ކޯލިޝަނުން ޖޭޕީއަށް ގިނައިން ލިބެނީ ސުމެއް، އެކަމަކު ބޭރުކޮށްލަންދެން ތިބޭނަން: ގާސިމް

ޑިސެމްބަރ 9، 2019: ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކޯލިޝަން ހަދައިގެން، ޖުމްހޫރީ ޕާޓީއަށް އެއްވެސް ފަހަރަކު އުންމީދުކުރި ގޮތަށް ކަންކަން ނުވާކަމަށާއި، އެހެން ނަމަވެސް މިފަހަރުވެސް ކޯލިޝަނުން ވަކިކުރަންދެން، ވައުދުވި ގޮތަށް ކޯލިޝަނުގައި ދެމިތިބޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރޭ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރު ހިންގާ ތަންތަނުގައި އަބަދުވެސް މައްސަލަ ޖެހޭ ކަމަށާއި ރާއްޖޭގައި އެކަން އޮތީ އެގޮތަށް ކަމަށެވެ.

އަދި ޖޭޕީން މިހާތަނަށް ތިން ސަރުކާރަކާ އެކު ކޯލިޝަން ހެދި އިރުވެސް، ޖޭޕީއަށް އުންމީދުކުރި ނަތީޖާ ލިބިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

"ކޯލިޝަން ހަދައިގެން ވެރިކަން ހޯދައިގެން އައީމަ ޖޭޕީޢަށް ކޮންމެ ފަހަރަކު ވެސް މި ލިބެނީ އުންމީދު ކުރި ގޮތަކަށް ނޫން ނަތީޖާ. ނަތީޖާމި ލިބެނީ ސުމެއް ބައެއް ފަހަރަށް. އެކަމަކު މި ފަހަރު ދެން ދެ އަހަރު ވެގެން ދިޔައިރު އަދި ކޯލިޝަން ނުއެއް ރޫޅާލައޭ މައި ޕާޓީން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފުރަތަމަ ދެ ފަހަރުވެސް ކޯލިޝަން ރޫޅާލީ ޖުމްހޫރީ ޕާޓީން ނޫން ކަމަށެވެ. މިފަހަރު ސަރުކާރަށް ދެ އަހަރު ވެގެންދިޔަ އިރު އަދި ކޯލިޝަން ރޫޅާލާފައި ނުވުމަކީ އުންމީދު އާވާކަމެއް ކަމަށެވެ.

ކޯލިޝަން ރޫޅާލުމުގެ ވާހަކަ ޖޭޕީން ދައްކާފައި ނުވާނެ ކަމަށާއި ކޯލިޝަން ރޫޅާލުމުގެ ކަންކަން ހިންގަނީ ކޮން ދިމާލަކުން ރައްޔިތުންނަށް ވެސް ސާފުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުންމީދުކުރި ގޮތަށް ކަންކަން ނުދިޔަސް، ޖޭޕީން އޮތީ ރައީސް އިބްރާހިމަށް މުހައްމަދު ސޯލިހަށް އެއްބާރުލުން ދީގެން ކުރިއަށް ދާން ކަމަށާއި، ކޯލިޝަނުން ބޭރުކޮށްލަންދެން އެގޮތުގައި ދެމިތިބޭނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

"މި ތިބީ މިފަހަރުވެސް އެމްޑީޕީން އަޅުގަނޑުމެންގެ ގައިގައި ޖަހާ ބޭރުކޮށްލާތޯ ބަލަން. އަދި އަޅުގަނޑުމެންނާ އެއްބަސްވެފައި އޮތް ސަތޭކަ ޕަސެންޓު ގޮތަށް ކަންކަން ދިޔަސް ނުދިޔަސް އަޅުގަނޑުމެން މިތިބީ އެމްޑީޕީން އަޅުގަނޑުމެން ކޯލިޝަނުން ވަކިކޮށް އެއްލާލާތޯ ބަލަން. އަޅުގަނޑުމެން އަމިއްލައަކަށް ބޭރުވާކަށް ނެތީމޭ. އަޅުގަނޑުމެން ބޭނުން އަޅުަނޑުމެން ވީ އަހުދާ ވައުދުގަ ހިފަހައްޓައިގެން ތިބެން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޯލިޝަން ދަމަހައްޓަވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވުމަކީ ރަނގަޅު ވިސްނުންފުޅެއް ކަމަށެވެ. އަދި ވެފައިވާ އަހުދު ދެމެހެއްޓުމަކީ ވާޖިބެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

comment ކޮމެންޓް