ބަޖެޓުގައި ފުޓްސަލް ދަނޑުތައް އިތުރުވެ މެމްބަރުންގެ ބަހުސަކަށް

މެންބަރު އީވާ، ރޮޒައިނާ އަދި މީކާއީލް: އީވާ އާއި މީކާއީލް ވިދާޅުވީ މިއީ ފުޓްސަލް ދަނޑުއަޅަންވީ ވަގުތު ނޫން ކަމަށް -- ސަން ފޮޓޯ

ކޮވިޑްގެ ސަބަބުން ދައުލަތުގެ އާއްމުދަނީ އިންތިހާއަށް ދައްވެފައިވީ ނަމަވެސް، އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓުގައި ފުޓްސަލް ކުޅޭ ދަނޑުތައް އެޅުން އިތުރުވުމުން މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދިއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން މިއަދު މިއޮތް ހާލަތަކީ މީގެ ކުރިން ތަހައްމަލު ކުރަން ނުޖެހޭ ފަދަ އުނދަގޫ ހާލަތެއް ކަމަށާއި، ބަޖެޓް ކަނޑައަޅަންވާނީ ހާލުގައި ޖެހިފައި ތިބި ދިވެހީންގެ ހިތްތަކަށް ކޮންމެސް ވަރެއް2ގެ ތަސައްލީއެއް ލިބޭނެފަދަ ގޮތަކަށް ކަމަށެވެ.

އެގޮތުން ގިނަ ވަޒީފާތައް އުފެއްދުމާއި، ލޯންތައް ދީގެން ވިޔަސް ރައްޔިތުންނަށް އާއްމުދަނީއެއް ލިބޭނެ މަގު ހޯދައިދެއްވުމަށް ބަޖެޓުގައި ފޯކަސް ކުރަން ޖެހޭ ކަމަށާއި، ރަށްރަށުގައި ފުޓްސަލް ދަނޑުތައް ކިތަންމެ ވަރަކަށް އެޅިޔަސް އެކަން ހައްލު ނުވާނެ ކަމަށް މީކާއިލް ވަނީ ވިދާޅުވެފަ އެވެ.

"މިހާލަތުގައި ތިއްބާ ކާކުތޯ ފުޓްސަލް ދަނޑެއް އަޅަން ޕްރިއޮރިޓީ ދޭނީ. ކޮން ދިވެެއްސެއްތޯ ހަގީގީ މާނައިގައި ބޭނުންވާނީ ފުޓްސަލް ދަނޑެއް އަޅަން؟ ފުޓްސަލް ދަނޑަކުން ދިވެހި މީހާގެ ބަނޑު ފުރާނެ މުއްތި ނުކުރެވޭ. ފުޓްސަލް ދަނޑަކުން ކަރަންޓް ބިލާއި ފެން ބިލާއި ފޯނު ބިލެއް ނުދެއްކޭ. ފުޓްސަލް ދަނޑަކުން އޭނާގެ މޯގޭޖް ޕޭމަންޓެއް ނުދެއްކޭ. ފުޓްސަލް ދަނޑަކުން އިތުރު ވިޔަފާރީއެއް ދައުލަތަކަށް ނުލިބޭ،" މީކާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިފަދަ ގޮތަކަށް ދައުލަތަށް މިވަގުތު ލިބިފައިވާ މަދު ފައިސާކޮޅު ހަރަދު ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށާއި، ޕީއެސްއައިޕީގެ ޕްރޮޖެކްޓައް މިހިނދުން މިހިނދަށް މަޑުޖައްސާލަން ޖެހޭ ކަމަށެވެ.

މީކާއިލްގެ ވާހަތަކަށް ބާރުދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲ ވިދާޅުވީ، ކޮވިޑް-19ގެ ހާލަތާ ގުޅިގެން މުޅި ދުނިޔެއާއެކު ރާއްޖެއަށް ލިބެމުންދިޔަ އާމްދަނީ ގާތްގަނޑަކަށް ހުއްޓި، އިގުތިސާދު 25 ޕަސަންޓުން ދަށަށް ގޮސް، ރައްޔިތުން ނިމަކެތިވެފައިވާ ކަމަށެވެ.

އެހެން ކަމުން ކޮވިޑް-19ގެ ހާލަތުގައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހިންގާނެކަމާމެދު ސުވާލު އުފައްދަވަމުން، އީވާ ވަނީ އިގުތިސާދު އަލުން ހިންގުމަށްޓަކައި ސަރުކާރުން ފައިސާ ޕަމްޕުކުރުމަށް އިއުލާނުކޮށްފައިވާ ޕޮލިސީއާ މެދު ކަންބޮޑުވުންފާޅުރައްވައިފަ އެވެ.

"އެންމެނަށްވެސް އިނގޭ އާއްމުދަނީ ކުޑަކަން. އެންމެނަށް ވެސް އިނގޭ މިހުރިހާ ފުޓްސަލް ދަނޑުތައް އަޅުގަނޑުމެންނަށް ނޭޅޭނެކަން." އީވާ ވިދާޅުވި އެވެ.

އީވާ ސިފަކުރެއްވި ގޮތުގައި ޕީއެސްޕީއައިގެ ގިނަ ޕްރޮޖެކްޓްތަކަކީ ކޮންމެހެން ކުރަން ނުޖެހޭ، ނަމަވެސް ކޮންމެހެން ވެސް ކުރަން ފައިވިއްދާފައި ހުރިކަންކަމެވެ. އަދި އެކަންކަން ކަނޑާލައިގެން މެނުވީ ބަޖެޓައް ލުޔެއް ނުދެވޭނެކަން އީވާ ފާހަގަކުރެއްވި އެވެ.

ބައެއް މެންބަރުންނަށް ފުޓްސަލް ދަނޑު މުހިންމު

ފުޓްސަލް ދަނޑުގެ ވާހަކައިގައި މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ބަޖެޓުގައި ޕީއެސްޕީއައިގެ ޕްރޮޖެކްޓްތައް ގިނައިން ހިމެނުމަކީ މައްސަލައެއް ނޫންކަމަށާއި، ބަޖެޓަކީ އަންދާޒީ ބަޖެޓެއް ކަމަށެވެ. އަދި އެ އަންދާޒާ ކުރާ މިންވަރަށް އާއްމުދަނީ ނުލިބޭ ނަމަ އެކަންކަން ނުކުރެވޭނެކަން އެބަ އިނގޭ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އިނގޭނީ އަޅުގަނޑަށް ގުޅާފައި، އަޅުގަނޑުގެ ދާއިރާގެ ޒުވާނުން މި ފުޓްސަލް ދަނޑެއްގެ ވާހަކަ ދައްކާ މިންވަރު،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ، ކުޅިވަރު ދަނޑުތައް ގިނަ ކުރުމަކީ ސިއްހީ ނިޒާމާއި ގުޅިފައި އޮތް ކަމެއް ކަމަށާއި، ކަސްރަތު ކުރުމަކީ ސިއްހީ ނިޒާމަށް ހަރަދުކުރަން ޖެހޭ މިންވަރު މުސްތަގުބަލުގައި ކުޑަވާނޭކަމެއް ކަމަށެވެ. އެހެން ކަމުން ކުޅިވަރު ދަނޑުތައް އިތުރު ކުރުމުން ފައިދާ ވާނީ ހަމައެކަނި އެ ކުޅޭ ބަޔަކަށް ނޫން ކަމަށާއި، އެކަމުގެ ސަބަބުން މުސްތަގުބަލުގައި ހަރަދުތަކެއް ކުޑަވާނެ ކަމަށެވެ.

comment ކޮމެންޓް