މިއީ މިވަގުތު ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު، ފާސްކުރަންޖެހޭ: ރައީސް

ރައީސް ސޯލިހު --- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ 34.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ މިވަގުތަށް ހުށަހެޅޭނެ އެންމެ ރަނގަޅު ބަޖެޓު ކަމަށާއި، އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބަޖެޓު ފާސްކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.

ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން މުޅި ދުނިޔެއާއި، ރާއްޖެއަށް ވެސް ދިމާވެފައިވާ ދަތި ހާލަތުގައި ސަރުކާރުން ކުރަންޖެހޭނެ ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

އަދި ކޮވިޑް19 އާއެކު ކުރިމަތިވި އިގްތިސޯދީ ހީނަރުކަމުގައި ވެސް ސަރުކާރުގެ އެއްވެސް މުވައްޒަފެއްގެ މުސާރަ ކުޑަކޮށް، ނުވަތަ ވަޒީފާއިން ވަކިކޮށްފައި ނުވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މީ ދަތި ވަގުތެއް އެހެން ނަމަވެސް، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިވަގުތަކީ ފައިސާ ހޯދައިގެން ނަމަވެސް މިކަންތައްތައް ކުރަންޖެހޭނެ ވަގުތު،" ރައީސް ވިދާޅުވިއެވެ.

ހުށަހެޅިފައި އޮތް ބަޖެޓުގައި ފައިސާ ބަހާފައިވާ ގޮތް:

ސިއްހީ ދާއިރާ: 4 ބިލިއަން ރުފިޔާ

ތައުލީމީ ދާއިރާ: 3.9 ބިލިއަން ރުފިޔާ

އިޖުތިމާއީ: 3.7 ބިލިއަން ރުފިޔާ

ގެދޮރު އިމާރާތް: 2.3 ބިލިއަން ރުފިޔާ

ތިމާވެށި ރައްކާތެރި: 1.8 ބިލިއަން ރުފިޔާ

މީގެ އިތުރުން ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައި ވާނީ މުސާރައާއި، ހިންގުމުގެ ހަރަދުގެ އިތުރުނ އާސަންދަ އާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، ދުވަސްވީ މީހުންނާއި އަދިވެސް އެހެން އިނާޔަތްތަކެވެ.

ރައީސް ވިދާޅުވީ ކެޕިޓަލް ހަރަދުގެ ގޮތުގައި ކަނޑައަޅާފައި ހުންނާނީ ހަނިމާދޫ އެއާޕޯޓު، އައްޑޫ އެއާޕޯޓު، މާލެ ބުރިޖު، މާލޭ ވިޔަފާރި ބަނދަރު، އަދި ރާއްޖޭގެ ހުރިހާ ރަށެގައި ފެނާ ނަރުދަމާ ގާއިމުކުރުމާއި ފަސް ޓާޝަރީ ހޮސްޕިޓަލް ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ކަމަށެވެ.

"މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްތުތަކުގެ ފައިސާ ހުރީ ހަމަޖެހިފައި،" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓުގެ ބަހުސް ކުރިއަށް ދިޔައިރު، ބަޖެޓު ކުޑަކުރަން ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ. އެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ބޮޑެތި ޕްރޮޖެކްޓުތައް ހުއްޓާލަންވީ ވަގުތު ނޫން ކަމަށާއި، މިއީ އިގްތިސޯދު ހިންގަންވީ ވަގުތު ކަމަށެވެ.

އަދި އެ ޕްރޮޖެކްޓުތަކަށް ފައިސާ ހަމަޖެހިފައިވާތީ، އެ ޕްރޮޖެކްޓުތައް ހުއްޓަނުލާ ކުރިއަށް ގެންދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒު ވަރަށް ސާފުކަމަށާއި، ސަރުކާރު އޮތީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަމަށެވެ.

"މި ދަނޑިވަޅުގައި ސަރުކާރަކުން ކޮށްދޭނެ ޖެހޭނެ ކަންތައްތަ މި ދަނީ ކުރަމުން. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް ދަންނަވާލަން ބޭނުންވަނީ މިކަމަށް އެހީތެރިވެދެއްވާށޭ. މިއަކީ ހަމައެކަނި ސަރުކާރުން މަސައްކަތް ކުރަންވީ ވަގުތެއް ނޫނޭ،" ރައީސް ވިދާޅުވިއެވެ.

އިއްޔެ އެމްއެމްއޭގެ ގަވަރުނަރާ ބައްދަލުކުރެއްވި ކަމަށާއި، ގަވަރުނަރަށް ފުރިހަމައަށް އިތުބާރު އޮތް ކަމަށް ވެސް ރައީސް ހާމަކުރެއްވިއެވެ. ރައީސް ވިދާޅުވީ ޑޮލަރުގެ ދަތިކަމަށް ހައްލު ހޯދުމަށް ސިޔާސަތެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ޑޮލަރުގެ މައްސަލައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ޓީމަށް ވެސް ފުރިހަމަ އިތުބާރު އޮތް ކަމަށް ވެސް ވިދާޅުވިއެވެ.

މި ބަޖެޓު އެބަޖެހޭ ފާސްކުރަން. އަޅުގަނޑުމެން ބޭނުން ދިއްދޫގެ ބަނދަރު ހަދަން. ބަޖެޓު ކޮށްފަ އޮންނާނެ. ބަޖެޓު ފާސްކޮށްގެން އެކަން ވާނީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫގެ ބިން ހިއްކަން. މި ބަޖެޓުގައި އޮންނާނެ. އެކަން ފާސްކުރަން އެބަޖެހޭ. ކެލާގެ ތަރައްގީގެ މަޝްރޫއުތައް ހުންނާނެ. މި ބަޖެޓު ފަސްކޮށްދެއްވާށޭ އެހެން ނޫނީ އެކަމެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

comment ކޮމެންޓް