ވަޒީފާއަށް ނުކުތް އަފްގާނިސްތާނުގެ އަންހެނަކަށް ހަމަލާދީ ކަނުކޮށްލައިފި އެވެ.
ޚަތީރާ ނަމަކަށް ކިޔާ 33 އަހަރުގެ އެ އަންހެން މީހާ މަސައްކަތް ކުރަމުންދިޔައީ އަފްގާނިސްތާނުގެ ގަޒްނީގެ ފުލުހުންގެ އިދާރާގައެވެ.
އޭނާ ވަޒީފާއިން ނުކުތްތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތިން މީހަކު އައިސް ވަނީ ވަޅިން ލޮލަށް ހަމަލާދީފަ އެވެ.
އެ އަންހެން މީހާ ތުހުމަތުކުރާ ގޮތުގައި އޭނާއަށް ހަމަލާ ދިނީ ތަލިބާނުންނެވެ. ނަމަވެސް ތަލިބާނުން އެ ތުހުމަތުތައް ދޮގުކުރެ އެވެ.
ޚަތީރާ ބުނާ ގޮތުގައި އޭނާ މަސައްކަތް ކުރަން އޭނާގެ ބައްޕަ ނުރުހެ އެވެ. އަދި އޭނާއަށް ހަމަލާ ދޭން ތަލިބާނުންނަށް މައުލޫމާތު ދިނީ އޭނާގެ ބައްޕަ އެވެ.
ގަޒްނީގެ ފުލުހުންގެ ތަރުޖަމާނު ވިދާޅުވީ އެ ހަމަލާގެ ފަހަތުގައި އޮތީ ތަލިބާން ކަމަށެވެ. އަދި ޚަތީރާގެ ބައްޕަ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ބުންޏެވެ.
ޚަތީރާ އޭނާގެ ފަސް ކުދިންނާ އެކު ފިލައިގެން މިހާރު ހުރި ކާބުލްގަ އެވެ. އޭނާގެ ކެރިއަރު ގެއްލިފައިވާތީ އޭނާ ދަނީ ވަރަށް ބޮޑަށް ހިތާމަކުރަމުންނެވެ.
ތަލީބާނުންނާ އަފްގާނިސްތާނުގެ ސަރުކާރާ މިހާރުވެސް ދަނީ ގަތަރުގެ ވެރިރަށް ދޯހާގައި ވާހަަކަތައް ބާއްވަމުންނެެވެ. ކުރިން އަންހެނުން އެމީހުންގެ ހައްގުތަކުން މަހުރޫމް ކޮށްފައި އޮތް ނަމަވެސް ދެން އެމީހުންގެ ހައްގުތަކަށް އިހްތިރާމްކުރާނެކަމަށް ތަލިބާނުން މިހާރު ދަނީ ބުނަމުންނެވެ. ނަމަވެސް އެކަން އަފްގާނިސްތާނެ ބައެއް ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.-- އަލްޖަޒީރާ--