް ލަދުވެތި ދުވަހަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ މެމްބަރުން ހުށަހެޅި މައްސަލާގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ނިންމާފައިވަނީ އޭނާގެ އިތުބާރު އޮތް ކަމަށެވެ.

comment ކޮމެންޓް