އިންޑިއާއިން އަންނަ ޓޫރިސްޓުން އިތުރުވެ މާކެޓުގެ ދެވަނައަށް

އިންޑިއާގެ އެއާލައިނަކުން ރާއްޖެ އައި ފަތުރުވެރިން ތަކެއް --- ފޮޓޯ: ވީއައިއޭ

ރާއްޖެ ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވެ މާކެޓުގެ ދެވަނަ އަށް ޖެހިލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި 15 އިން ނޮވެމްބަރު 19 ގެ ނިޔަލަށް އިންޑިއާ އިން 5,449 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. އެއީ މާކެޓުގެ 9.2 ޕަސެންޓެވެ.

އިންޑިއާގެ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުުރު ކުރެއެވެ. އެގޮތުން އިންޑިގޯ އެއާ، ގޯ އެއާ އަދި އެއާ އިންޑިއާގެ އިތުރުން ސްޕައިސް ޖެޓުންވެސް ދަނީ ރާއްޖެ އަށް ދަތުރު ކުރަމުންނެވެ. އިންޑިއާގެ މަހުޖަނުން އެމީހުންގެ ޕްރައިވެޓް ޖެޓުތަކުގައި ރާއްޖެ އަންނަ އިރު އިންޑިއާގެ އެއާ ވިސްޓާރާ އިން ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެއަށް ޗާޓަރު ދަތުރު ކޮށްފައެވެ.

އިންޑިއާގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގިނަ ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިއަށް ގެންދާއިރު އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިންވެސް ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ. މިއީ އެގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިޝްތިހާރުވުމަށް ލިބޭ ފުރުސަތެކެވެ.

ފަތުރުވެރިންނަށް އިތުރު ލުއި ފަސޭހަ ދިނުމަށް ރާއްޖެ އާއި އިންޑިއާ އާއި ދެމެދު ވަނީ ޓްރެވަލް ބަބުލް އެއްވެސް ގާއިމު ކޮށްފައެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރީ ވެސް އިންޑިއާ އިންނެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެ ގައުމުން 166,030 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން 51،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިހާތަނަށް މިއަހަރުގެ ތެރޭ ޖުމްލަ 434,201 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

comment ކޮމެންޓް