ކުޅޭނެ ކުޅިވަރަކާ، ބޭނުންވަނީ ކޮން ފެސިލިޓީއެއްކަން ނިންމާނީ އެ ރަށަކުން: މަހްލޫފް

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓާ އެކުގައި މަސައްކަތްތަކެއް ކުރުމަށް އެމް.އޯ.ޔޫ އެއްްގައި ސޮއިކުރުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ// ފަޔާޒް މޫސާ

ވަކި ރަށެއްގައި ކުޅެން ޖެހޭނީ މިވެނި ކުޅިވަރެއް ކަމަށާއި، އެ ރަށަކަށް ބޭނުންވާނެ ފެސިލިޓީތައް ނިންމަނީ މިނިސްޓްރީން ނޫން ކަމަށާއި، އެއީ އެ ރަށެއްގެ ރައްޔިތުންގެ އަތް މަތީގައި އޮތް ކަމެއް ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ސަބަބުން ދައުލަތުގެ އާއްމުދަނީ އިންތިހާއަށް ދައްވެފައިވީ ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ގިނަ ފުޓްސަލް ދަނޑުތަކެއް އެޅުމަށް ނިންމާފައި ވާތީ މަޖިލީހުގެ މެންބަރުން ވަނީ ސަރުކާރަށް ފާޑުކިޔައިފަ އެވެ.

މަޖިލީހުގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު މަހްލޫފް އިއްޔެ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކާއި ވިޔަސް، ނުވަތަ ރަށަކަށް ގޮސް ކައުންސިލަކާ ބައްދަލުކޮށްލިޔަސް އެބޭފުޅުން އެންމެ ގިނައިން ދައްކާ ވާހަކައަކީ އެ ރަށްރަށުގެ ޒުވާނުންނަށް ކުޅިވަރު ފެސިލިޓީތައް ގާއިމުކުރުމުގެ ވާހަކަތައް ކަމަށެވެ. އެހެން ކަމުން އެ ބޭނުންވާ ކުޅިވަރެއް ކުޅެވޭނެ ގޮތް އެ ރަށަކަށް ހޯދައިދިނުމަކީ ކުޅިވަރާ ބެހޭ މިނިސްޓްރީގެ ޒިންމާ ކަމަށާއި، ކުރައްވަމުން ގެންދަވަނީ އެ މަސައްކަތް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"މިސާލަކަށް އިހަކަށް ދުވަހަކު އެބައޮތް ބ. އަތޮޅު ކެންދޫއިން 350 އަށް ވުރެން ގިނަ މީހުންގެ ސޮއިއާ އެކު އެރަށުގައި ފުޓްސަލް ދަނޑެއް އަޅައިދޭން. މިކަން މިހެން އޮއްވާ އަޅުގަނޑު އެ ރަށުގެ ރައްޔިތުން ގާތު ކަލޭމެން ކުޅެން ޖެހޭނީ ބާސްކެޓޭ ކިޔައި، ބާސްކެޓް ކޯޓެއް އަޅައިދިނީމަ ދިމައެއް ނުވޭ،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިނިސްޓްރީ އަކީ ރަށްރަށުގައި ކުޅެން ޖެހޭނެ ކުޅިވަރުތައް ނިންމާ ބައެއް ނޫން ކަމަށާއި، އެކަމަކީ އެ ރަށެއްގެ ރައްޔިތުން ބޭނުން ވެގެން ކުރާނޭ ކަމެއް ކަމަށެވެ.

މިނިސްޓަރ މަހްލޫފްގެ ވާހަކަތަކަށް ބާރު ދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އިއްޔެ ވިދާޅުވީ، ދައުލަތަކުން ސަރުކާރަކުން ކުރާ ކޮންމެ ކަމަކީ އޭގެން އާއްމުދަނީއެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކޮނޮމިކް މިނިސްޓްރީގެ މަސައްކަތަކީ ޓެކްސްއާއި އެހެނިހެން ގޮތްގޮތުން ވެސް ދައުލަތް ހިންގުމަށް ފައިސާ ވަންނާނެ ފޯމިއުލާއެއް ހޯދުން ކަމަށާއި، އެ ހޯދާ ފައިސާއިން މުނިފޫހިފިލުވުމަށާއި، ރައްޔިތުންގެ ދުޅަ ހެޔޮކަމަށް ހަރަދު ކުރަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް