ހިލޭ ޑިގްރީއެއް، މިއަށްވުރެ ބޮޑު އުފަލެއް ނެތް!

އިބްރާހިމް އިސްމާއިލް، 26 އަކީ އޭނާގެ އާއިލާގެ ފަސް ކުދިންގެ ތެރެއިން އެންމެ ހަގު ކުއްޖާ އެވެ. އޭނާ ވިލާ ކޮލެޖްގެ ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އިން ފުރަތަމަ ޑިގްރީ ހާސިލް ކުރަންފެށީ 2016 ވަނަ އަހަރުގެ މެއި މަހު އެވެ. ފުރަތަމަ އަހަރުގެ ކިޔެވުން ފުރިހަމަކޮށް އަލަތު ކައިވެނި އޭނާ ކުރި އިރު ޑިގްރީގެ ފަހު އަހަރުގެ ކިޔެވުން ކުއްލިގޮތަކަށް މެދުކަނޑާލަންޖެހުނީ މާލީ އުނދަގޫތަކާ ހުރެ އެވެ. ވަޒީފާއަށް ގޮސް ލިބޭ އާމްދަނީގެ ބޮޑުބައި ކުއްޔަށް ހޭދަކުރިއިރު، ކޮންމެ މަހަކު ކޮލެޖަށް ދައްކަންޖެހޭ 3500 ރުފިޔާއަކީ އަންބަކާއި އާއިލާއަކަށް ހަރަދުކުރަމުން ކުޑަ އެއްޗެއް ނޫނެވެ.

ނަމަވެސް އާ ހިތްވަރަކާ އެކު، ކިޔެވުން ފަށައި 2020 ވަނަ އަހަރު ޑިގްރީ ފުރިހަމަ ކުރުމުގެ ފަހުރު އޭނާ ހޯދައިފި އެވެ. ދޮށީ ބޭބެ އާއި، އަލަތު ދަރިފުޅު ކައިރި ކައިރިން ދުނިޔެ ދޫކޮށް ދިޔުމުގެ ފުން ހިތާމައާ އެކުވެސް، ހިތްވަރު އެލުވާނުލައި ކިޔެވުން ކުރިއަށް ގެންދެވުނު އެންމެ ބޮޑު އެހީއަކީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން ކޯސް ފީ ހަމަޖެހިފައި ވުމެވެ. ކިތަންމެ ދަތި އުނދަގޫ ވަގުތުތަކެއް އޭނާއާ ކުރިމަތިވި ނަމަވެސް ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަކީ ސަރުކާރުގެ "ބެޗްލާސް ޑިގްރީ ގްރާންޓް ސްކީމް" ނުވަތަ ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔަވަން ލިބުމެވެ.

މިފަދަ ކިތަންމެ ވާހަކައެއް ފްރީ ޑިގްރީގައި ކިޔަވަމުން އަންނަ އެތައް ކުދިންނެއް "ސަން"ގެ މި ހާއްސަ އެޑިޝަންއާ ހިއްސާކުރި އެވެ.

އާމިނަތު ނަސޫހާ، 22

އާމިނަތު ނަސޫހާ، 22 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާމިނަތު ނަސޫހާ، އަކީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ ކިޔަވަމުން ދާ ދަރިވަރެކެވެ. ސަރުކާރުގެ ފުރަތަމަ ޑިގްރީ ހިލޭ ކިޔެވުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ކުރިން ކޮންމެ ސެމިސްޓާއެއްގައި ދައްކަން ޖެހޭ ފީ އޭނާ ދައްކަމުން ދިޔައީ އަމިއްލަ އަށެވެ.

އޭނާ ބުނާގޮތުގައި ވަޒީފާއަކަށް ނުގޮސް، މުޅީންހެން އާއިލާ އަށް ބަރޯސާވެގެން ކިޔަވަމުން އައި އައުމަކީ މާލީގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، އޭގެ އަސަރު ނަފްސާނީގޮތުންވެސް އޭނާ އަށް ކުރި ކަމެކެވެ. ނަމަވެސް، ފްރީ ޑިގްރީ ޕްރޮގްރާމާއި އެކު ކިޔެވުމުގެ ޚަރަދުތަކުން ސަލާމަތްވެ، މާލީގޮތުންނާއި ނަފްސާނީގޮތުން އޭނާއަށް ކުރިމަތިވަމުންދިޔަ ބޮޑެތި ތަކްލީފުތަކުން އޭނާ ސަލާމަތްވިއެވެ.

"އަޅުގަނޑުގެ ނަޒަރުގައި މިފަދަ ޕްރޮގްރާމެއް ތައާރަފްވުމަކީ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން މަތީ ތައުލީމު ހާސިލް ކުރުމަށް ނުކުޅެދިފައި ތިބި ދަރިވަރުންނަށް ހުޅުވިގެން ދިޔަ ވަރަށް ބޮޑު ރަނުގެ ފުރުސަތެއް" އޭނާ ބުންޏެވެ.

މައިސާ އަބްދުލް ވާހިދު ، 20

މައިސާ އަބްދުލް ވާހިދު ، 20 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައިސާ އަބްދުލް ވާހިދު އަކީވެސް ޝަރީއާ އެންޑް ލޯ އިން އެމްއެންޔޫގައި ތައުލީމު ހާސިލްކުރަމުން އަންނަ ދަރިވަރެކެވެ. މައިސާ ބުނާގޮތުގައި ޑިގްރީ އަކީ މިއަދު ކޮންމެ ވަޒީފާއަކަށް ނުކުތްކަމުގައިވިޔަސް ކޮންމެހެން އޮންނަންޖެހޭ ކޮލިފިކޭޝަނަކަށްވާއިރު، ކޮންމެ މީހަކީ މީގެކުރިން ޑިގްރީއެއް ނެގޭނެ ފަދަ މާލީ ތަނަވަސްކަމެއް ހުރި މީހެއް ނޫނެވެ. އެހެންކަމުން މި ޕްރޮގްރާމާއި އެކު، މިފަދަ ފުރުސަތަކަށް އެދިއެދި ތިބި އެތަށް ބައަކަށް ހާޢްސަކޮށް ޒުވާނުންނަށް އާ އުންމީދެއް ގެނެސްދީފި އެވެ. ކުރިއަށްދާންވީ މަގު ކޮށައިދީފި އެވެ.

އާމިނަތު ރައުދާ މުހައްމަދު ރަޝީދު، 20

އާމިނަތު ރައުދާ މުހައްމަދު ރަޝީދު، 20

އުމުރުން 20 އަހަރުގައި އާމިނަތު ރައުދާ މުހައްމަދު ރަޝީދަކީ އެމްއެންޔޫގެ ބެޗްލާ އޮފް މެޑިކަލް ލެބޯޓަރީ ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. މެޑިކަލް ދާއިރާއަކީ މަތީ ތައުލީމު ހާސިލްކުރުމުުގައި އަގުބޮޑު އަދި ގިނަ މުއްދަތެއް ކިޔެވުމުގައި ހޭދަކުރަންޖެހޭ ދާއިރާއެކެވެ. ޚާއްސަކޮށް ރާއްޖޭގައި މިދާއިރާއިން ކިޔެވޭނެ މަގު ތަނަވަސްވެގެން ދިޔައީވެސް ދާދި ފަހުންނެވެ.

ރައުދާ ބުނާގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމަކީ އޭނާ ފަަދައިން މިފަދަ ތަފާތު ދާއިރާތަކުން ކިޔަވަން ބޭނުންވެފައި ތިބި އެތަށް ދަރިިވަރުންނަކަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެކެވެ.

"ގިނަ ކުދިންތަކަކަށް އެކުދިން ބޭނުންވާ ދާއިރާއަކުން މިހާރު ކިޔެވުމުގެ ފުރުސަތު މިވަނީ ލިބިގެން ގޮސްފައި. އަދި ކޮވިޑް19ގެ ސަބަބުން ވަރަށް ގިނަ ކުދިންގެ ވަޒީފާ މިވަނީ ގެއްލިފައި. އަދި ވަރަށް ގިނަ ކުދިންނަށް މާލީގޮތުންނާއި ނަފްސާނީ ބޮޑެތި މައްސަލަތަކެއް މިވަނީ ކުރިމަތިވެފައި. އެކަމަކުވެސް ކޯސްފީ ނުދެއްކިގެން ހަމަނުވެގެން މިއަދު އެކަމާ ވިސްނާކަށެއް ނުޖެހޭ" ރައުދާ ބުންޏެވެ.

އޭނާގެ އުންމީދަކީ ކުރިއަށް އޮތްތަނުގައިވެސް މި ސްކީމް އިތުރަށް ފުޅާވެ ގިނަ ކުދިން މީގައި ބައިވެރިވެ ތައުލީމު ހާސިލްކުރުމެވެ.

ފާތިމަތު ޒަހްރާ، 23

ބެޗްލާސް އޮފް ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން އެމްއެންޔޫގައި ކިޔަވަމުން އަންނަ ފާތުމަތު ޒަހްރާވެސް މިހާރު ކިޔަވަމުންދަނީ ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގައި ބައިވެރިވެގެންނެވެ.

ޒަހްރާ ބުނާގޮތުގައި ކުރިންނަމަ މަތީ ތައުލީމު ހާސިލްކުރަން ބޭނުންވާ ކޮންމެ މީހެއްވެސް ފުރަތަމަ ޖެހެނީ ކޯސްފީ ދެއްކޭވަރުގެ އާމްދަނީއެއް ހޯދުމަށް ރަނގަޅު ވަޒީފާއެއް އަތުފުނާ އެޅުމެވެ. ޑިމާންޑް ބޮޑުވެފައި، އެހާ ކުޑަ އާމްދަނީއެއް ގިނަ ވަޒީފާތަކުން ލިބޭއިރު، ލިބޭ އެއްޗަކުން ކޯސްފީ ހަމަކޮށްލެވެނީ ކިރިޔަ ކިރިޔާ އެވެ. ނަތީޖާއެއްގެ ގޮތުން އެއްކޮށް ކިޔަވަމުންދިޔަ ގިނަ ކުދިންތަކެއް ވަކި ހިސާބުން ކޯސް ދޫކޮށްލަންވެސް މަޖުބޫރުވި ކަމަށް ޒަހްރާ ބުންޏެވެ.

އެހެންނަމަވެސް ހިލޭ ޑިގްރީ ތައާރަފްވުމާއި އެކު، ކޮންމެ ރަށެއްގައި ހުރި ކޮންމެ ފަންތިއެއްގެ ކޮންމެ ދަރިވަރަކަށްވެސް ކޯސްފީ އާއި މެދު ހާސްވުމެއް ނެތި ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ އޭނާ އުފަލާއި އެކު ފާހަގަކުރާ ކަމެކެވެ.

މާޝާ އިދުރީސް، 20

ލޯޔަރަކަށްވުމުގެ އުންމީދުގައި ހުރި މާޝާ އިދުރީސް މަތީ ތައުލީމު ހާސިލްކުރަމުންދަނީ އެމްއެންޔޫގައި ޝަރީއާ އެންޑް ލޯގެ ދާއިރާއިންނެވެ. އޭނާ ބުނާގޮތުގައި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ސަބަބުން ލިބުނު އެންމެ ބޮޑު ލުޔަކީ ކޯސްފޯއާއި މެދު ހާސްވުމެއް ނެތި، ކިޔެވުމަށް ސަމާލުކަންދީ ނަތީޖާ ރަނގަޅުކުރުމަށް ހިތްވަރު ލިބިގެން ދިއުމެވެ.

"މި ޕްރޮގްރާމް ތައާރަފްވުމާއި ގުޅިގެން އަޅުގަނޑުމެން ކޯރިސްފީ ދެއްކުމަށް މެންޓަލީ އެ އިންނަ ޕްރެޝާ ވަރަށް ބޮޑަށް ދަށްވެގެން ދިޔަ އަދި ކޯށްފީ ހަމަނުވެގެން އެކަމާ ބޯގާނަން ނުޖެހި، ކިޔެވުމަށް ފޯކަސް ކުރެވި ނަތީޖާ ރަނގަޅުކުރަން ވަރަށް ބޮޑަށް ހިތްވަރު ލިބިގެން ދިޔަ" އޭނާ ބުންޏެވެ.

މުހައްމަދު މިސްދާދް މީޝާގް، 20

މުހައްމަދު މިސްދާދް މީޝާގް، 20 -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުމުރުން 20 އަހަރުގެ މުހައްމަދު މިސްދާސް މީޝާގް އަކީވެސް ހިލޭ ޑިގްރީ ޕްރިގްރާމުގެ ދަށުން އެމްއެންޔޫ އިން ޝަރީއާ އެންޑް ލޯ ފުރިހަމަ ކުރަމުންދާ ދަރިވަރެކެވެ. މިސްދާދް ބުނާގޮތުން މިއަދު ކިޔެވުމަށް ލިބިގެންދާ އެންމެ ބޮޑު ހިތްވަރަކީ ކޮންމެ ކުއްޖަކަށްވެސް ޑިގްރީއެއް ހޯދުމުގެ ފުރުސަތު އޮވެފައި، މާދަމާ ރަނގަޅު ވަޒީފާއެއް ހޯދުމުގެ ފުރުސަތު ޔަގީންވެފައިވުމެވެ.

މި ޕްރޮގްރާމަކީ މުސްތަގްބަލްގައި މި ގައުމަށްވެސް ބޮޑު ފައިދާ އެއް ލިބޭނެ ކަމެއްގެ ގޮތުގައި ސިފަކޮށް މިސްދާދް އުންމީދު ކުރަނީ ކުރިއަށްއޮތްތަނުގައިވެސް މިި ޕްރޮގްރާމު ދިގުދެމިގެން ދިއުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ފުރަތަމަ ޑިގްރީ ހިލޭ ކިޔަވައިދިނުމަކީ އެތަށްހާސް ދިވެހި ދަރިވަރުން ގެ ހުވަފެންތަކާއި ގުޅިފައިވީ ވައުދެކެވެ. މި ހުވަފެންތަކުގައި ކުލަޖެހިގެން އައީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މި ޕްރޮގްރާމުގެ އުސޫލުތައް ގާއިމްކޮށް އިއުލާނުކުރުމާއި އެކު އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީއިން ފެށިގެން ކިޔަވަން ފެށި ދަރިވަރުންނަށާއި، އަދި ފުރަތަމަ ޑިގްރީގެ ދެވަނަ އަހަރު ގުނަމުން ދިޔަ ދަރިވަރުންނަށްވެސް މި ޕްރޮގްރާމުގައި ބައިވެރި ވުމުގެ ފުރުސަތު ފަހިވި އެވެ.

ވަައުދު ފުރިހަމަކުރެވޭނެ ކަމާއި މެދު ގިނަ ބައެއްގެ ހިތުގައި ސުވާލުތަކެއް ހުރި ނަމަވެސް ހިތްތަކަށް ފިިނިކަމެއް ލިބުނީ ސަރުކާރުގެ ކޮލެޖް، ޔުނިވާސިޓީތަކުގެ އިތުރަށް އަމިއްލަ ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުންނަށްވެސް ހިލޭ ޑިގްރީގެ އެހީތެރިކަން ލިބުމާ އެކު އެވެ.

ދައުލަތުގެ ޔުނިވާސިޓީތަކުގައި ކިޔަވާ ދަރިވަރުންނަށް މުޅި ކޯސް ފީ ހިލޭވާއިރު، އަމިއްލަ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ފޯރުކޮށްދެނީ ފުރަތަމަ ޑިގްރީއެއް ހެދުމަށް ޓިއުޝަން ފީގެ ގޮތުގައި ރާއްޖޭގައި ޚަރަދުވާ މިންވަރުތަކުގެ މައްޗަށް ބިނާކޮށް، ޓިއުޝަން ފީގެ ގޮތުގައި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ވަކި މިންވަރުތަކެކެވެ.

މި ޕްރޮގްރާމުގައި މިހާތަނަށް 8200 ދިވެހި ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ޖުމްލަ 173 މިލިއަން ދިވެހި ރުފިޔާ މި ޕްރޮގްރާމަށް ޚަރަދުވެފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ޑިގްރީއަކީ މިއަދު ކޮންމެ ދާއިރާއެއްގައި ނަމަވެސް އެންމެ ކުޑަމިނުން އޮންނަންޖެހޭ ސެޓިފިކެޓަކަށްވާއިރު، ރަނގަޅު ހަރުދަނާ ދިރިއުޅުމެއް މާލީ ބުރަތަކަކާއި ނުލާ ފަށައިގަތުން އެޅުނު އެންމެ މުހިންމު އެއް ބިންގަލަކީވެސް ހިލޭ ފުރަތަމަ ޑިގްރީ ކިޔެވުމުގެ މި ޕްރޮގްރާމެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ މިއީ މިހާތަނަށް ސަރުކާރުން ހިންގުނު އެންމެ ކާމިޔާބު އެއް ޕްރޮގްރާމު ކަމަށާއި، މިކަމުގެ ފުރިހަމަ ނަތީޖާ ފެނުމަށް ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.

"ޑިގްރީ އެއް ފުރިހަމަ ކުރުމަށް އެބަ ނަގާ ތިން ހަތަރު އަހަރު. އެހެންވީމަ މީގެ ހަަގީގީ ނަތީޖާ އެ ދަރިވަރުންނަށާއި، އާއިލާތަކަށާއި އަދި ގައުމަށްވެސް ކުރުމަށް ކުޑަ މުއްދަތެއް އެބަ ނަގާ. އެހެންނަމަވެސް މިއީ ރައީސުލްޖުމްހޫރިއްޔާގެ އިންތިޚާބީ ވައުދުފުޅުތަކުގެ ތެރެއިން ހާސިލްކުރެވުނު އެންމެ ކާމިޔާބު އެއް ވައުދު." މިނިސްޓަރު ވިދާޅުވި އެވެ.

ހަގީގަތުގައިވެސް، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތުގެ ދަށުން، މާލީ ތަނަވަސްކަމާއި ދަތިތައް ހުރި އާއިލާތަކާއި ދަރިވަރުންނަށް އުންމީދު އާކޮށްދީފި އެވެ. ރަނގަޅު ވަޒީފާއެއް ނުލިބިދާނޭކަމުގެ ބިރު ހީވެފައި ތިބި އެތައް ޒުވާނުންގެ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ މަގު ތަނަވަސްވެއްޖެ އެވެ.

މި ޕްރޮގްރާމުގެ އިދާރީ ބައެއް ކަންކަމާއި ދޭތެރޭ ބައެއް ހިތްހަމަ ނުޖެހުންތައް ހުރިކަމުގައިވިޔަސް، މި ޕްރޮގްރާމުގެ ސަބަބުން ދިވެހިންނަށް ލިބިގެންދިޔަ ހިތްހަމަޖެހުމާއި އުފަލަށް ދެބަސްވާނެ ހަމަ އެކަކުވެސް ނެތްކަން ޔަގީނެވެ.

comment ކޮމެންޓް