ދިވެހި ކަރޯކޭ ލަވަތަކަށް ހާއްސަ ވެބްސައިޓެއް ލޯންޗްކޮށްފި

ކަރޯކޭ އެމްވީ. ފުރަތަމަ ދިވެހި ވެބްސައިޓް

ވީކެންޑްތަކާއި، ރަށްޓެހިންނާއި އާއިލީ އެއްވުންތަކުގައި ނިކަން ފޯރިއާއިއެކު ކަރޯކޭ ޖައްސާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ދިވެހި އަމިއްލަ ކަރޯކޭ ވެބްސައިޓެއް އަމިއްލަ ފަރާތަކުން ލޯންޗްކޮށްފިއެވެ. މި ވެބްސައިޓަކީ ދިވެހި ކަރޯކޭ ލަވަތަކަށް ހާއްސަކޮށްގެން ލޯންޗުކުރި މިފަދަ ފުރަތަމަ ވެބްސައިޓެވެ.

މި ވެބްސައިޓްގެ ފަހަތުގައިވާ މޫނުތަކަކީ ކޮބައިކަން އަދި އާންމުންނަށް އެނގޭކަށް އެފަރާތްތަކުން ބޭނުމެއް ނުވެއެވެ. ނަމަވެސް ވެބްސައިޓަކާއި ހަމައަށް ކުރި ދަތުރު މިވަނީ "ސަން"އާ ހިއްސާކޮށްފައެވެ.

މި ވެބްސައިޓަކީ އާއިލީ މަސައްކަތެކެވެ. ޕްރޮފެޝަނަލްކޮށް ލަވަ ނުކިޔެއްކަމަކު ގޭތެރޭގައި އާއިލާ އެއްކޮށް ކަރޯކޭ ކިޔުމަކީ އެންމެ ފޯރީގައި ކުރަމުން އައި އެއްކަމެވެ. ނަމަވެސް ދިވެހި ކަރޯކޭ ލަވަތައް އެހާގިނައިން ލިބެން ނެތުމާއެކު އެ ލަވަތައް އެއްކުރުމުގެ މަސައްކަތް ކުރާތާ ހަ އަހަރު ވެދާނެ ކަމަށް އެފަރާތްތަކުން ބުންޏެވެ.

މީގެކުރިން ކަރޯކޭ ލަވަހަދާ ޔޫޓިއުބްއަށްވެސް އަޕްލޯޑް ކުރަމުން އައި ނަމަވެސް، ވަކި ހިސާބަކުން މި މަސައްކަތުން އާމްދަނީ ހޯދުމުގެ ޚިޔާލު އައުމާއެކު އެ ނިޔަތުގައި މަސައްކަތް ފެށުނެވެ.

ނޮވެމްބަރު 11 ގައި ވެބްސައިޓް ލޯންޗްކުރެވުނު އިރު 1،000 އަށްވުރެ ގިނަ ދިވެހި ކަރޯކޭ ލަވަ ވަނީ ތައްޔާރު ކުރެވިފައެވެ.

ކަރޯކޭ އެމްވީގެ ކޮންމެ ލަވައަކާއެކު ވެސް ދިވެހިން ލިރިކްސް ފެންނަން ހުންނާނެ އެވެ. އަދި ލަވަ ކިޔަމުން ދާވަރަކަށް ފާހަގަވާންވެސް ހުންނާނެ އެވެ.

މިހާތަނަށް ތައްޔާރުކުރެވިފައިވާނީ ގިނައިން ކޮޕީލަވަތައް ކަމުގައިވިޔަސް، ދިވެހި އާޓިސްޓުންގެ އަމިއްލަ ރާގުގެ ލަވަތައްވެސް ކޮޕީރައިޓްސް ހޯދުމަށްފަހު ތައްޔާރުކުރަމުން ދާނެ ކަމަށް ވެބްސައިޓްގެ ފަރާތުން ބުންޏެވެ.

"އަޅުގަނޑުމެން ވެބްސައިޓް ތައްޔާރުކުރިއިރު ބެލީ ވީހާވެސް ރަނގަޅު ފެންވަރެއްގައި މިކަން ކުރެވޭތޯ. ގިނަވާނީ ހުސް ކޮޕީ ރާގުތައް. އަމިއްލަ ރާގުތަކުގެ ކޮޕީރައިޓްސް ލިބޭވަރަކުން އެޑްކުރަމުން ދާނަން. މިިހާރުވެސް އުޅޭނެ ދެތިން ޢާޓިސްޓެއް" ވެބްސައިޓްގެ ފަރާތުން ބުންޏެވެ.

ވެބްސައިޓްގައި މިހާރު ދެ ޕެކޭޖެއް ލިބެން ހުންނާނެ އެވެ. އެއީ 24 ގަޑިއިރަށް ދޫކުރާ 300 ލަވައިގެ އެކްސެސް ލިބޭ "ޕާޓީ" ޕެކޭޖާއި، ހަފްތާއެއް ވަންދެން 500 ލަވައިގެ އެކްސެސް ލިބޭ "އެންޖޯއީ" ޕެކޭޖެވެ.

ވެބްސައިޓްގެ ފަރާތުން ބުނީ މިހާރު މަސައްކަތްކުރަމުންދަނީ މަހުން މަހަށް ފައިސާ ދެއްކޭނެހެން ސަބްސްކްރިޕްޝަންއެއް ތައާރަފްކުރުމަށް ކަމުގައެވެ. ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންގެ ޚިޔާލުތަކާއި އެކު ގެންނަންޖެހޭ ބަދަލުތައް ގެންނަން ތައްޔާރުކަމުގައިވެސް ވެބްސައިޓްގެ ފަރާތުން ބުންޏެވެ.

comment ކޮމެންޓް