ބާސެލޯނާގެ ކުރީގެ ޑިފެންޑަރު މަޝަރާނޯ ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

ބާސާއިން ވަނީ ޑިފެންޑަރު ހާވިއަރ މަޝަރާނޯއާއެކު ތިން އަހަރު ދުވަހުގެ އާ އެއްބަސްވުމެއްގައި ސޮއިކޮށްފައި -- ފޮޓޯ: ޕޮޑެރީކްރިޓިކާ

ބާސެލޯނާއާއި ލިވަޕޫލަށް ކުޅުނު އާޖެންޓީނާގެ ތަޖުރިބާކާރު ޑިފެންޑަރު ހާވިއޭ މަޝަރާނޯ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އޭނާ އިއުލާން ކޮށްފި އެވެ.

މަޝަރާނޯ، 36، ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއްޔެ ވަނީ އޭނާ އިއުލާން ކޮށްފަ އެވެ. ޕްރޮފެޝަނަލެއްގެ ގޮތުގައި 17 އަހަރު ފުޓުބޯޅަ ކުޅުމަށް ފަހު ރިޓަޔާކުރަން ގަސްތުކުރި މަޝަރާނޯ އަކީ މި ޖީލުގެ މޮޅެތި ސެންޓާ ޑިފެންޑަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ޔޫރޮޕުގައި ގިނަ އަހަރުތަކެއް ހޭދަކުރުމަށްފަހު މަޝަރާނޯ އެންމެ ފަހުން ކުޅެފައި ވަނީ އޭނާގެ އަމިއްލަ ގައުމު ކަމަށްވާ އާޖެންޓީނާގެ ކުލަބެއް ކަމަށްވާ އެސްޓޫޑިއަންޓޭސް ލަ ޕްލަޓާއަށެވެ. ގައުމީ ޓީމަށް 147 މެޗު ކުޅެދީފައިވާ މަޝަރާނޯ އަމިއްލަ ގައުމުގައި ކުޅުން ނިންމާލި އިރު އޭނާ އަކީ އެގައުމުގެ ގައުމީ ޓީމަށް ވެސް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ.

"އަހަރެން މިއަދު މި އިއުލާން ކުރަނީ ރަސްމީކޮށް ފުޓުބޯޅަ ކުޅުން ހުއްޓާލިކަން. ގަބޫލު ކުރެވޭ ގޮތުގައި 100 އިންސައްތައަށް މިހާރު ކުޅެވިއްޖެ. ފުޓުބޯޅައަށް ކުޅުންތެރިއެއްގެ ގޮތުގައި ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެވިއްޖެ. މި ކުލަބުގައި ރިޓަޔާ ކުރަން ފުރުސަތު ދިނީތީ އުފާކުރަން،" މަޝަރާނޯ ފުޓުބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށް އޭނާ ބުނެފައިވެ އެވެ.

އާޖެންޓީނާގެ ރިވަރޕްލޭޓުން 2003 ވަނަ އަހަރު ޕްރޮފެޝަނަލް ކެރިއަރު ފެށި މަޝަރާނޯ އެކްލަބު ދޫކޮށް ބްރެޒިލްގެ ކޮރިންތިއަންސްއަށް ބަދަލުވީ 2005 ވަނަ އަހަރުއެވެ. އެކްލަބަށް އެއް އަހަރު ކުޅުމަށްފަހު، އޭނާ ޔޫރަޕަށް ބަދަލުވީ 2006 ވަނަ އަހަރުއެވެ. ޔޫރަޕްގައި އޭނާގެ ފުރަތަމަ ކްލަބަކީ އިނގިރޭސި ޕްރިމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑެވެ. އެހެންނަމަވެސް ވެސްޓް ހޭމްއަށް އެންމެ ފަސް މެޗު ކުޅެދިނުމަށްފަހު އޭނާ ވަނީ 2007 ވަނަ އަހަރު ލިވަޕޫލްއަށް ބަދަލުވެފައެވެ.

ލިވަޕޫލުގައި ދެއްކި ތަފާތު މޮޅު ކުޅުމާ އެކު ޔޫރޮޕުގެ ގިނަ ކުލަބުތަކުން ކަޅި އެއްލަމުން ދަނިކޮށް 2010 ވަނަ އަހަރު މަޝަރާނޯ ބާސެލޯނާއާ ގުޅުނީ 17 މިލިއަން އެމެރިކާ ޑޮލަރުގެ އަގަކަށެވެ.

ބާސެލޯނާ އަށް 334 މެޗު ކުޅެ، އެއް ލަނޑު ޖަހައިދީފައިވާ މަޝަރާނޯ އެކްލަބުގައި ހޭދަކުރި މުއްދަތުގައި އޭނާ ފާހަގަ ވެފައިވަނީ ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައެވެ. އެގޮތުން ފީފާ އިން ކޮންމެ އަހަރަކު ހޮވާ އެންމެ ފިފާޕްރޯ ވާރލްޑް އިލެވަންގެ 2014، 2015، 2016 އަދި 2017 ގެ ޓީމްގައި އޭނާ ހިމެނެއެވެ.

މަޝަރާނޯ ވަނީ ބާސެލޯނާއާ އެކު ފަސް ސްޕެނިޝް ލީގު ތަށްޓާއި، ދެ ޗެމްޕިއަންސް ލީގުގެ އިތުރުން ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. މީގެ އިތުރުން އާޖެންޓީނާގެ ގައުމީ ޓީމާ އެކު ވެސް މަޝަރާނޯ ވަނީ ރަނގަޅު ކުޅުމެއް ދައްކާ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕު ފައިނަލަށް އެ ޓީމު ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

comment ކޮމެންޓް