މިނިސްޓަރުކަން ލިބުނީ ވަކި މީހެއްގެ އަނތްބަކަށް ވީމަ ކަމަށް ނަހުލާ ގަބޫލެއް ނުކުރައްވާ

ޑިސެމްބަރ 9، 2019: ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ގޮފި "ރަތްފިޔަ" ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މިނިސްޓަރުކަން ލިބުނީ ވިލާ ކުންފުނީގެ ވެރިޔާ އަދި މަޖިލިސް މެމްބަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުންނަށް ވެގެން ނޫންކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމުންގެ މީހަކު ވަނީ، ނަހުލާއަށް މިނިސްޓަރުކަން ލިބުނީ ގާސިމްގެ އަނބިކަނބަލުންނަށް ވީމަކަމަށް ގަބޫލުކުރައްވާތޯ ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް މިނިސްޓަރު ދެއްވީ ވަރަށް ކުރު ޖަވާބެކެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، ކެބިނެޓަށް ވަޒީރަކު އައްޔަނު ކުރައްވާނެ ކަމަށް ވަކި މީހެއްގެ އަނތްބަކަށް ވެގެންނެއް،" ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ޓްރާސްޕޯޓް މިނިސްޓްރީ އަށް އައްޔަން ކުރުމުން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ. އެގޮތުން އޭނާއަކީ ޓްރާންސްޕޯޓު އަދި އޭވިއޭޝަން ދާއިރާގެ ތަޖުރިބާ ނެތް ފަރާތެއް ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ.

މީގެ އިތުރުން ނަހުލާއަކީ ގާސިމްގެ އަނބިކަނބަލުންނަށް ވެފައި، ވިލާ ކުންފުނީގެ ދަށުން ކަނޑުދަތުރުގެ ހިދުމަތާއި ވައިގެ ދަތުރުގެ ހިދުމަތްދޭ ކުންފުނިތައް އޮތުމުން، ނަހުލާ ޓްރާންސްޕޯޓު އަދި އޭވިއޭޝަން މިނިސްޓަރުގެ ގޮތުގައި ހުންނެވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ފާޑުކިޔަ އެވެ.

ނަހުލާ ވަނީ ރޭގެ ޕްރޮގްރާމުގައި އެ މޭރުމުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ވެސް ޖަވާބުދެއްވައިފަ އެވެ. ނަހުލާ ވިދާޅުވީ އޭނާއަކީ ވަކި ތަނަކަށް ނިސްބަތްވާ މިނިސްޓަރެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އޭނާއަކީ މި ސަރުކާރަށް ނިސްބަތްވާ، މި ސަރުކާރުގެ މިނިސްޓަރެއް ކަމަށެވެ.

"އަދި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ހިދުމަތް އޮންނަން ޖެހޭނީ ހުރިހާ ރައްޔިތުންނަށް އެއް ހަމައެއްގައި. ވަކި މީހަކަށް ވަކި ގޮތެއް އޮވެގެން ނުވާނެ. އަދި އަޅުގަނޑު އެކަން އެގޮތަށް ނުވެސް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް