24 މިލިއަނުން ގާނޫނުން ލާޒިމުކުރާ ކަންކަންވެސް ނުކުރެވޭނެ: އެޗްއާރްސީއެމް

ބަޖެޓު ކޮމެޓީގެ ބައްދަލުވުން -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް އެކަށައަޅާފައިވާ ބަޖެޓުން ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ބަޖެޓު ދިރާސާކުރާ ކޮމެޓީގައި މިއަދު ވާހަކަދައްކަވަމުން އެ ކޮމިޝަނުގެ މެމްބަރު މުއުމިނާ ވަހީދު ވިދާޅުވީ ބަޖެޓާ ގުޅޭ ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން އެ ކޮމިޝަނާ ގާނޫނުން މަތިކޮށްފައިވާ ޒިންމާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ރާވާފައިވާ ހަރަކާތްތަކަށް ބޭނުންވާނެ ކަމަށް އެ ކޮމިޝަނުން އެންމެ ފުރަތަމަ ޕްލޭން ކުރީ 39 މިލިއަން ރުފިޔާ ކަމަށާއި އެހެން ނަމަވެސް ބަޖެޓު ސީލިންގ އަށް ފެއްތުމަށްޓަކައި، ފަހުން ހުށަހެޅީ 30 މިލިއަން ތިން ލައްކަ ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

އެހެން ނަމަވެސް ފިނޭންސް އިން ފާސްކޮށްދީ ފޮނުވާފައި އޮތީ 24 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މުއުމިނާ ވިދާޅުވިއެވެ. އެއީ ކޮމިޝަނުން ހުށަހެޅި އަދަދަށް ވުރެ ވެސް 18 ޕަސެންޓު މަދު އަދަދެކެވެ.

"މުވައްޒަފުންގެ މުސާރައާ އިދާރީ ކަންކަމަށް ހަރަދުކޮށްފައި އަޅުގަނޑުމެންނަށް ޕްރޮގްރާމްތައް ހިންގުމަށް ފަސް ވަރަކަށް މިލިއަން ރުފިޔާ އިނގޭތޯ އޮންނާނީ،" މުއުމިނާ ވިދާޅުވިއެވެ.

މުއުމިނާ ވިދާޅުވީ އެންޓި ޓޯޗާ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރަން އެކަށީގެންވާ ބަޖެޓު ލިބިފައި ނެތް ކަމަށާއި، އެއީ މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބި މީހުންގެ މަރުކަޒުތަކާއި ޖަލުތަކަށް ކުރާ ޒިޔާރަތްތަކަށް އެކަށީގެންވާ ބަޖެޓަކަށް ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަންނަ އަހަރަށް ޕްލޭންކޮށްފައި އިނީ މޮނިޓަރިން ވިޒިޓްތަކާ، ފޮލޯއަޕް ވިޒިޓް ތަކަށް ތިން ލައްކަ ރުފިޔާ. މީގެ ތެރެއިން އަޅުގަނޑުމެން ސީލިންގ އަށް ފައްތަން ވެގެން ދެ ލައްކަ ރުފިޔާ ބަޖެޓުގައި ޖެހީމަވެސް މިހާރު އަޅުގަނޑުމެންނަށް ބަޖެޓުން އުނިކޮށްފައި ވާ ގޮތުން، މިކަން އަޅުގަނޑުމެންނަކަށް ނުކުރެވޭނެ މެންޑޭޓު ލާޒިމްކުރާ މިންވަރާ ގާތަށް ވެސް،" މުއުމިނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު ވިސްލްބްލޯވާ ޔުނިޓަށް މިވަގުތު އެއްވެސް ސްޓާފެއް ހާއްސަކޮށްފައި ނުވާކަމަށާއި، ކޮމިޝަންގެ ލީގަލް އަދި އިންވެސްޓިގޭޓިވް ޑިޕާޓްމަންޓުން ދެ ސްޓާފުން ލައިގެން މަސައްކަތް ކުރުމުގައި ވަރަށް ބޮޑެތި ދަތިތަކެއް އެބަހުރިކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގާނޫނުގައި ބުނާ ވިންވަރަށް ވިސްލްބްލޯވާ ޔުނިޓު ހިންގުމަށްޓަކައި މަދުވެގެން އަށް މުވައްޒަފުން ބޭނުންވި ނަމަވެސް ސީލިންގ އަށް ބަޖެޓު ފެއްތުމަށް، ފިނޭންސް މިނިސްޓްރީއާ އެެކު ބޭއްވި ބައްދަލުވުމުގައި ކޮމްޕްރޮމައިޒްކޮށް، ތިން މުވައްޒަފުން ލައިގެން އަންނަ އަހަރު އެ ޔުނިޓު ހިންގަން އެއްބަސްވި ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް ތިން މުވައްޒަފުން ލައިގެން ވިސްލްބްލޯވާ ޔުނިޓު ހިންގޭ ވަރަށް ވެސް ބަޖެޓުގައި ފައިސާއެއް ނެތް ލިބިފައެއް،" މުއުމިނާ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި މީހުން ހޭލުންތެރި ކުރުމަށް ޕްރޮގްރާމްތައް ހިންގުމަކީ ވެސް އެ ޔުނިޓުގެ ޒިންމާއަކަށް ވާއިރު، ބަޖެޓުގެ ދަތިކަމުން އެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ގާނޫނުގެ ދަށުން ވަރަށް ބޮޑެތި ޒިންމާތައް މަތިކޮށްފަ، އެކަންކަން ކުރެވޭނެ ވަރާ ގާތަށް ވެސް އެއްވެސް މިންވަރަކަށް ފައިސާ ދެއްވާފައި ނެތުމަކީ ވަރަށް ބޮޑު ކޮންސާން އެއް. އަޅުގަނޑުމެންގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން އަންނަ އަހަރު ސުވާލުކުރީމަ އަޅުގަނޑުމެން ބުނާކަށް ބޭނުމެއް ނޫން ބަޖެޓުގެ ދަތިކަމުން މަސްއޫލިއްޔަތު އަދާނުކުރެވުނީއެކޭ،" އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ބައިނަލްއަގުވާމީ މުޖުތަމައުގައި އެޗްއާރްސީއެމް ތަމްސީލުކުރަންޖެހޭ ހާލަތުގައި ކޮމިޝަން ތަމްސީލުކުރެވޭ ވަރަށް ވެސް ބަޖެޓުގައި ފައިސާ ނެތުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ.

އަި ހިއުމަން ރައިޓްސް ކޮމިޝަންގެ ފުޓްސްޓެޕް އަތޮޅުތެރޭގައި އޮތީ ކިހާ މިންވަރަކަށްތޯ ދެނެގަތުމަށް ވަރަށް ފުޅާދާއިރާއެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމަށް އެކަށީގެންވާ ފައިސާ ވެސް ލިބިފައި ނެތް ކަމަށް ފާހަގަކުރެއްވިއެވެ.

"އެކަމަށް ވެސް އަޅުގަނޑުމެންނަށް ފައިސާ ލިބިފައި ނެތުމަކީ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ ސަގާފަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ގޮންޖެހުންތަކެއް ދިމާވެދާނެ ކަމެއް،" މުއުމިނާ ވިދާޅުވިއެވެ.

މުއުމިނާ ވިދާޅުވީ ކޮވިޑް19 ގެ ސަބަބުން ފައިސާގެ ވަރަށް ބޮޑު ދަތިކަމެއް ކުރިމަތިވެފައިވާކަން އެނގޭ ކަމަށާއި އެހެން ނަމަވެސް ގާނޫނުގައި މަތިކޮށްފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭ ވަރަށް ފައިސާ ނުދެވުނު ނަމަވެސް މަސައްކަތްތައް ކުރެވޭނެ ވަރަށް ފައިސާ ދޭނެވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ސައްވީސް މިލިއަން އަކީ ހަމައެކަނި މީހުންނަށް މުސާރަ ދީފަ، އިދާރާގެ ރެންޓް ދައްކާފަ ތިބެންވީ. މީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކަން ވެގެން ވާނެ ގޮތެއް ނޫން،" މުއުމިނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފިނޭންސް މިނިސްޓްރީން ބަޖެޓު ސީލިންގ އެއް ކަނޑައެޅީ މި އަހަރު އެޗްއާރްސީއެމް އިން މަސައްކަތްކޮށްފައިވާ މިންވަރަށް ބަލާފައިކަން ވެސް ގަބޫލުކުރާ ކަމަށެވެ.

އެހެން ނަމަވެސް މިހާރު އޮތީ މުޅިން އާ ކޮމިޝަނެއް ކަމަށާއި، އާ ކޮމިޝަނުން މަސައްކަތް ކުރާނެ އާ ތަސައްވުރެއް އޮތް އިރު، އެ ކޮމިޝަނަށް އެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

comment ކޮމެންޓް