ލޮނުޒިޔާރަތް ޕާކު ހުޅުވައިފި

ލޮނުޒިޔާރަތް ޕާކު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މާލޭގެ ލޮނުޒިޔާރަތްކޮޅުގައި ތަރައްގީ ކުރި ޕާކު "ލޮނުޒިޔާރަތް ޕާކު" މިއަދު ހުޅުވައިފި އެވެ.

ލޮނުޒިޔާރަތް ޕާކުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކި ސަބަބުތަކާ ހުރެ ނުނިމި ލަސްވިޔަސް، މި އަހަރުގެ ސެޕްޓޭމްބަރު މަހު ހިސާބު އެ ޕާކުގެ މަސައްކަތް އެކީހެން ނިންމާލި އެވެ. މާލޭގެ މޭޔަރު ޝިފާ މުހައްމަދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އޭރު އެތަން ނުހުޅުވި ލަސްވީ ކޮވިޑް-19އާ ހެދި އެވެ.

ޖުމްހޫރީ ދުވަހާ އަމާޒުކޮށް މިއަދު އެ ޕާކު ހުޅުއްވައިދެއްވީ، އެތަނުގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ކުރީގެ ހައުސިން މިނިސްޓަރު އުމަރު ޒާހިރެވެ. އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އޮގަސްޓް 5، 2020: ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ފެހިކަންގަދަ ހިތްގައިމު ބަގީޗާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޮނުޒިޔާރަތް ޕާކު ތަރައްގީކޮށްފައި ވަނީ ހިތްފަސޭހަ ކަމާއެކު އާންމުންނަށް ތިބެވޭނެ ފެހި ތަނެއްގެ ގޮތުގަ އެވެ.

ނާސަރީގައި ހައްދައިގެންނާއި އެކި ގޮތްގޮތުން ހޯދައިގެން އެތަނުގައި ގިނަ އަދަދެއްގެ ގަސް އަދި ވިނަ އިންދާފައިވެ އެވެ. އެ ޕާކުގައި ފެންގަނޑެއްވެސް އޮންނަ އިރު، އެތަނުގައި މީހުންނަށް އިށީނދެ ތިބެވޭނެހެން ބެންޗު ޖަހާފައި ހުރެ އެވެ. އަދި އެތަނުގައި ޖޮގިން ޓްރެކެއްވެސް ހުރެ އެވެ.

މާލޭގެ މޭޔަރު ޝިފާ ވިދާޅުވެފައިވާ ގޮތުގައި، ލޮނުޒިޔާރަތް ޕާކުގައި ވެޑިން އާއި އެކި ހަފްލާތައް ބޭއްވުމުގެ ފުރުސަތުވެސް އޮންނާނެ އެވެ.

އޮގަސްޓް 5، 2020: ލޮނުޒިޔާރާތްކޮޅުގައި ތަރައްގީކުރާ ފެހިކަންގަދަ ހިތްގައިމު ބަގީޗާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިޓީ ކައުންސިލްއިން މީގެ ކުރިން ބުނީ ލޮނުޒިޔާރަތް ޕާކް ހުޅުވުމުން އެތަނަކީ ރާއްޖޭގެ އެންމެ ބޮޑު ޕާކަށް ވެގެންދާނެ ކަމަށެވެ.

ލޮނު ޒިޔާރަތް ޕާކް ހުރި ބިން ބުރިޖު ހެދިއިރު ބޭނުންކުރަމުން ދިޔައީ ކޮންސްޓްރަކްޝަން ސައިޓެއްގެ ގޮތުގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް