އިންޑިއާގެ ފޮރިން ސެކެޓްރީ އިދިކޮޅު ބޭފުޅުންނާ ބައްދަލުކުރައްވައިފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ ރާއްޖެއަށް ކުރައްވަމުނެ ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މިއަދު ފޮރިން ސެކެޓްރީ ޝްރިންގްލާ ވަނީ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ އިސްވެރިންވެސް ހިމެނެ އެވެ.

އެ ބައްދަލުވުމުގައި އެ ކޯލިޝަނުގެ ހާއްސަ އެޑްވައިޒަރު، ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދާއި، ގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ގައްސާން އަބްދުލްގައްޔޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

ފޮރިން ސެކްރެޓަރީ ޝްރިންގްލާ ވަނީ ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަރިހަށްވެސް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އިންޑިއާ އާއި ރާއްޖޭގެ މެދުގައިވާ ގުޅުމުގެ ބިންގާ ވަރުގަދަކުރުމަށް އެމަނިކުފާނު ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅު ޝްރިންގްލާ ފާހަގަކުރެއްވި އެވެ.

ހޯމް މިިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ވެސް މިއަދު ބައްދަލުކުރެއްވި އެވެ. އޭގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމާވެސް ބައްދަލުކުރެއްވި އެވެ.

ޝްރިންގްލާ ރާއްޖެ ވަޑައިގަތީ މިިދިޔަ އާދީއްތަ ދުވަހު އެވެ. ދަތުރު ނިންމަވާލައްވާނީ މިއަދު އެވެ.

comment ކޮމެންޓް