އެއާބީއެންބީ އިން ހިއްސާ ވިއްކަނީ

އެކި ގައުމުތަކަށް ދަތުރު ކުރާ މީހުންގެ މެދުގައި މަގުބޫލު އެއާބީއެންބީ އިން ހިއްސާ ވިއްކަން ނިންމައިފިއެވެ.

އެއާބީއެންބީ އިން އެ ކުންފުނީގެ ޕްރޮސްޕެކްޓަސް އިއްޔެ އާންމު ކޮށްފައިވާއިރު ކުންފުނީގެ 2.9 މިލިއަން ހިއްސާ ވިއްކަން ވަނީ ނިންމައިފައެވެ.

އެއާބީއެންބީ އިން ވަނީ ފާއިތުވި ކުއާޓަރުގައި 1.34 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދައިފައެވެ. ހަރަދަށް ކެނޑުމަށްފަހު އާމްދަނީގެ ގޮތުގައި ޖުމްލަ 219 މިލިއަން ޑޮލަރު މިިދޔަ ކުއާޓަރުގައި އެ ކުންފުނިން ހޯދާފައިވެއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 19 ޕަސެންޓުގެ ދަށްވުމެކެވެ.

އެއާބީއެންބީ އިން އެ ކުންފުނީގެ ހިއްސާ ވިއްކަން ނިންމާފައިވަނީ ނިއުޔޯކްސިޓީގެ "ނަޒްޑަކް" ސްޓޮކްމާކެޓްގައެވެ.

އެއާބީއެންބީ އަށް ބޮޑު އާމްދަނީއެއް ލިބުނު ނަމަވެސް އެ ކުންފުންޏަށް ފައިދާ ލިބިފައެއް ނުވެއެވެ. މިދިޔަ 2019 ވަނަ އަހަރު އެއާބީއެންބީ އަށް އާމްދަނީގެ ގޮތުގައި 4.81 ބިލިއަން ޑޮލަރު ލިބުނު ނަމަވެސް ކުންފުންޏަށް ވަނީ 674 މިލިއަން ޑޮލަރުގެ ގެއްލުން ވެފައެވެ. މިއަހަރުގެ މިހާތަނަށް އެ ކުންފުންޏަސް 697 މިލިއަން ޑޮލަރުގެ ގެއްލުން ވެފައިވެއެވެ.

މީގެ ސަބަބެއް ކަމަށް ލަފާކޮށްފައިވަނީ ކޮވިޑް19ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް އައި ހުއްޓުމެވެ. ޗުއްޓީ އަށާއި ވިޔަފާރި ދަތުުރތަކުގައި ކުރު މުއްދަތަކަށް އެކި ތަންތަނަށް ދަތުރު ކުރާ މީހުން އެއާބީއެންބީ މެދުވެރިކޮށް ކޮޓަރި ނުވަތަ އެޕާޓްމެންޓް ބުކް ކުރި ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު ދަތުރު ފަތުރު އޮތީ މުޅިންހެން ހުއްޓިފައެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއާބީއެންބީ މެދުވެރިކޮށް 17.9 ބިލިއަން ޑޮލަރުގެ ބުކިންގްސް ވިކުނު އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 39 ޕަސެންޓް ދަށްވުމެކެވެ.

އެއާބީއެންބީ މެދުވެރިކޮށް ކޮޓަރި އާއި އެޕާޓްމެންޓު ވިއްކާ ހޮސްޓުނ ނުވަތަ ހައުސް އޯނަރުންނާ ނުލައި ކުންފުނި ކުރިއަށް ނުދާނެކަން އެއާބީއެންބީ އިން ފާހަގަ ކުރެއެވެ.

އެއާބީއެންބީ އިން ވަނީ މިއަހަރުގެ އޮގަސްޓު މަހުވެސް ސްޓޮކް މާކެޓަށް ނިކުންނަން ތައްޔާރުވެފައެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމާއެކު އައިސްފައިވާ ނުތަނަވަސްކަމުގެ ސަބަބުން ލަސްކޮށްލީއެވެ.

comment ކޮމެންޓް