ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ލަންކާއަށް ބޭރުކުރަން ހުރަހެއް ނެތް: ހާރިޖިއްޔާ

ވަޅޯމަސް --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އުފައްދާ މަހުގެ އުފެއްދުންތައް ސްރީލަންކާ އަށް ބޭރުކުރުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަނެއްކާވެސް ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ އާ ސަރުކާރު މިދިޔަ އަހަރު ވެރިކަމަށް އައުމަށްފަހު ތަންފީޒުކުރަން ފެށި އާ ސިޔާސަތުގެ ދަށުން ސްރީލަންކާގައި ހައްދޭ ދަނޑުވެރިކަމުގެ ބާވަތްތަކާއި އެގައުމުގެ މަސްވެރިންނަށް ބޭނޭ މަހުގެ ބާވަތްތައް އެގައުމަށް އިމްޕޯޓުކުރުން ވަނީ މަނާކޮށްފަ އެވެ. މިކަން ތަންފީޒުކުރަން ފެށީ މި އަހަރުގެ ތެެރޭގަ އެވެ.

މިއާއެކު ރާއްޖޭން އެ ގައުމަށް ބޭރުކުރާ މަހުގެ އުފެއްދުންތައް ބޭރުކުރުމުގައި ހުރަސްތައް ކުރިމަތިވި އެވެ.

އެގޮތުން ރާއްޖެއިން ލަންކާ އަށް އެކްސްޕޯޓުކުރި މަހުގެ ޝިޕްމެންޓެއް ކަސްޓަމްސްގައި ތާށިވެފައި ހުއްޓައި ދިވެހި ސަރުކާރާއި ލަންކާ ސަރުކާރާ ދެމެދު ކުރި މަޝްވަރާ ތަކަކަށްފަހު އެ ތަކެތި ވަނީ އެގައުމަށް އެތެރެކޮށްފަ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ލަންކާ އަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނެތްކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ. އެ ނިންމުމަށް މަރުހަބާ ކިޔާކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަހުގެ ބާވަތްތައް އެކްސްޕޯޓުކޮށްގެން ލިބޭ އާމްދަނީ އަކީ ދިވެހިންގެ އާމްދަނީގެ މުހިއްމު ހިއްސާ އެއް ކަމަށެވެ.

މީގެ ކުރިންވެސް ލަންކާ ސަރުކާރުން ވަނީ ރާއްޖޭގެ މަހުގެ އުފެއްދުންތައް އެގައުމަށް އެތެރެކުރުމަށް ހުރަހެއް ނެތްކަމަށް ބުނެފަ އެވެ. ނަމަވެސް މަހުގެ ޝިޕްމެންޓެއް ލަންކާ އަށް އެތެރެނުކުރެވި ކަސްޓަމްސްގައި ތާށިވި މައްސަލަ ފެންމަތިވީ މިދިޔަ ހަފްތާ އެވެ.

comment ކޮމެންޓް