ސާބިތުކޮށްދެނީ ތިމާވެށި ހިމާޔަތް ކުރަމުން ނަފާ ހޯދޭނެކަން!

ބަރާބަރު މީގެ ދެ އަހަރު ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ "ނޫ އިގްތިސާދު"ގެ ވައުދާ އެކު އެވެ. ޖަޒީރާ ވަންތަ ސިފަތައް ދަމަހައްޓަމުން ރާއްޖެ އިގްތިސާދީ ގޮތުން ފުދުންތެރި ގައުމަކަށް ހެދުމުގެ ބޮޑު މަންޒަރެއް ކުރައްސަވަމުންނެވެ. މި އަމާޒަށް ވާސިލުވުމަށް ދެމެހެއްޓެނިވި ތަރައްގީ ވަރަށް މުހިންމެވެ.

ދެމެހެއްޓެނިވި ތަރައްގީގެ މަގުން އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ހާސިލުކޮށްފައިވާ އެންމެ ބޮޑު އެއް ކަމަކީ، ދެކުނުގެ ދެ ސިޓީ، އައްޑުއާއި ފުވައްމުލަކަށް ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވްގެ ދަރަޖަ ހޯދައިދިނުމެވެ. ބަޔޮސްފިއާ ރިޒާވަކީ އެއްގަމާއި ކަނޑުގައި ބަޔޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތުގައި ހިމާޔަތްކުރުމަށްޓަކައި ގާއިމުކުރާ ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ސަރަހައްދުތަކެވެ. އެ ސަރަހައްދުތައް ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތައް މުސްތަގުބަލުގެ ޖީލުތަކަށް ދަމަހައްޓައި އެކަމުން މަންފާ ހޯދޭނެ ގޮތްތަކަކަށް ތަރައްގީ ކުރެ އެވެ.

އައްޑޫއާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަށް ހެދުމުން، ހިތްގައިމު ކުޅިތަކަކުން ފެށިގެން ކުލަގަދަ މުރަކަތަކާ ހަމައަށް ހިމާޔަތް ކުރެވިއްޖެ އެވެ. މަންޓާ އަދި ވޭލް ޝާކް ފަދަ ދިރުންތައްވެސް ހިމާޔަތް ވެއްޖެ އެވެ. އެކަމަކު، ބައެއް އާންމުންގެ ސުވާލަކަށް ވަނީ އެ ތަންތަން ހިމާޔަތްކޮށްގެން ތިބުމުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ ސަރުކާރުން ބުނަމުން ދަނީ އެއީ އިގްތިސާދީ މަންފާވެސް ނެރެވޭނެ ކަމެއް ކަމަށެވެ.

އައްޑޫ ނޭޗާރ ޕާކާއި އީދިގަލި ކިޅި މަތިން ނަގާފައިވާ ފޮޓޯއެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ސިޓީއަށް ބަޔޮސްފިއާ ރިޒާވުގެ ދަރަޖަ ދިނުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ތިމާވެށީގެ ވަޒީރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެފައި ވަނީ ބަޔޮސްފިއާ ރިޒާވަކަށް ހެދުމުން ލިބެނީ ހަމައެކަނި ތިމާވެށި ހިމާޔަތް ކުރެވުމުގެ ފައިދާ ނޫން ކަމަށެވެ. އެއީ ދެމެހެއްޓެނިވި ތަރައްގީގެ ގޮތުންވެސް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވީ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވު ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުން އެ އަތޮޅަށް ލިބުނު ފައިދާ އެވެ. ބ. އަތޮޅު ބަޔޮސްފިއާ ރިޒާވުން ލިބޭ ފައިސާ އެ އަތޮޅުގެ ތަރައްގީއަށް ފަންޑު ކުރަން ބޭނުން ކުރެ އެވެ.

އެ ބަޔޮސްފިއާ ރިޒާވުން ސީދާ ރައްޔިތުންނަށާއި އިގްތިސާދަށް ކުރި ފައިދާ ފެނިފައިވާ ކަމަށް ޑރ. ހުސެއިން ވިދާޅުވި އެވެ. އެއީ ޑރ. ހުސެއިން އެ ދުވަހު ސިފަ ކުރެއްވި ގޮތުގައި "ސަކްސެސް ސްޓޯރީ" އެކެވެ. އޭނާ ވިދާޅުވީ، އައްޑޫ އާއި ފުވައްމުލަކު ބަޔޮސްފިއާ ރިޒާވުންވެސް ހޯދަން ބޭނުންވަނީ ބ. އަތޮޅުން ނެރެވުނު ފަދަ ނަތީޖާއެއް ކަމަށެވެ.

ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ދަރަޖަ އައްޑުއާއި ފުވައްމުލަކަށް ލިބުމަކީ އެ ދެ ރަށުގެ ރައްޔިތުންނަށް އެކަނި ލިބުނު އުފަލެއް ނޫން ކަމަށާއި، އެއީ ގުދުރަތީ ރީތި ކަމަށް ބަރޯސާވެފައިވާ މުޅި މި ގައުމަށްވެސް ވަރަށް މުހިންމު ކަމެއް ކަމަށްވެސް ޑރ. ހުސެއިން ވިދާޅުވި އެވެ.

ފުވައްމުލަކު ދަނޑިމަގު ކިޅި ފްލޯޓިން ޕްލެޓްފޯމް -- ފޮޓޯ/ އެންވަޔަރަމެންޓް މިނިސްޓްރީ

ބަޔޮސްފިއާ ރިޒާވުގެ ދަރަޖަ ލިބުމުން އެކަނި ނިމުނީއެއް ނޫނެވެ. އެ ރިޒާވުތަކުގެ ނާޒުކު ސަރަހައްދުތަކުގެ މެނޭޖްމެންޓް ޕްލޭން ހެދި އެތަންތަން ދެމެހެއްޓެނިވި ގޮތްތަކަށް ތަރައްގީ ކުރަން ޖެހެ އެވެ. އީކޯ ޓޫރިޒަމް ފެސިލިޓީތައް ފަދަ ތަންތަން ގާއިމްކޮށް މަންފާ ހޯދާނެ ގޮތްތައް ރޭވެން ޖެހެެ އެވެ. އެކަންކަން ފުރިހަމަ ވުމުން ނޫނީ ބަޔޮސްފިއާ ރިޒާވުތަކުން ފުރިހަމަ މަންފާ ނުލިބޭނެ އެވެ.

އައްޑޫ ސިޓީގެ ނޭޗާ ޕާކަކީ ދެމެހެއްޓެނިވި ތަރައްގީގެ މިސާލެކެވެ. އެއީ އެ ސިޓީއަށް މަންފާ ކުރާ ފަދަ ކޮންސެޕްޓަކަށް ހިންގާ ތަނެކެވެ. އީދިގަލި ކިޅިން ފަށައިގެން ކޯއްޓޭއާ ހިސާބަށް ހިމެނޭ ގުދުރަތީ މުއްސަނދިކަން އެތަނުން ހިމާޔަތް ކުރެ އެވެ. އަދި އެއާއެކު އެ ހިތްގައިމު މާހައުލު ބަލަން ދާ މީހުން އަތުން ފީއެއް ނަގައި އީކޯ ޓޫރިޒަމް ހިންގަ އެވެ. އެ ފީއިން އެއްބައި ޕާކުގެ ހަރަދުތަކަށް ބޭނުންކުރާއިރު އަނެއް ބައި ބޭނުން ކުރަން ހަމަޖެހިފައި ވަނީ ސިދާ އައްޑޫގެ ތަރައްގީގެ މަޝްރޫއުތަކަށެވެ.

އެ ނޭޗާ ޕާކުން ވަޒީފާގެ ފުރުސަތުތަކެއްވެސް ހުޅުވިގެން ދިޔަ އެވެ. އަދި އެތަން ތަރައްގީ ކުރީ ސުވެނިއާ ވިޔަފާރި ފަދަ ކަންކަން ކުރުމަށްވެސް ސްޓޯލް ދޫކުރެވޭ ގޮތަށެވެ. އެތަން ރޭވިފައި އޮތީ އައްޑޫގެ އިގްތިސާދަށް ފައިދާވާ ގޮތަށެވެ.

އައްޑު ނޭޗާރ ޕާކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަދަ ކޮންސެޕްޓުތަކަށް އައްޑޫ އަދި ފުވައްމުލަކު ބަޔޮސްފިއާ ރިޒާވުގެ ތެރޭގައި އިތުރު ކަންކަން ހިންގައި، އިގްތިސާދީ މަންފާ ހޯދިދާނެ އެވެ.

އީކޯ ޓޫރިޒަމް ފެސިލިޓީތައް ނޭޅިއަސް، ބަޔޮސްފިއާ ރިޒާވަކަށް ވުމަކީ އޭގެ ޒާތުގައިވެސް ފައިދާވާ ކަމެކެވެ.

އައްޑޫގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފަށަން އުޅޭ މީހަކު ބުނީ، ބަޔޮސްފިއާ ރިޒާވަކަށް ހެދުމުން ޓޫރިޒަމަށް އެކަމުން ފައިދާ ކުރާނެ ކަމަށެވެ. ބަޔޮސްފިއާ ރިޒާވަކީ ބައިނަލްއަގުވާމީ ލަގަބެއް ކަމުން އެއަށް ބިނާކޮށް، ޓޫރިޒަމްއަށް އިސްތިހާރު ކުރެވޭނެކަންވެސް އޭނާ ފާހަގަކުރި އެވެ.

"އަޅުގަނޑުމެން މިތަން ބޭރަށް އިސްތިހާރު ކުރާ އިރު، އަޅުގަނޑުމެންގެ އެސްޓެބްލިޝްމެންޓު ހުންނަނީ ބަޔޮސްފިއާ ރިޒާވެއްގައޭ ބުނީމަ އޭގެ ވެލިއު އިތުރުވެގެންދާނެ،" އައްޑޫގައި ޓޫރިޒަމް ވިޔަފާރި ކުރާ ޒުވާނަކު ބުންޏެވެ.

ބަޔޮސްފިއާ ރިޒާވްގެ ދަރަޖަ ލިބިފައިވާ ސަރަހައްދުތަކަކީ ފަތުރުވެރިން އެތަންތަނަށް ޒިޔާރަތްކުރަން ބޭނުންވާ ތަންތަނެވެ. އެ ތަނަކުން ތައްޔާރުކޮށް ފަތުރުވެރިންނަށް ވިއްކާ އެކިއެކި އަމިއްލަ އުފެއްދުންތަކުގައިވެސް ޔުނެސްކޯ ބަޔޮސްފިއާ ރިޒާވްގެ ނަން ހިމަނައިގެން އިތުރު އަގަކާއިއެކު ވިއްކުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިޒަމަށް ކުރާ ފައިދާގެ އިތުރުން، ދެ ސިޓީ ބައޮސްފިއާ ރިޒާވަށް ހެދުމުން ތިމާވެށީގެ މައްސަލަތަކާއި ދެމެހެއްޓެނިވި ތަރައްގީއާ މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އުފެދިގެންދާނެ ކަމަށް އެވެއެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފައިވެ އެވެ. އަދި ބަޔޮސްފިއާ ރިޒާވަކަށް ހެދުމަކީ އެސަރަޙައްދެއްގައި ހިންގޭ ތަފާތު މަޝްރޫއުތަކަށް ބޭރުގެ ފައިސާގެ އެހީ ލިބުންވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށްވެސް ބުނެފައިވެ އެވެ.

ބަޔޮސްފިއާ ރިޒާވްތައް ބެހިގެން ވަނީ ތިން ބަޔަށެވެ. އެއީ "ކޯ އޭރިއާ"، "ބަފާ ޒޯން" އަދި ޓްރާންސިޝަން އޭރިއާ އެވެ. ކޯ އޭރިއާ އަކީ ބަޔޮސްފިއާ ރިޒާވުގެ ތިމާވެށީގެ ގޮތުން އެންމެ ހާއްސަ، ނާޒުކު، ސަރައްހައްދެވެ. އެތަނެއްގައި ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރެވޭނެ އެވެ. ބަފާ ޒޯން އަކީ ކޯ އޭރިއާގެ ވަށައިގެންވާ، ކޯ އޭރިއާއަށް ކުރާ އަސަރު ކުޑަ ކުރުމަށް ކަނޑައަޅާ "ބެލްޓެކެވެ." އެ ސަރަހައްދުތަކުގައި ކޯ އޭރިއާއަށް ސީދާ އަސަރު ނުކުރާ ބާވަތުގެ، ދެމެހެއްޓެނިވި ތަރައްގީގެ މަަސައްކަތް ކުރެވޭނެ އެވެ. ޓްރާންސިޝަން ޒޯން އަކީ އާދައިގެ މަތިން މީހުން އުޅޭ ސަރަހައްދެވެ.

އެހެންކަމުން، ބަޔޮސްފިއާ ރިޒާވްގެ ދަރަޖަ ލިބުނަސް ގުދުރަތީ ރީތި މާހައުލުތަކަށް ގެއްލުން ނުވާނެ ގޮތަށް، ޓްރާންސިޝަން ޒޯންގައި އާދައިގެ މަތިން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގޭނެއެވެ. އެފަދަ ކަންކަން ނުކުރެވޭނީ ހަމައެކަނި ކޯ އޭރިއާއާއި ބަފާ ޒޯންގަ އެވެ.

އައްޑޫ ބަޔޮސްފިއާ ރިޒާވުގެ ސަރަހައްދުތައް --

އައްޑޫ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިއާ ރިޒާވަކަށް ހެދީ ދެ ސިޓީގެ ރައްޔިތުންގެ މެދުގައި ސިޓީ ކައުންސިލް މެދުވެރިކޮށް ސާވޭއެއް ހެދުމަށްފަހު އެވެ. އެ ސާވޭގައި ބައިވެރިވި މީހުންގެ 90 ޕަސެންޓަށްވުރެ ގިނަ މީހުން އެ ދެ އަތޮޅު ބަޔޮސްފިއާ ރިޒާވަކަށް ހަދަން ބޭނުންވާ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނެފައިވެ އެވެ.

އައްޑޫއާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވަށް ހަދަން ޔުނެސްކޯއަށް ހުށަހެޅުމަށް ރައީސް ސާލިހު ނިންމެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. އެއެކަމަށް ޕްރޮޕޯސަލް ތައްޔާރުކޮށް ޔުނެސްކޯއަށް ހުށައެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ގައެވެ. ބަޔޮސްފިއާ ރިޒާވަކަށް ހަދައިދިނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

comment ކޮމެންޓް