މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ 30 ޕަސެންޓް ދަށް

ފަތުރުވެރިކަން ދަށަށް ގޮސް ޑޮލަރު އާމްދަނީ ވަނީ ދަށްވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ދައުލަތުގެ ޓެކްސް އިދާރާ މީރާ އަށް މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށަށް ހިނގައްޖެއެވެ.

މީރާ އިން ހޯމަ ދުވަހު އާންމު ކުރި ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އޮކްޓޯބަރު މަހު އެ އިދާރާ އަށް 4.68 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ. އޭގެ ކުރީ ސެޕްޓެމްބަރު މަހު 6.74 މިލިއަން ޑޮލަރު ބަލައިގެންފައިވެ އެވެ.

ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މީރާ އަށް ޑޮލަރުން ލިބުނު އާމްދަނީ ވަނީ 2.06 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. އެއީ ގާތްގަނޑަށް 30 ޕަސެންޓުގެ ދަށްވުމެކެވެ.

މިއަހަރުގެ އޮގަސްޓު މަހު މީރާ އިން ވަނީ 21.67 މިލިއަން ރުފިޔާ ޑޮލަރުން ބަލައިގެންފަ އެވެ. އޮގަސްޓު މަހަކީ ކޮވިޑް19 ގެ ބަލިމަޑުކަން ފެތުރެންފަށައި، ޓޫރިޒަމް ދަށަށް ދިޔަފަހުން އެންމެ ބޮޑު އަދަދެއްގެ އާމްދަނީ ޑޮލަރުން ލިބުނު މަހެވެ.

އޮކްޓޯބަރު މަހު ޑޮލަރުން ލިބުނު އާމްދަނީގެ 70 ޕަސެންޓަކީ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިން ލިބުނު އާމްދަނީއެވެ. ޓީޖީއެސްޓީގެ ގޮތުގައި 3.3 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޑޮލަރުން ލިބުނު އާމްދަނީގެ 12 ޕަސެންޓަކީ ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ގްރީން ޓެކްސްގެ ގޮތުގައި 568،554 ޑޮލަރު ލިބުނުއިރު އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 260,653 ޑޮލަރު ވަނީ ލިބފައެވެ. މިއީ ޑޮލަރު އާމްދަނީގެ 5.6 ޕަސެންޓެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިނުނު އާމްދަނީ އަކީ ޑޮލަރުން ލިބުނު އާމްދަނީގެ 5.5 ޕަސެންޓެވެ. އެއ ޖުމްލަ 257,884 ޑޮލަރެވެ. ބީޕީޓީގެ ގޮތުގައި 182،151 ޑޮލަރު ލިބުނު އިރު މިއީ ޑޮލަރުން ލިބުނު އާމްދަނީގެ 3.9 ޕަސެންޓެވެ. ބީޕީޓީގެ ގޮތުގައި 182,151 ޑޮލަރު މިދިޔަ މަހު ވަނީ ބަލައިގެންފަ އެވެ.

މީރާ އިން ބުނެފައިވަނީ އާމްދަނީ ދަށްވީ ޓޫރިޒަމް ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއެކު، އެ ދާއިރާ އިން ދައްކާ ޓެކްސް މަދުވުމުން ކަމަށެވެ.

މީރާ އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ޑޮލަރުން ބަލައިގަތް އާމްދަނީ ވަނީ 75.9 ޕަސެންޓް ދަށްވެފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޓީޖީއެސްޓީ އާއި ގްރީންޓެކްސް އަަދި އޭޑީސީ އާއި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމެވެ.

މީގެ ކުރިން ޓީޖީއެސްޓީ ދައްކަމުން ގޮސްފައިވަނީ ހަމައެކަނި ޑޮލަރުން ނަމަވެސް، ޓޫރިޒަމަށް ހީނަރުކަން އައި ބޭރުފައިސާ ލިބުން ދަތިވުމުގެ ސަބަބުން ދިވެހި ރުފިޔާ އިން ޓީޖީއެސްޓީ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފަ އެވެ.

ރާއްޖެ އަށް ބޭރުފައިސާ ލިބޭ މައިގަނޑު ދާއިރާ އަކީ ޓޫރިޒަމް ދާއިރާ ކަމަށްވާއިރު ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާ ގުޅިގެން ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ، އިމްޕޯޓު ކުރާ މުދަލުގެ އަގު ދަނީ އުފުލެމުންނެވެ.

comment ކޮމެންޓް