ޓޫރިޒަމަށް ބިންތައް ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދެނީ

ކައުންސިލަރުންގެ ކޮންފެރެންސްގެ ތެރެއިން: ކައުންސިލްތަކަށް ފަތުރުވެރިކަމުގެ ބިންތައް ކަނޑައެޅުމުގެ އިހްތިޔާރު ދިނުމަށް ބިލުގައި ވަނީ ހިމަނާފައި -- ފައިލް ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކަށް އެރަށެއް ނުވަތަ އެ ސިޓީއެއްގެ ޓޫރިސްޓު ބިންތައް ކަނޑައެޅުމުގެ ބާރު ދިނުމަށް ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވާފަ އެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އެެ ބިލުގައިވާ ގޮތުން، ކައުންސިލްތަކަށް ބައެއް ބާރުތައް ދިނުމަށް ވަނީ ހިމަނާފަ އެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގައި ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްގީކުރުމަށް ބިންތައް ކަނޑައެޅުމުގެ އިހްތިޔާރު، އެ ރަށެއް ނުވަތަ އެ ސީޓީއެއް ނިސްބަތްވާ ކައުންސިލަށް ލިބިގެންވާ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ.

އެ ބިލުގައި ބުނާ ގޮތުން، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށެއްގެ ބިނާވެށީގެ ޕްލޭންގައި ކަނޑައެޅިފައިވާ ބިންތައް ކުއްޔަށް ދޫކުރާނީ، އެ ބިމެއް ނިސްބަތްވާ ކައުންސިލްތަކުން އާންމުކޮށް އިއުލާންކޮށްގެން ކަމަށެވެ. އަދި އެ ބިން ދޭންވާނީ ކަމާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތައް ކަމަށް ބިލުގައި ބުނެފައިވެ އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ޓޫރިޒަމަށް ތަރައްގީ ކުރާ ސަރަހައްދުތައް ކަނޑައެޅުމުގެ ބާރު އޮންނަނި ރައީސުލްޖުމްހޫރިއްޔާއަށެވެ.

comment ކޮމެންޓް