ނަހުލާއަށް މިނިސްޓަރުކަން ދިނީ އޭނާގެ ގާބިލުކަން ރައީސަށް އެނގޭތީ: ގާސިމް

ގާސިމްއާއި ނަހުލާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ އަކީ ތައުލީމީ ގާބިލު ބޭފުޅެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނަހުލާއަށް މިނިސްޓަރުކަން ދެއްވީ އެކަން އެނގިވަޑައިގަންނަވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނަހުލާ ވަނީ އޭނާއަށް މިނިސްޓަރުކަން ލިބުނީ ވިލާ ކުންފުނީގެ ވެރިޔާ އަދި މަޖިލިސް މެމްބަރު ގާސިލްގެ އަނބިކަނބަލަކަށް ވެގެން ނޫންކަމަށް މި ފަހުން ވިދާޅުވެފައެވެ. ނަހުލާގެ ވާހަކައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ނަހުލާގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަކަށް ގާސިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ގާސިމްގެ އަނބިމީހާ ވެގެން އެއްވެސް ވަޒީފާއެއް ދޭންޖެހޭ ގޮތަކަށް ގާނޫނެއް ވެސް އުސޫލެއްވެސް ނޯންނާނެ ކަމަށާއި އެހެންކަމުން ގާސިމްގެ އަނބިމީހާއަށް ވެގެން ދެއްވަން ޖެހޭ ވަޒީފާއެއް ނޯންނާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ ނަހުލާއަކީ "ކަން ކުރެވޭނެ، ހިތްވަރު ހުރި، ވިސްނުންތެރި، ކުޅަދާނަ، ތެދުވެރި، ތައުލީމީ، އަދަބުވެރި، ކިޔަމަންތެރި، ގާބިލް ބޭފުޅެއްކަން" ގާސިމްއަށް ޔަގީންވާ ކަމަށެވެ.

އަދި އިންތިހާބުތަކުގައި ނަހުލާ ކުރެއްވި ގިނަގުނަ މަސައްކަތާ އެކުގައި ރައްޔިތުން އޭނާ ބަލައިގަތުމުން، ނަހުލާ އެދިވަޑައިގެންނެވި ވަޒީފާ ދެއްވުމަށް ޖޭޕީގެ ފަރާތުން ރައީސަށް ހުށަހެޅުއްވީ ގާސިމް ކަމަށް ވެސް ވިދާޅުވިއެވެ.

"ރައީސް އެ މަގާމު ދެއްވީ ރައީސް އަށް އެކަމަނާގެ ގާބިލްކަން ރަނގަޅަށް އެނގިވަޑައިގެންފައި ވާތީކަން ކަށަވަރު. އެއީ ގާސިމްގެ އަނބިމީހާ ވެގެނެއް ނޫން،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރައީސަށް އެކަން އެނގިވަޑައިގަތީ ރިޔާސީ އިންތިހާބުގައި ނަހުލާ ކުރެއްވި ދަތުރުތަކުގައާއި އެކި ސްޓޭޖުތަކުގައި ދައްކަވަމުން ގެންދިޔަ ވާހަކައިގައި ހުރި ހަރުދަނާކަމާއި، ކުރެއްވި ހިތްވަރާއި، އަހުލާގާއި، ތެދުވެރިކަން އެނގިވަޑައިގަތުމުން ކަމަށެވެ.

"ވީމާ އައިޝާ އަށް އެ މަގާމް ރައީސް ދެއްވީ ވަކި މީހެއްގެ އަނތްބަކަށް ވެގެން ނޫންކަމަށް އައިޝާ ވިދާޅުވީމާ އެ ބަހުގައި ހިފައިގެން އެކޮޅަށް ދަމާ މިކޮޅަށް ދަމާ ހަދަމުން ތިޔަ ގެންދަނީ ހަމަ ހަޖަމް ނުކުރެވިގެންދޯ؟ އަދި ހުރި ދުޝްމިންކަމުން ނޫން ކޮން ކަމެއްބާ ތިޔައީ. ވީމާ ތިޔަ ގޮތަށް އެކަކާވެސް ދިމާކޮށް ކޮޅުކޮޅަށް ދެމުން ވަގުތު ހުއްޓާލެއްވުމަށް ނަސޭހަތްތެރިވަން،" ގާސިމް ވިދާޅުވިއެވެ.

ނަހުލާ ޓްރާސްޕޯޓް މިނިސްޓްރީ އަށް އައްޔަން ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެގޮތުން އޭނާއަކީ ޓްރާންސްޕޯޓު އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ނެތް ފަރާތެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

މީގެ އިތުރުން ނަހުލާއަކީ ގާސިމްގެ އަނބިކަނބަލުންނަށް ވެފައި، ވިލާ ކުންފުނީގެ ދަށުން ކަނޑުދަތުރުގެ ހިދުމަތާއި ވައިގެ ދަތުރުގެ ހިދުމަތްދޭ ކުންފުނިތައް އޮތުމުން، ނަހުލާ ޓްރާންސްޕޯޓު އަދި އޭވިއޭޝަން މިނިސްޓަރުގެ ގޮތުގައި ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިޔަ އެވެ.

comment ކޮމެންޓް