ބޮޑެތި އެހީދީފައި ހުރި ގައުމުތަކަށް އެއްޗެހި ކިޔުމަކީ ދަށުދަރަޖައިގެ ކަމެއް: ގާސިމް

-- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ރާއްޖެއަށް ބޮޑެތި އެހީތައް ދީފައިވާ ގައުމުތަކަށް އެއްޗެހިކިޔުމަކީ ވަރަށް ނިކަމެތި އަދި ދަށުދަރަޖައިގެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ގައުމެއް ކަމަށާއި އެހެންކަމުން އެއްވެސް ގައުމަކާ ހިތްހަމަނުޖެހުން ބާއްވައިގެން ނުވާނެ ކަމަށެވެ.

އަދި ރައީސް އިބްރާހިމް ނާސިރު އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގެންގުޅުނު ޚާރިޖީ ސިޔާސަތަށް ސަރުކާރުތަކުން ބަލަން ޖެހޭ ކަމަށެވެ.

"ދިގު މާޒީއެއްގައި ވެރިކަން ކުރައްވާފައި ތިބި ބޭފުޅުން ސިޔާސަތު ގެންގުޅުއްވި ގޮތުން އަޅުގަނޑުމެންނަށް އެއްވެސް އުނދަގުލެއް ދުއްތުރާލެއް ނާދޭ. އަޅުގަނޑުމެން ހަމަ ޕީސްފުލް ކަމާއެކު [ސުލްހަވެރިކަމާއެކު] މިތިބީ. އެހެންވީމަ މިއަދު ވެސް ނުޖެހޭ އަޅުގަނޑުމެން ވަކި ފަރާތަކަށް ޖެހިގެން އެހެން ގައުމަކާ ދިމާލަށް، ވަކި ގައުމަކާ ދިމާލަށް އެއްޗެހި ގޮވަމުން ދާކަށެއް،" ގާސިމް ވިދާޅުވި އެވެ.

އަދި ވަކިން ހާއްސަކޮށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކަށް އެއްޗެހި ކިޔައިގެން ނުވާނެ ކަމަށާއި ހުރިހާ ގައުމަކާ އެކުވެސް ގަދަފަދަ ގުޅުން ގާއިމުކުރަން ޖެހޭނެ ކަމަށެވެ. އަދި ގާއިމުކޮށްފައިވާ އެކުވެރިކަން ނަގަހައްޓައި ދަމަހައްޓަން ވެސް ގާސިމް ގޮވާލެއްވި އެވެ.

"އަޅުގަނޑުމެންނަކީ ވަރަށް ކުޑަ ކުޑަ ބައެއް. އެހެންވީމަ އަޅުގަނޑުމެންގެ ކުޑަކަން ދެކިގެން [އުޅެންވާނީ]. ވަކި ފަރާތަކަށް ވަކި މީހަކާ ދިމާލަށް ވަކި ގައުމަކާ ދިމާލަށް އެއްޗެހި ކިޔުމަކީ ވަރަށް ވެސް ނިކަމެތި ކަމެއް. އެކަން އެހެން އޮތް އިރު ބޮޑެތި އެހީތައް ވެދީފައި އޮތް ގައުމަކާ ދިމާލަށް އެއްޗެހި ކިޔުމުގެ ވިސްނުން އެއީ ވަރަށް ދެރަވަރު ވަރަށް ދަށު ދަރަޖައިގެ ކަމެއް،" ގާސިމް ވިދާޅުވި އެވެ.

ވަކި ބޭފުޅެއްގެ ނަން ގާސިމް ވިދާޅުނުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އާ ދެބޭފުޅުން ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް ރައްދުކުރެ އެވެ.

އެގޮތުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ 53 ޕަސެންޓް ހޭދަވާނީ ދަރަނި އަދާކުރުމަށް ކަމަށާއި އޭގެ ބޮޑު ބަޔަކީ ޗައިނާއަށް އޮތް ދަރަނި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އަދި މާމަމެންގެ ފައްޓަރުބައި ވިއްކާލައިގެންވެސް ޗައިނާއަށް އޮތް ދަރަނި އަދާނުކުރެވޭނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ ޗައިނާއަކީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ވެދީފައިވަ އަދި ވަމުން އަންނަ ގައުމެއް ކަމަށާއި އިއްޔެގެ މިތުރަކު މިއަދު ހަތުރަކަށް ވެގެން އުޅޭ ސަބަބު ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަަޅުގަނޑުމެންނަށް އެހީތެރިކަމެއް ފޯރުކޮށްދިން އެއްވެސް ގައުމަކަށް އެގޮތަށް އެއްޗެހި ކިޔުމަކީ އެއްގޮތަކަށް ވެސް ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ސަރުކާރު ހިންގަން ތިބި ބައެއްގެ ދޯހަޅިކަމުން ކަމެއް ގޯސްކޮށް ދިއުމަކީ އެއީ އެ ގައުމުތަކުގެ ފަރާތުން އަޅުގަނޑުމެންނަށް ކުރި ކަމެއް ނޫން،" ގާސިމް ވިދާޅުވި އެވެ.

އަދި ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ކުރީ ސަރުކާރުން ލޯނު ނަގާފައި ހުރި ގައުމުތަކާ ގުޅިގެން، އެ ގައުމުތަކަށް އެއްޗެހި ކިޔުމަކީ ކޮށްގެން ވާނެ ކަމަށް ނޫންކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

އަދި ހާލުގައި ޖެހިގެން ލޯނު ރީސްޓްރަކްޗާ ކޮށްދޭން ސަރުކާރުން ނުބުނާންވީ ސަބަބެއް ވެސް ނެތް ކަމަށާއި އެހެން ނަމަވެސް، އެކަމަށް ސަރުކާރުން ކުރާ މަސައްކަތަށް ހުރަސް އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވާހަކަދައްކާ ނަމަ ގޮންޖެހުންކުރިމަތިވާނެކަން ވެސް ގާސިމް ފާހަގަކުރެއްވި އެވެ.

"ކީކޭތޯ މި ބުނަނީ. މި ބުނާ އެއްޗެއްގެ މާނައަކީ އެބޭފުޅުން، އެގައުމުގެ ސަރުކާރު، އެ ގައުމުގެ ރައްޔިތުން ރުޅިއަރުވައިގެން އަޅުގަނޑުމެންނަށް އެއްވެސް ފުރުސަތެއް ނުދިނުން، އެހެން ހެދީމަ އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ދެއްތޯ ނިކަމެތިކަން މިލިބެނީ،" ގާސިމް ވިދާޅުވިއެވެ.

އަދި ލޯނު ނަގަނީ ދިވެހި ސަރުކާރުން ކަމަށްވާއިރު، ލޯނު ނަގައިގެން ކަންކަން ކުރުމަށް ފަހު ދެން ލޯނު ދިން ގައުމު ކުށްވެރިކޮށް އެއްޗެހި ކިޔުމަކީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގައުމުތަކަށް އެއްޗެހި ކިޔާ އެ ގައުމުތަކުގެ ވެރިން ރުޅިއަރުވާލުމަކީ، އެ ގައުމުތަކުން އިތުރަށް ގުޅުން ބަދަހިކުރަން މަސައްކަތްކުރާނެ އުކުޅެއް ކަމަށް ބައެއް ބޭފުޅުންނަށް ހީވާކަމަށެވެ.

"އެބޭފުޅުން ދެކޭ ގޮތުގައި އެހެން ހެދީމަ އެމީހުން މާބޮޑަށް ގާތްވާން އުޅޭނެ އޯ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ޗައިނާ އިންޑިއާ އަދި އެމެރިކާ އަދި އެންމެ ކައިރީގައި އޮތް ސްރީލަންކާ ވިޔަސް، ހުރިހާ ގައުމަކާ ބަލާއިރު ވެސް އަޅުގަނޑުމެންނަކީ މާ ކުޑަކުޑަ ނިކަމެތި ބައެއް. އެބޭފުޅުން އަޅުގަނޑުމެންނާ ދޭތެރޭ ގަންނާނީ ކޮން ބިރެއްތޯ. ނޫނީ ޖެހިލުން ވާނީ ކޮން ކަމަކާތޯ. އެއީ މޮޔަ ވިސްނުމެއް." ގާސިމް ވިދާޅުވި އެވެ.

comment ކޮމެންޓް