ހޯރަފުށި އެއާޕޯޓް ހުޅުވާތާ ހަފްތާއެއް ތެރޭ ޝެޑިއުލް ދަތުރު ފަށަނީ

ހޯރަފުށި އެއާޕޯޓު -- ފޮޓޯ ފޭސްބުކް

ހއ ހޯރަފުށީގައި ތަރައްގީކުރާ އެއާޕޯޓު ރަސްމީކޮށް ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އެ އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސާނީ މާދަމާއެވެ. ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވުން ތާވަލްކޮށްފައި ވަނީ މިމަހުގެ 17 ވާ އަންގާރަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެ ތާރީހަކާ ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެއާޕޯޓު ރަސްމީކޮށް ހުޅުވާތާ ހަފްތާއެއްގެ ތެރޭގައި ދަތުރުތައް ފެށިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވުމަށް އެރަށުގެ ރައްޔިތުން ދަނީ މަސައްކަތް ކުރަމުންނެވެ. ރަށުތެރެ ޒީނަތްތެރިކޮށް، އެއާޕޯޓު އަޅަން ހިއްކި ބިމުގައި ގަސްއިންދުމުގައިވެސް ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

ހޯރަފުށި އެއާޕޯޓުގެ މަސައްކަތް ކުރަނީ އެމްޓީސީީސީ އިންނެވެ. އެ އެއާޕޯޓު ތަރައްގީ ކުރަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.

ކުރީ ސަރުކާރުން ހއ މާފިނޮޅުގައި ތަރައްގީ ކުރަން ނިންމި އެއާޕޯޓު ހޯރަފުށީގައި އެޅުމަށް ނިންމީ މި ސަރުކާރުންނެވެ. އެއާޕޯޓު އެޅުމަށް ހޯރަފުށީ ފަޅުން 345،000 އަކަ މީޓަރުގެ ސަރަހައްދެއް ވަނީ ހިއްކައިފަ އެވެ.

comment ކޮމެންޓް