އެންމެފަހުން ވޮންޑަ ވުމަން މިއަހަރު ނެރެނީ

ވޮންޑަ ވުމަން 1984 ގެ އެންމެ ފަހުގެ ޓްރެއިލާއިން މަންޒަރެއް

ރިލީޒްކުރުން ފަސްކޮށްފައިވާ ވޯނާ ބްރޮސްގެ ޑީސީ ކޮމިކް ފިލްމު "ވޮންޑަ ވުމަން"ގެ ދެވަނަ ފިލްމު ކަމަށްވާ "ވޮންޑަ ވުމަން 1984" އެންމެ ފަހުން މިއަހަރު ރިލީޒްކުރުމަށް ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އެތައް ފަހަރެއްގެ މަތީން ފަސްކޮށްފައިވާ އެ ފިލްމު މީގެކުރީން ތާވަލުކޮށްފައިވަނީ އަންނަ އަހަރު އެޅުވުމަށެވެ.

ވޯނާ ބްރޮސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވޮންޑަ ވުމަން 1984 އަންނަ މަހުގެ 25ގައި ރިލީޒްކުުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރު ނިމުމުގެ ކުރީން އަޅުވާ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ ވޮންޑަ ވުމަން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ދެގޮތަކަށެވެ. އެއީ 25 ޑިސެމްބަރުގައި ސިނަމާތަކުގައި އަޅުވަން ފެށުމުގެ އިތުރުން ސްޓްރީމް ކުރުމެވެ. ވޯނާ ބްރޮސްގެ ސްޓްރީމިން ސާވިސް ކަމަށްވާ "އެޗްބީއޯ މެކްސް" އަށް ހަމަ ޑިސެމްބަރު 25 އިން ފެށިގެން އެ ފިލްމު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ވޯނާ ބްރޮސް އިން ބުނެފައިވަނީ އެޗްބީއޯ މެކްސް ސަބްސްކްރައިބަރުންނަށް އިތުރު ފީއެއް ނުލައި އެ ފިލްމު ސްޓްރީމްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ވޯނާ ބްރޮސް އިން އެހެން ނިންމިއިރު އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފެށުމާ ގުޅިގެން ހުރިހާ ސިނަމާތަކެއް މުޅި އަހަރަށް ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ. އެހެންކަމުން ވޯނާ ބްރޮސް އިން އުއްމީދު ކުރަނީ އެ ފިލްމު ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ކާމިޔާބުވުމަށެވެ.

ވޮންޑަ ވުމަން ސިނަމާގެ އިތުރުން ސްޓްރީމިން ސާވިސް އަށް ނެރުމަށް ހަމަޖެއްސި އިރު ޑިޒްނީއިންވެސް ދަނީ އެފަދަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރު އެ ކުންފުނީން ސިނަމާއަށް ނެރުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް ފިލްމު ކަމަށްވާ "މުލާން" އެންމެ ފަހުން ވަނީ އެކުންފުނީގެ ސްޓްރީމިން ސާވިސް "ޑިޒްނީ ޕްލަސް" އަށް ނެރެފަ އެވެ. އެޗްބީއޯ މެކްސް އާ ހިލާފަށް މިދިޔަ ސެޕްޓެމްބަރުގައި ނެރުނު މުލާން ބެލުމަށް އާންމުންނަށް 30 ޑޮލަރު ދައްކަން ޖެހުނެވެ. އެއީ ކުންފުނީގެ ސްޓްރީމިން ސާވިސް ސަބްސްކްރިޕްޝަންގެ އިތުރުންނެވެ.

comment ކޮމެންޓް