ތައުލީމުގެ ބިލް ތަސްދީގު ކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ތައުލީމުގެ ބިލް ތަސްދީގު ކުރައްވައިފި އެވެ.

މި ބިލް ތަސްދީގު ކުރެއްވުމާއެކު މިހާރު ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

މި ގާނޫނަށް އަމަލު ކުރާނީ ބިލު ފާސްކުރާ ފަހުން އެންމެ އަވަހަށް ފެށޭ ދިރާސީ އަހަރުން ފެށިގެންނެވެ.

ތައުލީމާ ބެހޭ ގާނޫނެއްގެ މަގުސަދަކީ އުނގެނުމުގެ ހައްގު ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ކަށަވަރުކޮށްދީ، މުދައްރިސުންގެ ހައްގުތައް ރައްކާތެރިކޮށްދޭނެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ.

އިސްލާމީ އަގީދާ އާއި އިސްލާމީ ތަރުބިއްޔަތު އުނގަންނައިދޭ، އަދި އިސްލާމީ ޝަރީއަތާއި އަގީދާއާ ފުށުނާރާނެހެން އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމަށާއި، އާންމުކޮށް އެންމެންގެ މެދުގައި ސުލްޙަމަސަލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދޭ، އެ ކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް ގާއިމުކުރުމަކީވެސް މި ގާނޫނުގެ މަގުސަދެކެވެ.

މި ބިލް ބުނާގޮތުން ރާއްޖޭގައި ޕްރީސްކޫލު ތައުލީމާއި ފަށާ ތައުލީމާއި ސާނަވީ ތައުލީމް އަދި މަތީ ސާނަވީއަށް ކިޔަވައިދޭ ކޮންމެ ސްކޫލެއްގައި ވެސް ދިވެހި ދަރިވަރުންނަށް އިސްލާމީ އަގީދާއާއި އިސްލާމީ ތަރުބިއްޔަތު އަދި ދިވެހި ބަސް ކިޔަވައިދޭން ޖެހޭނެ އެވެ.

ރާއްޖޭގައި އުޅޭ ހަތަރު އަހަރާ 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ މަޖުބޫރު ތައުލީމް ލާޒިމްވާނެ ކުއްޖެއް ކަމަށާއި ޕްރީސްކޫލު ތައުލީމް ވެސް ހިލޭ ފޯރުކޮށްދޭން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެ އެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާއިރު ހިދުމަތުގައި ތިބި ޓީޗަރުން ދެ އަހަރު ދުވަހުގެ ތެރޭގައި ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެ ކަމަށް ބިލުގައި ބުނެ އެވެ.

comment ކޮމެންޓް