ދަރަނީގެ މައްސަލައިގައި ރައީސްގެ ބަހުގެ ހަމަލާތަކެއް ކުރީގެ ސަރުކާރުތަކަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޯރަފުށީ އެއާޕޯޓް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ ރައީސް އޮފީސް

އަންނަ އަހަރަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ދަރަނި ބޮޑު ކަމަށާއި، ނަމަވެސް އެއީ 2008 ވަނަ އަހަރުން ފެށިގެން ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަން ހިމަނާފައިވާ ފައިސާ ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރުތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ހޯރަފުށި އެއާޕޯޓު ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބަޖެޓުގައި ދަރަނި ދައްކަން ހަތަރު ބިލިއަން ހިމަނާފައިވާ ކަމަށާއި، އަދި އެކަމުގެ ހަގީގަތް ވެސް ރައްޔިތުންނަށް ސާފުވާން ޖެހޭ ކަމަށެވެ.

އެގޮތުން 2008 ވަނަ އަހަރު އެމްޑީޕީން އެންމެ ފުރަތަމަ ވެރިކަމާ ހަވަލުވިއިރު، ދައުލަތުގެ ދަރަންޏަކީ 6.5 ބިލިއަން ރުފިޔާ ކަމަށާއި، އެމްޑީޕީގެ ތިން އަހަރު ނިމުނު އިރު ދަރަނި 26 ބިލިއަނަށް އަރައިގެން ދިޔަ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި 26 ބިލިއަން އިން 60 ބިލިއަން އަށް އަރާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 15 ބިލިއަން ރުފިޔާ ކަމަށެވެ.

"އެހެންވީމަ ދައުލަތަށް ދަރަނި ނެގުމަކީ، މި ސަރުކާރުން ކުރި ކަމެއް ނޫން، ވަރަށް ސާފުކޮށް މި ދަންނަވަނީ. މި އަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައި އޮތް ހަތަރު ބިލިއަން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނި ދައްކަން ޖަހާފަ ހުރި ފައިސާ. މީ އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކައަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރަނި އިންތިހާއަށް ބޮޑުވެފައި ވާއިރު ދައުލަތަށް ފައިސާ ހޯދަންޖެހޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރު ވެރިކަމާ ހަވާލުވިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި، ކޮވިޑްގެ ދަތިކަމާއެކު ވެސް މިއަދުވެސް ރިޒާވްގައި އެ މިންވަރު ހުންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ފައިނޭންޝަލް ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބަ އޮތް. އަޅުގަނޑުމެން މަގަކުން ކައްސަލައެއް ނުލާނެ. ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުރީ ސަރުކާރުތަކުން "ވިއްކާލާފައިވާ" 85 ރަށަކުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭ ކަމަށެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ނުއަގުގައި ދޫކޮށްލި ރަށްތަކުން ލިބުނު ފައިސާވެސް އެމަނިކުފާނު ގެންދެވި ކަމަށެވެ.

"އެވެސް ބަޖެޓުގައި ހުރި ނަމަތާ، މި ދަތި ވަގުތުގައި އަޅުގަނޑުމެންނަށް އޭގެން ހަރަދު ކުރެވޭނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާރު ހުށަހަޅާފައި އޮތް ބަޖެޓަކީ މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށާއި އަދި އިގްތިސޯދު ހިންގަން އެ ބަޖެޓު ފާސްކުރަންޖެހޭ ކަމަށް ވެސް މިއަދު ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަޖެޓަށް ބުރަވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ބޮޑު ދަރަނީގެ ސަބަބުން ކަމަށެވެ.

comment ކޮމެންޓް