ބްރެޒިލް އަދި އާޖެންޓީނާ ވެސް ރެކޯޑް ދަމަހައްޓައިފި

އާޖެންޓީނާގެ ފޯވާޑް ލައުޓޮރީ މާޓީނެޒް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

މިހާރު ކުރިއަށްދާ ކޮންމެބޯލްގެ ވޯލްޑްކަޕް ކޮލިފައިންގްގައި ރޭގެ މެޗުތަކުން ވެސް މޮޅުވެ ބްރެޒިލްއާއި އާޖެންޓީނާ ބަލިނުވެ އައުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

އުރުގުއޭގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމުގެ މައްޗަށް ބްރެޒިލްއިން ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. މި ފަަހަރުގެ ކޮލިފިކޭޝަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅު ހޯދާފައިވާ ބްރެޒިލްއިން ރޭގެ މޮޅާ އެކު ތާވަލުގެ އެއްވަނައިގެ މަގާމު ވަނީ ދިފާއު ކޮށްފަ އެވެ.

ދެކުނު އެމެރިކާގައި އަބަދުވެސް ބޮޑު ވާދަވެރިކަމެއް އޮންނަ އުރުގުއޭއާއި ބްރެޒިލް ބައްދަލު ކުރި އެ މެޗުގައި އަނިޔާގެ ސަބަބުން ދެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ކުޅެފައެއް ނުވެ އެވެ. އެގޮތުން ބްރެޒިލްގެ ކެޕްޓަންކަން ކުރަމުން އަންނަ ނޭމާއާއި، އެ ޓީމުގެ އެއް ނަންބަރު ކީޕަރު އެލިސަންގެ ބަދަލުގައި ރޭގެ މެޗުގައި ކުޅެފައި ވަނީ އެޑާސަން އެވެ.

އަނެއްކޮޅުން ކޮވިޑްގެ ޝިކާރައަކަށްވެ އުރުގުއޭގެ އެންމެ މުހިއްމު ކުޅުންތެރިޔާ ލުއިސް ސުއަރޭޒް ވެސް ރޭގެ މެޗުގައި ކުޅެފައި ނުވާ އިރު، އެ ޓީމު މިފަހަރު ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ ހަ ޕޮއިންޓް އެވެ. އެއާ އެކު މިވަގުތު އުރުގުއޭ އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ.

ރޭގެ މެޗުގައި ބްރެޒިލުން ޖެހި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ ބްރެޒިލަށް 34 ވަނަ މިނަޓުގައި ލީޑު ނަގައިދިނީ ޔުވެންޓަސްގެ މިޑްފީލްޑަރު އާތުރް މެލޯ އެވެ. އެއަށްފަހު ހާފު ނިމެންދަނިކޮށް ބްރެޒިލްގެ ލީޑު ފުޅާކޮށްދިނީ ފަހަކަށް އައިސް ސްކޮޑުން ބަރާބަރަށް ޖާގަ ހޯދަމުން އަންނަ އެވަޓަންގެ ފޮވާޑް ރިޗާލްސަން އެވެ.

މިދިޔަ ކޮލޮފައިންގެ ފަހު މެޗުން ވޯލްޑްކަޕްގެ ޖާގަ ކަށަވަރު ކުރި އާޖެންޓީނާއިން ވެސް މިފަހަރުގެ ކޮލިފައިން ފެށީ ވަރުގަދަޔަށެވެ. ޕެރޫ އަތުން ރޭ 0-2 އިން މޮޅުވި މެޗާ އެކު އެ ޓީމު ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިފަ އެވެ. ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށްގެން އާޖެންޓީނާ މިވަގުތު ތާވަލުގެ ދެވަނައިގައި އޮތް އިރު، އެ ޓީމާ އެންމެ ގާތުގައި ދެން އޮތީ ނުވަ ޕޮއިންޓާ އެކު އެކުއެޑޯ އެވެ.

އާޖެންޓީނާއިން ވެސް ޖެހި ދެ ގޯލު ފުރަތަމަ ހާފުގައި ކާމިޔާބު ކުރި އިރު، އެ ދެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލަސް ގޮންޒާލޭޒްއާއި މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ލައުޓޮރޯ މާޓީނެޒް އެވެ.

comment ކޮމެންޓް