އިއްޔެއަކީ ރެކޯޑެއް، އެއް ދުވަހެއްގައި 2000 އަށްވުރެ ގިނަ ފަތުރުވެރިން

ރާއްޖެ އައި ފަތުރުވެރިންތަކެއް --- ފޮޓޯ: ވީއައިއޭ

އިއްޔެ 2000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑު19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ބޯޑަރު އަލުން ހުޅުވާލިފަހުން އާ ރިކޯޑެއް ހާސިލްވެފައިވާ ކަމަށެވެ.

"މިއަދު 2000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި" ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްް ޝުކުރު އަދާކުރައްވާ ކުރެއްވި ޓްވީޓުގައި މިނިސްޓަރު ވިދާޅުވި އެވެ.

މީގެ ކުރިން މި މަހުގެ ފުރަތަމަ ދުވަހަކީ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަހެވެ. އެދުވަހު 1،582 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން 51،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއަހަރުގެ މިހާތަނަށް 434،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު ސަރުކާރުގެ އަމާޒަކީ އަހަރުގެ ނިޔަލަށް 500،000 ފަތުރުވެރިން ގެނައުމެވެ.

މިވަގުތު 15 އިންޓަނޭޝަނަލް އެއާލައިނަކުން ރާއްޖެއަށް ދަތުރު ކުރާއިރު ކުރިއަށް އޮތް ފިނިމޫސުމާއި އާ އަހަރުގެ ޗުއްޓީ އާއި ދިމާކޮށް އިތުރު އެއާލައިންތަކުން ރާއްޖެއަށް ދަތުރު ފަށަން ވަނީ ތައްޔާރުވެފަ އެވެ.

comment ކޮމެންޓް