ގެދޮރު ނެތް މާލެ މީހުންނަށް ހާއްސަ މަޝްރޫއުތަކެއް ފަށަނީ

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް އަންނަ އަހަރު މާލެ ސަރަހައްދުގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްގީކުރާއިރު، އަސަރުކާރުގެ އަމާޒުން މާލެ ކައްސާލައިގެން ނުދާ ކަމަށެވެ.

"ކުރިއަށް އޮތް އަހަރު ސަރުކާރުން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ، އަމިއްލަ ބޯހިޔާވަހިކަމެއް ނެތް، މާލެއަށް އުފަން ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ހާއްސަ މަޝްރޫއުތަކެއް މާލެ ސަރަހައްދުގައި ފެށުން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ މާލޭގައި ބޯހިޔާވަހިކަން ނެތް މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެންމެ އުންމީދުކުރެއްވި ސްޕީޑުގައި ކުރެވިފައި ނުވާ ކަމަށެވެ.

ނަމަވެސް ކުރިއަށް އޮތް އަހަރު، ސަރުކާރުގެ އެންމެ މުހިންމު މަސައްކަތަކަށް ވެގެންދާނީ މާލޭގެ ބޯހިޔާވަހިކަން ނެތް ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހިންގޭ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން މި މަހާއި އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ގާތްގަނޑަކަށް 3،000 ފްލެޓެއްގެ އަމަލީ މަސައްކަތް ފެށިގެންދާތަން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ނުކުރެވި ހުރި މަސައްކަތްތަކަށް ފޯކަސް ކޮށްގެން ކުރިއަށް އޮތް އަހަރު އަޅުގަނޑުމެން މަސައްކަތް ފަށައިގެން ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން 10،294 ހައުސިންގެ ޔުނިޓެއްގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން މާލޭ މީހުންނަށް ގޯތީގެ ގޮތުގައި 1،474 ޕްލޮޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށް މީގެ ކުރިން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ.

އެއީ ގުޅީފަޅު ހިއްކާ އެތަނުގައި ތަރައްގީކުރެވޭ ރެސިޑެންޝަލް ސަރަހައްދުން ރޯ ހައުސް ތަރައްގީ ކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާ 750 އަކަފޫޓުގެ 1،200 ޕްލޮޓާއި ހުޅުމާލޭ ފޭސް ދެއަކުން 1،000 އަކަފޫޓުގެ 26 ޕްލޮޓް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިތުރު 1،000 އަކަފޫޓުގެ 248 ޕްލޮޓް ވިއްކުމަށް ހަމަ ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތައް ފެށުމަށް ބޭނުންވާ އިކުއިޓީ ދިނުމަށް ބަޖެޓުން ޖާގަ ދީފައިވެއެވެ. އެއީ ދާއިމީ ގޮތެއްގައި އަހަރަކު 2،000 ހައުސިންގ ޔުނިޓުގެ އިކުއިޓީ ދެވޭނެ ގޮތަށް ބަޖެޓުކޮށްފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން، 2021 ވަނަ އަހަރު އަލަށް ފަށާ ނޭޝަނަލް ސޯޝަލް ހައުސިންގ މަޝްރޫއަށް 496.1 މިލިއަން ރުފިޔާ އާންމު ބަޖެޓުން އިކުއިޓީގެ ގޮތުގައި ދިނުމަށް ރާވައިފައިވެއެވެ.

comment ކޮމެންޓް