ގާސިމް އަތުން ހަ މިލިއަން ރުފިޔާ ހޯދަން ޖާބިރު ދައުވާކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ފޮޓޯ/ މަޖިލިސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަތުން ހަ މިލިއަން ރުފިޔާ ހޯއްދަވަން ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ދައުވާ ކުރައްވައިފި އެވެ.

ގާސިމަށް ދައުވާ ކުރަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމު މިއަދު ޑީއާރްޕީއިން ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް، އެ މައްސަލަ ސިވިލް ކޯޓުން ބަލައިގެން ކަމެއް އަދި ނޭނގެ އެވެ.

އެ ފޯމުގައިވާ ގޮތުން އެ ދައުވާ އަކީ ގާސިމްއަށް ޖާބިރު ދެއްވި ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ ލޯނެއްގެ ތެރެއިން ނުދައްކާ ހުރި 65،000 ޑޮލަރު (އެއް މިލިއަން ރުފިޔާ) ހޯދުމަށާއި، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މެދުވެރިކޮށް، ގާސިމް ޖާބިރު އަތުން ހޯއްދެވި ކަމަށް ބުނާ ފަސް މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ހޯއްވަން ކުރެއްވި ދައުވާ އެކެވެ. އެއީ މުޅި ޖުމްލަ ހަ މިލިއަން ރުފިޔާ އެވެ.

ގާސިމްއާ ދެކޮޅަށް ޖާބިރު ދައުވާކުރައްވާފައިވާ އިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ދެއްވި ކަމަށް ޖާބިރު ވިދާޅުވާ 29 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދައްކާފައި ނުވާ ކަމަށް ބުނެ އެ މައްސަލައިގައިވެސް ޖާބިރު ވަނީ ސިވިލް ކޯޓުގައި ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ސިވިލް ކޯޓުގައި ކުރިއަށް ދެ އެވެ.

comment ކޮމެންޓް