ކެލާގައި ޓޫރިސްޓު ހޮޓަލެއް އަޅަން ބީލަމަށް

ހއ. ކެލާ:

ހއ. ކެލާގައ ިޓޫރިސްޓު ހޮޓަލެއް އެޅުމަށް ބީލަމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓު ހޮޓަލެއް ތރަައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

ކެލާގައި ޓޫރިސްޓު ހޮޓާ އަޅަން ނިންމާފައިވަނީ އެރަށުން ޓޫރިޒަމަށް ހާއްސަކޮށްފައިވާ 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދު ހިމެނޭ ގޮޮތަށެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ހިނގާ ނޮވެންބަރު މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައިޒޫމް މެދުވެރިކޮށް ބާއްވާ މައިލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ، 17 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހު 10:00 އަށް ޓޫރިޒަމް މިނިސްޓްރީ އަށް ހާޒިރުވެ ބީލަން ހުށަހެޅުމަށް އިއުލާނުގައިވެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް 25 ނޮވެންބަރު ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ އީމެއިލް [email protected] އަށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް، އީމެއިލް ކުރަން ޖެހޭނެއެވެ.

ބީލަން ފޮތް ގަތުމަށް ހުށަހަޅާ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓް (www.tourism.gov.mv) އިން ލިބެން ހުންނާނެ ކަމަށާއި އަދި 22 ނޮވެންބަރު 2020 ވާ އާދީއްތަ ދުވަހުން ފެށިގެން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 0900 1300 އާއި ދެމެދު މިނިސްޓްރީގެ ރިސެޕްޝަނުން ބީލަން ފޮތް ލިބެން ހުންނާނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.

މީގެ ކުރިން މިނިސްޓްރީ އިން ވަނީ ހއ އުލިގަަމުގައި ވެސް ޓޫރިސްޓު ހޮޓަލަކާއި ޔޮޓް މެރީނާ އެއް އަޅަން ބީލަމަށް ހުޅުވާލައިފައެވެ. ނަމަވެސް އެ މަޝްރޫއަށް އެއްވެސް ފަރާތަކުން ބީލަން ހުށަހަޅައިފައެއް ނުވެއެވެ.

comment ކޮމެންޓް