އާޒިމަށް ފައްޔާޒުގެ ރައްދު: ސަރުކާރު ކުންފުންޏެއް ވިއްޔާ ބާރު ފޯރާނެ!

މިނިސްޓަރު ފައްޔާޒް އާއި މެމްބަރު އާޒިމް -- ސަން ފޮޓޯ/ އިބްރާހިމް މާހިލް މުހައްްމަދު

ސަރުކާރު ހިއްސާވާ ކުންފުނިތައް ގިނަކުރަނީ "ބޮޑު މިނިސްޓަރަށް" އެހެން މިނިސްޓްރީތަކުގެ ބާރުތައް ދޭން ކަމަށް ވިދާޅުވެ، އެމްޑީޕީ ޕީޖީ ލީޑަރު އަލީ އާޒިމް ދެއްކެވި ވާހަކައަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ރައްދު ދެއްވައިފިއެވެ.

ބަޖެޓު ބަހުސްގައި މިއަދު އާޒިމް ވިދާޅުވީ މި ސަރުކާރުގެ ދެ އަހަރުގެތެރޭގައި 10 އަށްވުރެ ގިނަ ކުންފުނި އުފައްދާފައިވާ ކަމަށާއި، ސަރުކާރުން އާންމު ވިޔަފާރިތަކުގެ ތެރެއަށް ނުވަނުމަކީ އެމްޑީޕީގެ އެއް ސިޔާސަތު ކަމަށެވެ.

އާޒިމްގެ ވާހަކައިގައި މިނިސްޓަރު ފައްޔާޒްގެ ނަން ވިދާޅެއް ނުވެއެވެ. ނަމަވެސް ކުންފުނިތައް އުފައްދަނީ އެ ކުންފުނިތަކުގެ ބާރު ވެސް "މިނިސްޓްރީ ތެރެއަށް، ބޮޑު މިނިސްޓަރު ހެދިގެން ވައްދައިގެން" އިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މޭރުމުން ވާހަކަދައްކަވަމުން އާޒިމް މިސާލުޖެއްސެވީ ފަހި ދިރިއުޅުން އަދި އެގްރޯނެޓް ކުންފުންޏަށެވެ. އެގޮތުން އެގްރޯނެޓް ކުންފުންޏާ ހަވާލުކޮށްފައިވާ މަސައްކަތަކީ އެގްރިކަލްޗާ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްއްތައް ނަމަވެސް އެކަމަށް ކުންފުންޏެއް ހެދީ ފައްޔާޒް އަމިއްލަައަށް އެ ބާރު ނަގަން ކަމަށް ވިދާޅުވިއެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސަރުކާރު ހިއްސާވާ ކޮންމެ ކުންފުންޏެއްގެ މައްޗަށް އޭނާއަށް ބަސް ކިޔޭނެ ކަމަށެވެ. އަދި އާޒިމް އަށް ކަންކަން ހިނގާގޮތް ނޭނގޭކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

"އޭގެ މާނައަކީ އަޅުގަނޑު ބުނާގޮތް އެމީހުން ހަދަނީއެކޭ ނޫން. ސިޔާސަތު ކަނޑައެޅުމުގައި އަޅުގަނޑަށް ބަސް ކިޔޭނެ. ވަރަށް ރަނގަޅު ވާހަކަފުޅެއް އެއީ. އަދި އެގްރޯ ނެޓަސް، އެހެން އެއްޗެއް ވިޔަސް، ދައުލަތުގެ ކުންފުންޏެއް ވިއްޔާ އަޅުގަނޑު ބަސް ކިޔާނެ. ދެން އެބޭފުޅާއަށް ރަނގަޅަށް ފަހުމްވެ ވަޑައިނުގެންނެވީ ކަންނޭނގެ މިކަންކަން ހިނގާ ގޮތް،" ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އެގްރޯނެޓަކީ އެގްރިކަލްޗާ މިނިސްޓްރީން ބޭނުންވެގެން އުފެއްދި ކުންފުންޏެއް ކަމަށާއި، އެހެން ނަމަވެސް ކުންފުނި އުފެއްދުމަށް ފަހު ކުންފުނީގެ ކަންކަން ހިންގަން އެގްރިކަލްޗާ މިނިސްޓްރީން ނޫޅޭނެ ކަމަށެވެ.

މިނިސްޓަރު އެގްރިކަލްޗާ މިނިސްޓްރީގެ މަސައްކަތަކީ ސިޔާސަތު ކަނޑައަޅައި، އެ މިނިސްޓްރީން ދަނޑުވެރިކަން ގެންދަން ބޭނުންވާ ހިސާބު ކަނޑައެޅުން ކަމަށެވެ. ކޮންމެ ކޮންފުންޏެއް ވެސް އުފައްދަނީ ކެބިނެޓަށް ހުށަހަޅައި، ކެބިނެޓުން ފާސްކޮށް، ސަރުކާރުން އެކަން ބޭނުންވުމުންކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ކުންފުނިތަކަށް ފައިސާ ދޫކުރަނީ ފިނޭންސް މިނިސްޓްރީންކަމަށް ވާއިރު، ކުންފުނިތަކުގައި ފިނޭންސްގެ ދައުރު މާބޮޑު ވާނެ ކަމަށެވެ.

"އަޅުގަނޑު އެތަންތަނުގެ ސްޓްރެޓީޖިކް ޑިޒިޝަންތަކުގައި ވަރަށް ބޮޑު ރޯލެއް ކުޅޭނެ. އެގްރޯނެޓުގެ ބޯޑުގައި ތިއްބަވާނެ އެގްރިކަލްޗާ މިނިސްޓްރީގެ ބޭފުޅުން، އެކަހަލަ ގޮތަކަށް ބައްޓަންކޮށް، ވަރަށް ގުޅިގެން މަސައްކަތް ކުރަމުން މިދަނީ. އެހެންވީމަ އަޅުގަނޑުގެ ބާރު ފޯރާނެ އެތަންތަނަށް. އެއީ ހަމަ ރަނގަޅު ވާހަކަފުޅެއް އެ ދެއްކެވީ،" މިނިސްޓަރު ވިދާޅުވިއެވެ.

ފައްޔާޒަށް އަމާޒުކޮށް އާޒިމް މިފަދަ ވާހަކަތަކެއް ދައްކަވާފައި ވާއިރު، މިނިސްޓަރާ މެދު އެމްޑީޕީގެ ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. މިދިޔަ އޯގަސްޓު މަހު އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ފައްޔާޒް މާގާމުން ވަކިކުރުމުގެ މަސައްކަތް ފަށައި، އޭނާ މަގާމުން ވަކިކުރުމަށްޓަކައި، މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅުމަށްޓަކައި ސޮއި ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދިވެސް އެ މަސައްކަތް ކުރިއަށް އެބަދެއެވެ.

އެ ދުވަސްވަރު މަޖިލީހުގެ ތެރެއިން ފަައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީގެ ތެރެއިން ބޭނުންވާ އަދަދަށް ތާއީދު ނުލިބުމުން އެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.

އޯގަސްޓް މަހުގެ ތެރޭގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގެ ތެރޭގައި ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ މިނިސްޓަރު ފައްޔާޒަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ ބައެއް މަޝްރޫއުތައް ހަވާލު ކުރުމާ ގުޅުވަ އެވެ. ޕާޓީ ތެރޭގައި "ބްރޯ ހެދިގެން" ފައްޔާޒަށް ނޫޅުއްވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ފައްޔާޒް މަގާމުން ދުރުކުރުމުގެ މައްސަލައިގައި އެމްޑީޕީގެ ތެރޭގައި އޮތީ ހިޔާލު ތަފާތުވެފަ އެވެ. މީގެ ކުރިން އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންވެސް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަމަށް ވިދާޅުވެފަ އެވެ.

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ފާޅުގައި، ފައްޔާޒުގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. އަދި އެމަނިކުފާނުގެ އިތުބާރު ފައްޔާޒަށް އޮތް ކަމަށްވެސް ރައީސް ސޯލިހް އޭރު ވިދާޅުވި އެވެ.

comment ކޮމެންޓް