ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލައި އާމްދަނީ ހޯދަން ބިން ވިއްކަން ފަށަން ޖެހިއްޖެ: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް — ފޮޓޯ/ މަޖިލިސް

ރަށްރަށުން އެރަށެއްގެ ރައްޔިތުންނަށް ދޫކުރަމުން އަންނަ ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލުމަށް ފަހު ބިން ވިއްކަން ފަށަން ވެއްޖެ ކަމަށް މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން އަސްލަމް ވިދާޅުވީ ބިން ވިއްކައިގެން 300 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ޖަހާފައިވާ ކަމަށެވެ. އެކަމަކު އެ އަދަދު އިތުރު ކުރެވޭނެ ގޮތްތަކެއްވެސް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންނަށް ދޫކުރަމުން އަންނަ ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލަން ޖެހިއްޖެ ކަމަށެވެ. އެއީ ރަށްރަށުގެ ހުރިހާ ރައްޔިތުންނަށް ބަންޑާރަ ގޯތު ދޫކުރާ ވަރަށް ރާއްޖޭގެ ރަށްރަށުގައި ބިން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރު އަޅުގަނޑުމެން ޖެހިއްޖެ މި ބަނޑާރަ ގޯތި ދޫކުރުމުގެ އުސޫލު އެއްކޮށް ހުއްޓާލަން. އެހެން މި ދެންނެވީ އެއް ހަމައަކުން އެއް އުސޫލަކުން ބަންޑާރަ ގޯތި ދެވޭނެ ގޮތެއް ރާއްޖޭގެ ރަށްތަކުގައި ނެތް. އެއްވަރަކަށް ދެވޭނެ ގޮތެއްވެސް ނެތް،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ބަންޑާރަ ގޯތި ދޫކުރުން ހުއްޓާލައި ބިން ވިއްކަން ފަށަން ޖެހޭ ކަމަށެވެ. އަދި ބިން ބުގަނެވޭ ވަރުގެ މީހުންނަށް ސޯޝިއަލް ހައުސިންގް އަޅައި އެމީހުންނަށް އެފޯޑްކުރެވޭ އަގެއްގައި އެތަންތަން ލިބޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ.

ބަޖެޓުގައި މިހާރު ހިމަނާފައި އޮތީ ރަށްރަށުން ހިއްކާފައިވާ ބިންތައް ވިއްކައިގެން އާމްދަނީ ލިބޭނެ ކަމަށެވެ. އަސްލަމް ވިދާޅުވީ ގޯތި ދޫކުރުން ހުއްޓާލައި ބިން ވިއްކަން ފަށައިފި ނަމަ މިހާރު ބިން ވިއްކައިގެން ލިބޭނެ ކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ ދޮޅު ބިލިއަން ރުފިޔާއަށް އިތުރުވެެން ދާނެ ކަމަށެވެ.

ހުރިހާ މެމްބަރުން ފާހަގަކުރި ދަރަނި ބޮޑުވުމުގެ މައްސަލައާ ގުޅިގެން އަސްލަމް ވިދާޅުވީ ދަރަނި ބޮޑުވެގެން އޭނާ ކަންބޮޑު ނުވާ ކަމަށެވެ. ދަރަނި ދައްކަން މިއަހަރުވެސް ކަނޑައަޅަން ޖެހުނީ ވަރަށް ކުޑަ ޕަސެންޓެއް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް