ސިނަމާލެ ބުރިޖުން ފީ ނެގުމުގެ ވިސްނުމެއް ނެތް: މިނިސްޓަރު ނަހުލާ

ސިނަމާލެ ބުރިޖް -- ސަންފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބުރިޖުގައި ދަތުރުކުރާ ވެހިކަލްތަކުން ޓޮލް ފީ ނަގަން ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އާންމު ރައްޔިތަކު ފޮނުވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ބުރިޖު ހިދުމަތަކީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް އޮންނަންޖެހޭނެ ކަމަށާއި ސަރުކާރެއްގެ އެންމެ ބޮޑު ޒިންމާއަކަށް ވާންޖެހޭނީ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުން ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުގެ ވިސްނުމެއް ނެތް ބްރިޖްގެ އެއްވެސް ފީއެއް ނަގާކަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖު ބޭނުންކުރާ ފަރާތްތަކުގެ އަތުން ފީއެއް ނަގާނަމަ އެ ފީއެއް ނަގާނީ ބްރިޖު ބެލެހެއްޓުމުގެ، ނުވަތަ މެއިންޓެނަންސް މަސައްކަތްކުރުމަށް ފައިސާ ހޯދުމަށް އެކަނި ކަމަށް ކުރީ ސަރުކާރުން ވަނީ ބުނެފައެވެ.

ކުރީގެ ސަރުކާރުން ނިންމާފައި އޮތީ އިލެކްޓްރޯނިކް ނިޒާމެއް ގާއިމްކޮށް ބުރިޖު މަތިން ވެހިކަލުތައް ދަތުރުކުރާ އިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭނެ ގޮތަށް ފީ ނެގުމުގެ ކަންތައްތައް ކުރިއަށް ގެންދާށެވެ.

ޓޮލް ފީ ނަގާނެ ނިޒާމެއް ހަމަޖެއްސުމަށް އޭރު ބަޖެޓުގައި 56 މިލިއަނަށްވުރެން ގިނަ ރުފިޔާ ވެސް ހިމެނި އެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމާ ގުޅިގެން، ބްރިޖުން ފީ ނެގުމުގެ ކަންކަން މި ސަރުކާރަށް ދޫކޮށްލީއެވެ.

ސިނަމާލެ ބުރިޖު ހުރަސް ކުރާ ސައިކަލުތަކުން ފީ ނަގަން އާންމުން ބޭނުންނުވާކަން މިފަހުން ކުރި ދިރާސާއަކުން ވަނީ ދައްކައިފައެވެ.

comment ކޮމެންޓް