15 ގަޑިއިރުގެ ބަހުސަށް ފަހު ބަޖެޓް ބަހުސް ނިންމާލައިފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން — ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 37.79 ބިލިއަން ރުފިޔާގެ ބަޖެޓަށް 15 ގަޑިއިރު ބަހުސްކޮށް މިރޭ ބަޖެޓް ބަހުސް ނިންމާލައިފި އެވެ.

ބަޖެޓް ބަހުސް ފަށާފައި ވަނީ މި ހަފްތާގެ ހޯމަ ދުވަހު އެވެ. ތިން ދުވަހުން 69 މެމްބަރުން ބަޖެޓް ބަހުސްގައި ވާހަކަ ދައްކާފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ. ދެން އޮންނާނީ ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާ ކުރުމަށް ފަހު ނިންމާ ރިޕޯޓަށް ބަހުސް ކުރުމެވެ. އެ ރިޕޯޓަށް ބަހުސް ކުރަން ކޮންމެ މެމްބަރަކަށް ހަތް މިނެޓް ލިބޭ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

"މުޅި ޖުމް 15 ގަޑިއިރު 43 މިނިޓް މި ބަހުސްގައި އަޅުގަނޑުމެން ހޭދަކޮށްފިން. ބަޖެޓް ބަހުސް މިހިސާބުން ނިމުނީ. އަޅުގަނޑުމެން މިހާރުދެން އިންތިޒާރުކޮށްގެން މިތިބީ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ރިޕޯޓަށް." ނަޝީދު ވިދާޅުވި އެވެ.

ތިން ދުވަހުން ބަޖެޓް ވަހުސްކޮށް ނިންމާފައިވާއިރު ބަހުސްގަިއ ބައިވެރިވި ގިނަ މެމްބަރުން ވަނީ ބަޖެޓާ މެދު ހިތް ހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ލިބޭ އާމްދަނީއަށް ދަރަނި ބޮޑުކޮށް އޮތުމުން ގިނަ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި މިޙާރު ބަޖެޓު އޮތް ގޮތަށް ފާސްކޮށްފި ނަމަ މާލީ އިދާރާތަކުގެ މެދުގައި ރާއްޖޭގެ އިތުބާރު ގެއްލޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓް ކޮމިޓީއިން ބަޖެޓް ދިރާސާކޮށް ނިންމާނެ ކަމަށް ބުނެފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އޭގެ ފަހުން ތަޅުމުގައި ރިޕޯޓަށް ބަހުސްކޮށް މިމަހުގެ 23 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އަހާނެ ކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފަ އެވެ.

ބަޖެޓުގައިވާ ގޮތުގައި ދަރަނި ދެއްކުމާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސްމާލާ އެކު ބަޖެޓުގެ ޖުމްލަ އަކީ 34.79 ބިލިއަން ރުފިޔާއަށްވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 17.79 ބިލިއަން ރުފިޔާ އެވެ. އެހެން ކަމުން، މިއީ 15.50 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ. މިއީ، އުފެއްދުންތެރިކަމުގެ ނިސްބަތުން 23 ޕަސެންޓުގެ ޑެފިސިޓެކެވެ.

އެ ޑެފިސިޓް ފޫބެއްދުމަށް ފައިސާ ހޯދާނެ ގޮތަކީ؛

  • 300 މިލިއަން ޑޮލަރު (4.63 ބިލިއަން ރުފިޔާ): ބޭރަށް ބޮންޑާއި ސްކޫކް ވިއްކައިގެން
  • 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ): ގްރީން ނުވަތަ ބްލޫ ބޮންޑު ވިއްކައިގެން
  • 150 މިލިއަން ޑޮލަރު (2.31 ބިލިއަން ރުފިޔާ): ބޭރު ގައުމުތަކާއި ޖަމްއިއްޔާތަކުން ލޯނު ނެގުން
  • 3.7 ބިލިއަން ރުފިޔާ: އެތެރޭގެ މާކެޓަށް ބޮންޑު ވިއްކުން
  • 462 މިލިއަން ރުފިޔާ: ދައުލަތުގެ ކުންފުނިތައް ޕްރައިވެޓައިޒްކޮށްގެން
comment ކޮމެންޓް