އައިކޮނިކް އެކްޓަރު ސޫމިތުރަ މަރުވެއްޖެ

ޑައިރެކްޓަރު ސަތިޔާޖިތު ރޭގެ ފިލްމެއްގައި ސޫމިތުރަ ޗެޓަރުޖީ ---

އިންޑިއާގެ އައިކޮނިކް އެކްޓަރެއް ކަމަށްވާ ސޫމިތުރަ ޗެޓަރުޖީ އުމުރުން 85 އަހަރުގައި މަރުވެއްޖެ އެވެ.

ބެންގާލީ ފިލްމުތަކުން އެތައް ބައެއްގެ ލޯބި ހޯދާފައިވާ ސޫމިތުރަ މަރުވެފައިވަނީ ކޮލްކަތާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވިއިރު އޭނާ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ގާތްގަނޑަކަށް 60 އަހަރުގެ ދިގު ފިލްމީ ކެރިއަރުގައި ސޫމިތުރަ އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ޕްރޮޖެކްޓުތަކަކީ އޮސްކާ އެވޯޑް ހޯދާފައިވާ ޑައިރެކްޓަރު ސަތިޔާޖިތު ރޭ އާއެކު ކުޅެފައިވާ ފިލްމުތަކެވެ. އެގޮތުން ރޭ ގެ 14 ފިލްމެއްގައި ލީޑް ރޯލުން ސޫމިތުރަ ވަނީ ފެނިގެން ގޮސްފަ އެވެ.

ސޫމިތުރަގެ އެކްޓިން ކެރިއަރުގައި އޭނާ ވަނީ 300 އަށްވުރެ ގިނަ ފިލްމު ކުޅެފައެވެ. އެކްޓަރެއްގެ އިތުރުން އޭނާ އަކީ ޕްލޭ ލިޔުންތެރިޔަކާއި ތިއޭޓަރު އެކްޓަރެއް އަދި ޕޮއެޓެކެވެ.

ފިލްމު އިންޑަސްޓްރީއަށް ކޮށްދީފައިވާ ހިދުމަތަށް ސޫމިތުރައަށް ވަނީ 2012 ވަނަ އަހަރު، ދާދާ ސާހެބް ޕަލްކޭ އެވޯޑް ދީފަ އެވެ. އެ އެވޯޑަކީ އިންޑިއާ ސިނަމާގައި ދޭ އެންމެ މަތީ ލަގަބެވެ. އަދި 2018 ވަނަ އަހަރުގައި އޭނާ އަށް ވަނީ ފްރާންސްގެ އެންމެ މަތީ އެވޯޑު ލީޖަން އޮފް އޮނާ ވެސް ލިބިފަ އެވެ.

comment ކޮމެންޓް