ޓްރެފިކާ ޕާކިން މައްސަލަ ހައްލުނުކޮށް އިތުރު ފީ ނަގަންއުޅޭތީ މުއިއްޒުގެ ފާޑުކިޔުން

ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު -- ސަން ފޮޓޯ: ފަޔާޒް މޫސާ

ކޮންޖެޝަން ފީގެ ގޮތުގައި އިތުރު ފީ އެއް ނަގައިގެން ދައުލަތަށް އާމްދަނީ ހޯދަން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާތީ ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ކަމަށް ވެސް ވާދަކުރައްވާ މުއިއްޒު ވިދާޅުވީ ބަޖެޓުގައި އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި "ކޮންޖެޝަން ޗާޖު"ގެ ނަމުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ އަތުން ފައިސާ ނަގަން ހުށަހަޅާފައިވާ ކަމަށެވެ.

"ޓްރެފިކާ ޕާކިންގެ މައްސަލަ ހައްލު ނުވުމަކީ ރައްޔިތުން އިތުރަށް ހަނާކޮށް އިތުރަށް ފަގީރުކޮށް ނިކަމެތިކޮށްލަން ޖެހޭ ސަބަބެއް ނޫން،" ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރު އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުގެ ތެރޭގައި ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން ކޮންޖެޝަން ޗާޖެއް ނަގަން ހިމަނާފައިވާ އިރު ބަޖެޓުގައި ބުނެފައި ވަނީ މާލެ ސަރަހައްދަކީ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ސަރަހައްދަކަށްވެފައި ގިނަ އަދަދެއްގެ ދުއްވާ އުޅަނދު ބޭނުންކުރާ ސަރަހައްދަކަށް ވާތީ މަގުތަކަށް ބާރުބޮޑުވެ ބައިބޯވުމަކީ އާންމު ރައްޔިތުންނަށް އެތަކެއް އުނދަގޫތަކާ ކުރިމަތިވަމުންދާ ކަމެއް ކަމަށެވެ.

އެހެންކަމުން، މާލެ ސަރަހައްދުގެ ބައިބޯވުން ކުޑަކުރުމުގެ ގޮތުން މި ސަރަހައްދުގައި ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކުން ކޮންޖެޝަން ޗާޖެއް ނެގުމަށް 2021ގެ ބަޖެޓުގައި ހިމަނައިފައިވެ އެވެ.

ކޮންޖެޝަން ޗާޖާއި ޕާކިން ފީގެ ގޮތުގައި އަންނަ އަހަރު 36.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓުގައި ބުނެފައި ވަނީ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް ބޮޑެތި ހަރަދުތަކެއް ހިނގައި، އެކްސިޑެންޓްތައް ގިނަވުމާއި ދުއްވާ އުޅަނދު ގިނަވުމުން އުފެދޭ ޕޮލިއުޝަންއަކީ އެއާ އެކު ހަރަދުތަކެއް އެކުލެވޭ ކަންކަން ކަމަށެވެ.

އޭގެ އިތުރުން މަގުތަކުގެ ކެޕޭސިޓީއަށް ވުރެ ގިނައިން އުޅަނދު ދުއްވުމުން މަގުތައް މަރާމާތުކުރަން އިތުރަށް ހޭދަކުރަންޖެހި ޕާކްކުރުމުގެ ދަތިތައް ދިމާވާ ކަމަށެވެ.

އަލަށް ތައާރަފުކުރާ ޗާޖުގެ ސަބަބުން މާލޭގައި ބޭނުންކުރާ ވެހިކަލްތަކުގެ އަދަދު މަދުކުރުމަން އެހީވެދޭނެ ކަމަށް ބުނެފައިވެ އެވެ.

ބަޖެޓުގައި ބުނެފައި ވަނީ އެ ޗާޖު ނެގުމަށް ހަމަޖެހިފައި ވަނީ ވެހިކަލްގެ އަހަރީ ފީ ނެގުމަށް ކަނޑައަޅާފައިވާ ރޭޓުތަކުގައި ކަމަށެވެ.

comment ކޮމެންޓް