ތިރީހަކަށް އަހަރުތެރޭ ބައި މިލިއަނެއްހާ މީހުން މާލޭގައި، ދެން ވާނީ ކިހިނެއް؟

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އާބާދީ އަންދާޒާއިން ދައްކާގޮތުން، ރާއްޖޭގެ އާބާދީ މިހާރު 557،426 އަށް ވަނީ އަރައިފަ އެވެ. އަދި އޭގެ ތެރެއިން 40 ޕަސެންޓު މީހުން ދިރިއުޅެނީ ވެރިރަށް މާލޭގަ އެވެ. އެއީ 227،486 މީހުންނެވެ.

މާލެއަކީ މިހާރުވެސް މީހުން ދިރިއުޅެން އެންމެ އެކަށީގެންވާ ތަނެއް ކަމުގައި ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. މާލެއަކީ ގޮވަން ތައްޔާރުވެފައި އޮތް ބޮމެއް ކަމަށް ސިފަކުރެވެ އެވެ. މިހާރުވެސް މާލޭގެ އާބާދީ ހުންނަންޖެހޭ މިންވަރަށް ވުރެ މާލޭގައި ދިރިއުޅޭ މީހުންގެ އަދަދު ދެގުނަ އިތުރެވެ.

ނަމަވެސް ކުރިއަށް އޮތް 34 އަހަރުގެ ތެރޭގައި އާބާދީގެ 54 ޕަސެންޓު މިހާރުވެސް ތޮއްޖެހިފައިވާ މާލެ ސަރަހައްދަށް ހިޖުރަކުރާނެ ކަމަށް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންތަކުން ދައްކަ އެވެ. އެއީ ގާތްގަނޑަކަށް 529،101 މީހުންނެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން ވަނީ 2014 އިން ފެށިގެން 2054 ވަނަ އަހަރަށް އާބާދީގެ ޕްރޮޖެކްޝަން ނުވަތަ އަންދާޒާތައް ހަދައިފަ އެވެ. އެ އަންދާޒާތައް ތައްޔާރުކޮށްފައިވަނީ ދަރިމައިވުން، ވިހާމަރުވާ އަދި ހިޖުރަކުރުން މިހާރު ހުރި މިންގަނޑުތަކަށް ބަލާ މުސްތަގުބަލުގައި ވެގެންދާނޭ ގޮތުގެ ތަސައްވަރެއް ހެދުމަށްފަހުގަ އެވެ.

މާލެއާއި މާލެކައިރި ސަރަހައްދުގައި ދިރިއުޅޭ އާބާދީ، 2014-2054 / ސްޓެޓް ބިއުރޯ

ބިއުރޯގެ ޑެޕިއުޓީ ސްޓެޓިސްޓިޝަން، ފާތިމަތު ރިޔާޒާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް "މައިގްރޭޓަރީ މޫވްމަންޓްސް" ހުރީ މާލެއަށް ކަމަށެވެ. އަދި 2030 ވަނަ އަހަރު އަންނަ އިރު އާބާދީގެ ބޮޑުބައެއް މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރުމުގެ ޓްރެންޑުތައް ބޮޑުކޮށް ފެންނަން ފަށާނެ ކަމަށެވެ.

މާލެ ސަރަހައްދަށް މީހުން ހިޖުރަކުރާ މައިގަނޑު ސަބަބުތަކަކީ ތައުލީމު، ވަޒީފާ އަދި ސިއްހީ ފަރުވާ އެވެ. މާލެ ސަރަހައްދަށް އަތޮޅުތަކުގެ އާބާދީ ޖަމާވާން ފެށުމާއެކު ރަށްތަކުގައި ދިރިއުޅޭ މީހުންގެ އާބާދީ މަދުވެ، އިޖުތިމާއީ އަދި އިގްތިސާދީ މައްސަލަތައް ދެކޮޅުން ވެސް ފެންނަން ފަށާނެ އެވެ.

"އަޅުގަނޑުމެންނަށް ފާހަގަކުރެވުނު އަތޮޅުތަކުގެ ތެރެއިން ހަމަ ބޮޑެތި އަތޮޅުތަކުން އާބާދީ މަދުވެގެން މިދަނީ. މަދުވެގެން ދާއިރު، ފާހަގަވަނީ އެ އަތޮޅެއްގައި ދިރިއުޅޭ އާބާދީ 10،000 އަށްވުރެ މަތިވާނީ ހދ، ރ، ކ، އދ، ލ، ސ. މިސާލަކަށް ފުވައްމުލައް ނުވަތަ ގދ. ކަހަލަ ބޮޑެތި އަތޮޅުތަކަށް ބަލާލި ނަމަވެސް، އާބާދީ ދާނީ ނިސްބަތުން ދުވަހަކަށް ވުރެ ދުވަހަށް ދަށަށް،" ރިޔާޒާ ވިދާޅުވި އެވެ.

އަދި އާބާދީ ބޮޑު ދެއަތޮޅުކަމަށްވާ ގއ. އަދި ގދ. ގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބައި 2050 ވަނަ އަހަރާއި ހަމައަށް ދާއިރު މަދުވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އެކި ސަބަބުތަކަށްޓަކައި މާލެ ހިޖުރަކުރާ މީހުންގެ ތެރޭގައި އެންމެ ގިނައީ ޒުވާނުންނެވެ. އެހެންކަމަށް ވާނަމަ އަތޮޅުތެރޭގައި އުފަންވާ ކުދިންގެ އަދަދު މަދުވެ، އާބާދީގައި ކުޑަކުދިން މަދުވެގެންދާނެ އެވެ.

"މިހާރު އާބާދީގެ 21 ވަރަކަށް ޕަސެންޓަކީ ކުޑަކުދިން. ނަމަވެސް 2050 އަށް ދާއިރު، ކުޑަކުދިންގެ އާބާދީ 11 ޕަސެންޓަށް މަދުވެގެންދާތަން އެބަ ފެނޭ. އެހާތަނަށް ވެސް ޒުވާނުން ނުވަތަ މަސައްކަތް ކުރާ އުމުރުގެ އާބާދީގެ ނިސްބަތް ހިފެހެއްޓިފައި ހުންނާނެ. އެހެން ނަމަވެސް އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑުތަން އެބަ ބޮޑުވޭ،" ރިޔާޒާ ވިދާޅުވި އެވެ.

ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އުމުރުފުރާ ބެހިފައިވާގޮތް، 2014-2054 / ސްޓެޓް ބިއުރޯ

މިހާރު މުޅި އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނެވެ. ނަމަވެސް 2050 ވަނަ އަަހަރަށް ދާއިރު، އުމުރުން ދުވަސްވީ މީހުންގެ އާބާދީ ދެގުނަ އިތުރުވެގެން ދާނެ އެވެ. އެއާއެކު ރާއްޖޭގެ އާބާދީ ދެން ބަދަލުވެގެން ދާނީ އުމުރުން ދުވަސްވީ ނުވަތަ "އޭޖިން" އާބާދީއަކަށެވެ.

އުމުރުން ދުވަސްވީ އާބާދީއަކަށް ރާއްޖޭގެ އާބާދީ ބަދަލުވެގެންދާއިރު، އެ އުމުރުގެ މީހުންނަށް ބޭނުންވާ އަޅާލުމާ އެހީތެރިކަން ދެވޭނެ އެކަށޭނަ ނިޒާމުތައް ގާއިމުވެފައި އެބަ ހުރި ބާވައެވެ؟ އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އެލަވަންސް އަށް ދެން ވެގެންދާނީ ކިހިނެތް ހެއްޔެވެ؟

"މި ހުރިހާ ކަމަކަށް މިހާރުއްސުރެ ތައްޔާރުވާން ޖެހޭ،" ރިޔާޒާ ފާހަގަކުރެއްވި އެވެ.

ރިޔާޒާ ވިދާޅުވީ މީހުން ހިޖުރަކުރާ ސަބަބުތައް ދެނެގަނެ، މިހާރުން ފެށިގެން ވެސް ޕޮލިސީ އިންޓަވެންޝަންތައް ގެންނަންޖެހޭ ކަމަށެވެ.

އާބާދީ އިތުރުވަމުންދާވަރަކަށް މަތީ ތައުލީމާއި، ވަޒީފާގެ ފުރުސަތު، ގެދޮރުފަދަ ވަސީލަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވެގެންދާނެ ކަމަށާއި އަދި އާބާދީގެ އުމުރުފުރާތަކަށް އަންނަ ބަދަލާއިއެކު ރާއްޖޭގެ މަސައްކަތު އާބާދީ ބޮޑުވެފައިވާ މިދަނޑިވަޅުގައި، ފުރުސަތުގެ ބޭނުން ހިފާ، އިގްތިސޯދީ ކުރިއެރުން އިތުރުކުރަން މަސައްކަތްކުރަންޖެހޭ ކަމަށް ސްޓެޓް ބިއުރޯއިން ބުންޏެވެ.

އެގޮތުން އިގްތިސޯދީގޮތުން ހަރަކާތްތެރިވާ ދިވެހިންގެ އާބާދީ އިތުރުކުރުމަށާއި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރު ދިވެހިންނަށް ލިބޭނެ ފުރުސަތުތައް އިތުރުވެގެން ދިއުން މުހިންމު ކަމަށާއި އަދި އާބާދީގެ ހިޖުރަކުރުން ހުރިގޮތަށް ބަލައި އޭގެ ސަބަބުން ރަށްރަށުގެ އާބާދީއަށް އަންނަ ބަދަލުތަކަށް ސަމާލުވެ ހެޔޮގޮތުގައި މިކަން މެނޭޖްކުރުން މުހިންމުކަން ވެސް އެ ބިއުރޯއިން ފާހަގަކުރެއެވެ.

އާބާދީގެ އަންދާޒާތަކަށް ބަލާއިރު އާބާދީ ދަނީ އަހަރަކަށްފަހު އަހަރަކު އިތުރުވަމުންނެވެ. އަދި 2044 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި ދިރިއުޅޭ އާބާދީ ދެގުނައަށް އިތުރުވާނެކަމާއި އަދި އެއަށްފަހުގައި އާބާދީ އިތުރުވާ މިންވަރު ދަށްވާނެކަމަށް އަންދާޒާތަކުން ދައްކަ އެވެ. އަދި 2054 ހަމައަށް ދާއިރު ރާއްޖޭގެ އާބާދީ މިިލިއަނަކާ ގާތްކުރާނެ އެވެ.

އޭގެ ތެރެއިން 54 ޕަސެންޓު މީހުން މާލެ ސަރަހައްދުގައި ދިރިއުޅޭނަމަ އެތައް ބައިވަރު މައްސަލަތަކެއް ނުކުންނާނެ އެވެ. މާލޭގައި ބޯހިޔާވަހިކަމަށް މިހާރު އޮތް ދަތިކަން އިތުރުވެ، ވަޒީފާތަކަށް އޮތް ޑިމާންޑު އެތައް ގުނައެއް އިތުރުވާނެ އެވެ. އެއާއެކު އާބާދީއަށް ކޭޓާކުރަން މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތައް ހިންގައި، ވަޒީފާތައް އިތުރުކޮށް، އިތުރު ސްކޫލުތަކާއި ހޮސްޕިޓަލުތައް އަޅަން މަޖުބޫރުވާނެ އެވެ.

އޭރުން މާލެއާ އަތޮޅުތަކުގެ ފަރަގު މިހާރަށް ވުރެ ބޮޑުވެ، ރަށްތަކަށް ވަރަށް ބޮޑެތި ނިކަމެތިކަމެއް އަންނާނެ އެވެ. އާބާދީގެ އަންދާޒާގެ މުއްދަތު ނިމޭއިރު އަތޮޅުތެރޭގައި އާބާދީ އިތުރުވާ މިންވަރު ދަށްވަމުންގޮސް 2030 ވަނަ އަހަރުން ފެށިގެން އާބާދީ އިތުރުވާ މިންވަރު ދަށްވެނެގެޓިވް ގްރޯތު ރޭޓަކަށް ދާނެކަމަށް ދައްކައެވެ.

ހިޖުރަކުރާ އާބާދީގެ ބޮޑުބަޔަކީ ޒުވާނުން ކަމަށްވާއިރު، އޭގެ ނަތީޖާއެއްގެ ގޮތުން ބައެއް ރަށްރަށުގައި ދުވަސްވީ މީހުން އިތުރުވެ، ކުޑަކުދިން މުޅިން ހުސްވެ، އަދި ބައެއް ރަށްރަށުގައި އަންހެނުންގެ އާބާދީ ބޮޑުތަނުން އިތުރުވުން ފަދަ ކަންކަން ދިމާވާނެ އެވެ.

ސްކޫލަށްދާ އުމުރުފުރާގެ އާބާދީ (އިންސައްތަ) 2014-2054 / ސްޓެޓް ބިއުރޯ

"އެހެންވީމަ މައިގްރޭޝަން މެނޭޖުކުރަން އެބަ ވިސްނަންޖެހޭ. ކުޑަކުދިންގެ އާބާދީ މަދުވާކަމަށް ވާނަމަ އޭގެ މާނައަކީ ސްކޫލަށްދާ ކުދިން މަދުވެ، މިހާރު ބ. ފެހެންދޫ އަށް ކުރިމަތިވެފައިވާ ފަދަ ހާލަތެއް ގިނަ ރަށްރަށަށް ދިމާވުމަކީ ވެސް އެކަށީގެންވާ ކަމެއް،" ރިޔާޒާ ވިދާޅުވިއެވެ.

ހައްލަކީ ކޮބާ؟

މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރެވޭނީ ހިދުމަތްތަކާއި ވަސީލަތްތައް މާލެއަށް ފޯކަސްވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އަތޮޅުތަކާއި މާލެ ސިޓީއާ އޮތް ބޮޑު ފަރަގު ކުޑަކޮށްގެންނެވެ. މާލެ ނައިސް، އެމީހަކު ދިރިއުޅޭ ތަނަކުން ރަނގަޅު ފެންވަރެއްގެ ތައުލީމާއި ވަޒީފާގެ ފުރުސަތު އަދި ސިއްހީ ފަރުވާ ލިބިގެންނެވެ. މާލެ ތޮއްޖެހުމަށް އޮތް ފަރުވާއަކީ އެއީއެވެ.

އެހެންކަމުން މާލެއަށް މީހުން ހިޖުރަކުރުން ކޮންޓްރޯލް ކުރެވެން އޮތީ ހަގީގީ މާނައިގައި ރާއްޖެ ލާމަރުކަޒު ކޮށްގެންނެވެ. ލާމަރުކަޒީކޮށް ރާއްޖެ ތަރައްގީކުރުމަށް ސަރުކާރުގެ ގައުމީ ތަރައްގީގެ ތަސައްވުރެއް އެބަ އޮތެވެ.

"މޯލްޑިވްސް ނޭޝަނަލް ސްޕޭޝަލް ޕްލޭން" ތަސައްވަރުން އަމާޒު ހިފާފައި ވަނީ ކުރިއަށް އޮތް 20 އަހަރު ތެރޭގައި މާލެ ފަދަ އިގްތިސާދީ ވަރުގަދަ ސެންޓްރަލް ރަށްތަކެއް އަތޮޅު ތެރޭގައި އުފެއްދުމަށެވެ. ފާއިތުވި ހަތަރު އަހަރު ކޮންމެ ރަށެއްގެ އާބާދީގެ ބޮލަކަށް ޖީއެސްޓީ ދައްކާފައިވާ ވަރު ބެލުމަށްފަހު ޕްލޭނިން މިނިސްޓްރީއިން ވަނީ ރަށްރަށުގެ އިގްތިސާދީ ބާރަށް ބެލުމަށް ފަހު އިގްތިސާދީ ގޮތުން އެންމެ ބާރުގަދަ ރަށްތަށް ކަނޑައަޅައިފަ އެވެ.

ސަރުކާރުގެ ވިސްނުން ހުރީ އިގްތިސާދީ ގޮތުން އެންމެ ވަރުގަދަ ރަށްތައް ސެންޓްރަލް ރަށްތަކަށް ހަދައި، އިތުރަށް ތަރައްގީކޮށް، ކައިރީގައި ހުންނަ ކުދި ރަށްތަކަށް ހިދުމަތް ދެވޭނެ ގޮތް ހެދުމަށެވެ. ޑީސެންޓްރަލައިޒް ކުރަން ވިސްނާފައި އޮތީ، "ރީސެންޓްރަލައިޒް" ކޮށްގެންނެވެ.

އެންމެ ވަރުގަދަ ފަސް ރީޖަނަލް އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތައް ތަރައްގީ ކުރަން ހަމަޖެހިފައި ވަނީ ސެންޓްރަލް ކޮށެވެ. އެއިން ކޮންމެ ރަށެއްގެ ވަށައިގެން 35 ކިލޯމީޓަރު ތެރޭގައި ހިމެނޭ ހުރިހާ ރަށްރަށަކީ އެ ރަށާ ގުޅިގެން އެއް ޔުނިޓެއްގެ ގޮތުގައި މަސައްކަތް ކުރާ ރަށްރަށްކަމުގައިވާ ގޮތަށެވެ. އެއާއެކު ހުރިހާ ސަރަހައްދެއް ގުޅުވާލަދޭނެ، އަވަސް، އަގުހެޔޮ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރަން ޕްލޭނުގައިވެ އެވެ.

ހައުސިންގް އެންޑް ޕްލޭނިންގް މިނިސްޓަރ މުހަންމަދު އަސްލަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އެ ޕްލޭނުގެ ދަށުން ސަރުކާރުން ރީޖަންތަކުގެ ދަތުރުފަތުރުގެ ކަންކަމުގެ އިތުރުން، ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ، ގާނޫނީ ދާއިރާ، ވިޔަފާރީގެ ދާއިރާ އަދި އެހެނިހެން ދާއިރާތައް ވަރުގަދަކޮށް އެ ރީޖަންތަކަށް މީހުން ޖަމާ ކުރާނެ ކަމަށެވެ. އޭގެ ސަބަބުން ރާއްޖޭގެ ވަސީލަތްތައް މާލޭ ސަރަހައްދަށް އެއްވެފައި އޮތް މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.

ނަމަވެސް، އެ ޕްލޭނަކީ އަދި ކެބިނެޓުން ފާސް ޖަހާފައިވާ ޕްލޭނެއް ނޫނެވެ. އެކަމަކު، ކެބިނެޓުގައި މި ޕްލޭންގެ ވާހަކަ ދެކެވިފައިވެ އެވެ. ޕްލޭނިން މިނިސްޓަރު ވިދާޅުވެފައި ވަނީ އެ ޕްލޭނުގެ މަސައްކަތް ފަށައި، މި ރިޔާސީ ދައުރު ނިމުމުގެ ކުރިން އެންމެ ކުޑަ މިނުން މި ނިޒާމުގެ ބިންގާ އެޅިގެންދާނެ ކަމަށެވެ.

ސަރުކާރުން އުންމީދުކުރާ ގޮތަށް، ކުރިއަށް އޮތް ވިއްސަކަށް އަހަރުގެ ތެރޭގައި އެ ޕްލޭން ހަގީގަތަކަށް ހެދިއްޖެނަމަ، މާލެއަށް އަމާޒުވެފައި ހުރި މައިގްރޭޓަރީ ޕެޓާން މަޑުޖެހޭނެ އެވެ. އަދި އާބާދީ އެއް ކޮޅަކަށް ބުރަ ނުވެ، އެކަށީގެންވާ ގޮތަކަށް ބެހިގެން ދާނެ އެވެ.

comment ކޮމެންޓް