ގައުމަށް ރީތި ނަން ހޯދައިދިނުމަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަކީ ގައުމީ ވާޖިބު: އަޝްފާގު

ސާފް ސުޒުކީ ކަޕްގައި ބަނގުލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ދަނގަޑޭ ލަނޑު ޖެހުމަށް ފަހު --- ސަން ފޮޓޯ: އިމޭޖަސް.އެމްވީ

ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެކަމެއް ކަމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ބުނެފި އެވެ.

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގައި ވިއެޓްނާމުގެ އެންގުއެން ކުއެންގް ހައި ބަލިކޮށް ދަގަނޑޭ އެ ޗެލެންޖްގެ ފައިނަލަށް ވަނީ ދަތުރު ކޮށްފަ އެވެ.

އަޝްފާގު ފައިނަލަށް ދަތުރު ކުރީ މިއަދު 1:00 ގައި ނިމުނު ޕޯލުން ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވޯޓުލުން ނިމުނި އިރު އަޝްފާގު ކުރީގައި އޮތީ 54،68 އިންނެވެ. އޭނާގެ ވާދަވެރިޔާ ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.

ގާތްގަނޑަކަށް 95 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ވިއެޓްނާމްގެ ހަނޯއީ އެފްސީއަށް ކުޅެމުން އަންނަ އެގައުމަށް ނިސްބަތްވާ އެންގުއެން ކުއެންގް ހައިއާ ދެކޮޅަށް ދަގަނޑޭ ވާދަކުރިއިރު، އޭނާ ބަލިކުރުމަށް ދިވެހީންގެ ފަރާތުން ދެއްކި ހިތްވަރަށް ދަގަނޑޭ ވަނީ ނުހަނު ބޮޑަށް ތައުރީފު ކޮށްފައެވެ. ޕޯލްގެ ނަތީޖާއަށްފަހު އަޝްފާގު ވަނީ އޭނާގެ ހިފޭއްޓުމެއް ނެތް ޝުކުރު ދިވެހި ރައްޔިތުންނަށް މެސަޖަކުން ބުނެދީފަ އެވެ.

" ‎الحمدلله! އޭއްފްސީ ކަޕް ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލް ބުރުގެ ޕޯލް ކާމިޔާބު ކޮށް، ފައިނަލް ބުރަށް ދަތުރުކުރުމަށް ރެއާދުވާލު ވޯޓު ހޯއްދަވައިދެވުމަށް މަސައްކަތް ކޮށްދެއްވި އެންމެހާ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން! އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ އަޅުގަނޑުގެ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނަން! انشاءالله " އަޝްފާގު ކުރި ފޭސްބުކް ޕޯސްޓުގައި ބުނެފައިވެ އެވެ.

އަޝްފާގް މި ޗެލެންޖުގެ ފައިނަލަށް ގެންގޮސްދިނުމަށް އެކި ފަންތީގެ ދިވެހިން ސޯޝަލް މީޑިއާގައި ވަނީ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ކުޅިވަރުގެ އިތުރުން އެކި އެކި ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނާއި ކްލަބް ޖަމިއްޔާތައް ވެސް ހިމެނެ އެވެ. އަދި އެހެންމެ ދައުލަތުގެ އިދާރާތަކާއި، ސިޔާސީ ބޭފުޅުންވެސް ޕާޓީއާއި، ކުލައަކަށް ނުބަލައި އަޝްފާގަށް ވޯޓުދިނުމަށް ވަނީ އެދިފަ އެވެ.

މި ޗެލެންޖުގެ ފައިނަލުގައި އަޝްފާގާ ވާދަކުރާނީ ހޮންކޮންގްގެ ޗޭން ސިއު ކީ 2015 ވަނަ އަހަރު ސައުތު ޗައިނާ އޭއޭއަށް ޖަހައިދިން ގޯލެވެ. މި ކުޅުންތެރިއާ ޗެލެންޖު ކާމިޔާބު ކުރުމަށް ހޮންކޮންގްގައި ވެސް ބައެއް ނޫސްތަކުންނާއި ކުޅިވަރު ޝަހުސިއްޔަތުން ވަނީ ސޯޝަލް މީޑިއާގައި ގަދައަށް ކެމްޕޭން ކޮށްފަ އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއްވަނައަށް އަރަން ދަގަނޑޭއަށް ބޭނުންވަނީ ހަ ގޯލެވެ.

comment ކޮމެންޓް